މި ހިނގާ ފެބުރުވަރީ މަހުގެ 21 ވަނަ ދުވަހު އީރާނުގައި ކުރިއަށް ގެންދިޔަ އެގައުމުގެ އާންމު އިންތިހާބުގައި ވޯޓުދިން މީހުންގެ އަދަދު، ރެކޯޑް މިންވަރަކަށް ދަށަށް ގޮސްފައިވާކަމަށް ޚަބަރު ލިބިއްޖެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި އީރާނުގައި އެންމެ ފަހުން ބޭއްވި އާންމު އިންތިހާބުގައި ވޯޓުދީފައިވަނީ، ހައްގު ލިބިފައިވާ މީހުންގެ 42.6 ޕަސެންޓް މީހުންނެވެ. މިއީ 1979 ވަނަ އަހަރުގެ އީރާނު އިންގިލާބަށްފަހު މި އަދަދު އެންމެ ދަށްކޮށް ރެކޯޑްކުރެވުނު ފަހަރުވެސްމެއެވެ.
އީރާނުގެ ރޫހީ ލީޑަރު ޢާޔަތުﷲ ޢަލީ ޚާމަނާއީ ވިދާޅުވީ މިއީ އީރާނުގެ ދުޝްމަނުން ފެތުރި ނެގެޓިވް ޕްރޮޕަގަންޑާގެ ނަތީޖާކަމަށާ، އިންތިހާބުގައި ބައިވެރިވުމާ ދުރަށް އާންމުން ގެންދިއުމަށް އެފަރާތްތަކުން ދިޔައީ ކޮރޯނާވައިރަސް ޑިޒީސް (ކޮވިޑް-19)ގެ ބިރުވެރިކަން ހަގީގަތަށްވުރެ އިންތިހާއަށް ބޮޑުކުރަމުންކަމަށެވެ.
މީގެ މަސްތަކެއް ކުރިން ނެގެޓިވް ޕްރޮޕަގަންޑާ ފެށި ނަމަވެސް، އިންތިހާބާ ދިމާކޮށް އެވާހަކަތައް ދެއްކި މިންވަރު އިންތިހާއަށް އިތުރުވެފައިވާކަން ޚާމަނާއީ ފާހަގަކުރެއްވިއެވެ.
ޚާމަނާއީގެ ވާހަކަތައް މިފަދަ ރޫހެއްގައި ހުރިއިރު، އީރާނުން ފުރަތަމަ ފަހަރަށް ކޮވިޑް-19 ފެނިއްޖެކަމަށާ، އެ ބަލީގައި ބަޔަކު މަރުވެއްޖެކަން އީރާނުން ކަށަވަރުކޮށްދިންއިރު އާންމު އިންތިހާބުގެ ވޯޓަށް 24 ގަޑިއިރުވެސް ނެތެވެ. ނަމަވެސް އީރާނުގެ މީޑިއާތަކުން ދިޔައީ ކޮވިޑް-19ގެ ބިރާ ހެދި ވޯޓުލާން ނުގޮސް ނުތިބުމަށް އީރާނުގެ ރައްޔިތުންނަށް ގޮވާލަމުންނެވެ.
އީރާނުގެ ދާހިލީ ވަޒީރު ޢަބްދުލްރިޒާ ރަހުމާނީ ފަޒްލީ ވިދާޅުވީ އިންތިހާބުގައި ވޯޓުދިން މީހުންގެ އަދަދު ދަށްވުމަކީ ގަބޫލުކުރެއްވޭ ވަރުގެ ކަމެއް ކަމަށެވެ. އެގޮތުން ވޯޓުލީ ދަނޑިވަޅަކީ ކޮވިޑް-19ގެ އިތުރުންވެސް އިތުރު ކަންތައްތަކެއް މެދުވެރިވެފައި އޮތް ދަނޑިވަޅެއްކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ސިލްސިލާ މުޒާހަރާތަކާ، އީރާނުގެ އަސްކަރިއްޔާއިން ޔޫކްރައިންގެ ފަސެންޖަރުން އުފުލާ މަތިންދާބޯޓެއް ވައްޓާލުން ފަދަ ކަންތައްތަކެއް ހިނގާފައިވާކަމަށާ، ވޯޓުލުން ކުރިއަށްދިޔަ ދުވަހަކީ މޫސުންވެސް ގޯސް ދުވަހެއްކަން އީރާނުގެ ދާހިލީ ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
އާންމު އިންތިހާބުގެ ރަސްމީ ނަތީޖާ އަދި އިއުލާންކޮށްފައެއް ނުވެއެވެ. ނަމަވެސް މިހާތަނަށް ލިބިފައިވާ ނުރަސްމީ މައުލޫމާތުތަކަށް ބަލާއިރު ކުރީގައި އުޅެނީ، ޚާމަނާއީގެ ފިކުރަށް ތާއީދުކުރައްވާ ކެންޑިޑޭޓުންނެވެ. މިހާތަނަށް ގޮނޑި ކާމިޔާބު ކުރެއްވިކަން ކަށަވަރުވެފައިވާ ކެންޑިޑޭޓުންނަށް ބަލާއިރު، އީރާނުގެ 290 މެމްބަރުންގެ މައްޗަށް އެކުލެވޭ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ކަން ކުރައްވާނީ، އީރާނު އަސްކަރިއްޔާގެ އެންމެ ނުފޫޒުގަދަ އެއް ގޮފި ކަމަށްވާ ރިވަލޫޝަނަރީ ގާޑުންގެ ކޮމާންޑަރުކަން ކުރިން ކުރައްވާފައިވާ މުޙައްމަދު ބާގޮރު ޤާލިބާފް ކަމަށް މުރާސިލުން ލަފާކުރެއެވެ.