އިދިކޮޅު ޕާޓީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ދަރިފުޅާއި ޅީދަރިއަށް ދައުލަތުގެ ބަޖެޓުން 72،438 ރުފިޔާ ހަރަދު ކުރި މައްސަލައިގަައި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު އާޝޯޚު ވެއްޖެއެވެ.

އަދުރޭގެ ދަރިފުޅު، ފައިސަލް އިބްރާހިމްއާއި ޅީދަރިއަށް ދައުލަތުގެ ބަޖެޓުން 72،438 ރުފިޔާ ހަރަދު ކުރި މައްސަލައެއް ފެންމަތިވެފައި ވަނީ މިއަދު އާންމު ކުރި އޮޑިޓާ ޖެނެރަލްގެ ރިޕޯޓުންނެވެ. އެ ރިޕޯޓުގައި ފައިސަލްގެ އިތުރުން މުހައްމަދު ފަހުމީ ހަސަން ގެ މައްސަލައެއްވެސް ފާހަގަކޮށްފައި ވެއެވެ.

މިކަމަށް ރައްދު ދެއްވަމުން ދިޔާނާ ވިދާޅުވީ، އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި އެތައް ސިޔާސީ ފަރާތެއް ޝާމިލްވާ އިރު އެފަރާތްތަކަށް ފިޔަވަޅު އެޅިފައި ނުވާތީ "ދެން ވަރިހަމަ" ކަމަށެވެ.

ދިޔާނާ ވިދާޅުވީ، އެމްއެމްޕީއާރްސީގެ ހިޔާނާތުގައި 18 ވަނަ މަޖިލީހުގެ 44 މެންބަރުންނާއި 19 ވަނަ މަޖިލީހުގެ 16 މެންބަރުން ހިމެނޭ ކަމަށެވެ. އަދި ކުރީ ސަރުކާރުގެ އިސް ފަންތީގެ 30 ބޭފުޅުންނާއި މީގެ އިތުރުންވެސް އެތައް ބަޔަކު ޝާމިލްވާ ކަމަށް ބުނާއިރު އެއިން ފަރާތަކަާމެދު ފިޔަވަޅު އެޅިފައި ނުވާ ކަމަށް ދިޔާނާ ވިދާޅުވިއެވެ.

އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު މިއަދު އާންމު ކުރެއްވި، ފޮރިން މިނިސްޓްރީގެ 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުގައި، މެލޭޝިއާ އެމްބަސީގައި މަސައްކަތް ކުރާ މުވައްޒަފުން އެ ގައުމުގެ އިންޝުއަރެންސް ސްކީމްގައި ބައިވެރި ކޮށްފައިވީ ނަމަވެސް އެ ސްކީމްގެ ބޭރުން ހޯދާފައިވާ ހިދުމަތްތަކަށް އެމްބަސީގެ ބަޖެޓުން ހަރަދު ކޮށްފައި ވެއެވެ.

އެގޮތުން، އެ އެމްބަސީގެ މިނިސްޓާ-ކައުންސެލާގެ މަގާމުގައި ހުންނެވި ބޭފުޅާ އާއި އޭނާގެ އަނބިކަނބަލުން "ޕްރާޑާ" ބްރޭންޑްގެ އައިނެއް ހެއްދުމަށް އެމްބަސީގެ ބަޖެޓުން 72،438 ރުފިޔާ ހަރަދުކޮށްފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށް އޮޑިޓް ރިޕޯޓްގައި ވެއެވެ. އެ ރިޕޯޓުގައި އެމްބަސީގެ މިނިސްޓާ ކައުނސިލާއަކީ ކޮން ބޭފުޅޭއްކަން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އޭރު އަދުރޭގެ ދަރިފުޅު ފައިސަލް ނަސީމް އާއި ފައިސަލްގެ އަންހެނުން އުޅުނީ މެލޭޝިއާގައެވެ. އޭރު ފައިސަލް މަސައްކަތް ކުރީ މެލޭޝިއާގައި ހުންނަ ރައްޖޭގެ އެމްބަސީގެ އެމަގާމުގައެވެ.

މީގެ އިތުރުން އެ ރިޕޯޓުގައި މެލޭޝިއާގައި އޭރު ހުންނެވި ދިވެހި ސަފީރާއި އޭނާގެ އަނބިކަނބަލުން ވެސް މެޑިކަލް ޗެކަޕެއް ހެއްދުމަށް 26،360 ރުފިޔާ އެމްބަސީގެ ބަޖެޓުން ހަރަދު ކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައި ވެއެވެ. އެ ރިޕޯޓުގައި ބުނާ މުއްދަތުގައި މެލޭޝިއާގެ ސަފީރަކަށް ހުންނެވީ ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ ރައީސް މުހައްމަދު ފަހުމީ ހަސަނެވެ.

ފައިސަލް އާއި ފަހުމީ ކުރައްވާފައިވާ އެ ހަރަދުތަކަކީ އުސޫލާ ހިލާފަށް ކޮށްފައިވާ ކަންކަން ކަމުގައި ވާތީ އެ ފައިސާ އަނބުރާ ހޯދުމަށް ވެސް އޮޑިޓާ ޖެނެރަލް ވަނީ ލަފާ ދެއްވާފައެވެ.

މީގެ ކުރިން ވެސް ވަނީ އައިލެންޑް އޭވިއޭޝަނުން ނަގާފައިވާ ޓިކެޓްތަކަކަށް ފައިސަލް 157،290.12 ރުފިޔާ ނުދައްކާ އޮތް މައްސަލައެއް ވަނީ ފެންމަތި ވެފައެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެ ފައިސާ ދައްކާފައެވެ.