އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެ ދަރިފުޅާއި ޅި ދަރިފުޅަށް ދައުލަތުގެ ބަޖެޓުން 72،438 ރުފިޔާ ހަރަދުކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
އަދުރޭގެ ދަރިފުޅު ފައިސަލް ނަސީމް އާއި ފައިސަލްގެ އަންހެނުން އޭރު އުޅުނީ މެލޭޝިއާގައެވެ. އޭރު ފައިސަލް މަސައްކަތް ކުރީ މެލޭޝިއާގައި ހުންނަ ރައްޖޭގެ އެމްބަސީގައެވެ.
އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު މިއަދު އާންމު ކުރެއްވި، ފޮރިން މިނިސްޓްރީގެ 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، މެލޭޝިއާ އެމްބަސީގައި މަސައްކަތް ކުރާ މުވައްޒަފުން އެ ގައުމުގެ އިންޝުއަރެންސް ސްކީމްގައި ބައިވެރި ކޮށްފައިވީ ނަމަވެސް އެ ސްކީމްގެ ބޭރުން ހޯދާފައިވާ ހިދުމަތްތަކަށް އެމްބަސީގެ ބަޖެޓުން ހަރަދު ކޮށްފައި ވެއެވެ. އެގޮތުން، އެ އެމްބަސީގެ މިނިސްޓާ-ކައުންސެލާގެ މަގާމުގައި ހުންނެވި ބޭފުޅާ އާއި އޭނާގެ އަނބިކަނބަލުން "ޕްރާޑާ" ބްރޭންޑްގެ އައިނެއް ހެއްދުމަށް އެމްބަސީގެ ބަޖެޓުން 72،438 ރުފިޔާ ހަރަދުކޮށްފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށް އޮޑިޓް ރިޕޯޓްގައި ވެއެވެ.
އެ ރިޕޯޓުގައި އެދިވަސްވަރު މިނިސްޓާ ކައުނސެލާގެ މަގާމުގައި ހުންނެވި ފަރާތުގެ ނަންހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެދުވަސްވަރު އެ މަގާމުގައި ހުންނެވީ ފައިސަލް އިބްރާހިމެވެ.
ފައިސަލްގެ އިތުރުން، މެލޭޝިއާގައި އޭރު ހުންނެވި ދިވެހި ސަފީރާއި އޭނާގެ އަނބިކަނބަލުން ވެސް މެޑިކަލް ޗެކަޕެއް ހެއްދުމަށް 26،360 ރރުފިޔާ އެމްބަސީގެ ބަޖެޓުން ހަރަދު ކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ. އެ ރިޕޯޓުގައި ބުނާ މުއްދަތުގައި މެލޭޝިއާގެ ސަފީރަކަށް ހުންނެވީ ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ ރައީސް މުހައްމަދު ފަހުމީ ހަސަނެވެ.
ދައުލަތުގެ ހަރަދުގައި އިންޝުއަރެންސް ސްކީމެއްގައި މުވައްޒަފަކު ބައިވެރި ކުރުވުމަށްފަހު، އޭގެ ބޭރުން އެ މުވައްޒަފެއްގެ ސިއްހީ ކަންކަމަށް ދައުލަތުން ހަރަދު ކުރުމަކީ ވެސް ހަމަޖެހޭ އުސޫލެއް ނޫންކަން ކަމަށް އޮޑިޓް ރިޕޯޓްގައި ވެއެވެ. ފައިސަލް އާއި ފަހުމީ ކުރައްވާފައިވާ އެ ހަރަދުތަކަކީ އުސޫލާ ހިލާފަށް ކޮށްފައިވާ ކަންކަން ކަމުގައި ވާތީ އެ ފައިސާ އަނބުރާ ހޯދުމަށް ވެސް އޮޑިޓާ ޖެނެރަލް ވަނީ ލަފާ ދެއްވާފައެވެ.
މީގެ ކުރިން ވެސް ވަނީ އައިލެންޑް އޭވިއޭޝަނުން ނަގާފައިވާ ޓިކެޓްތަކަކަށް ފައިސަލް 157،290.12 ރުފިޔާ ނުދައްކާ އޮތް މައްސަލައެއް ވަނީ ފެންމަތި ވެފައެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެ ފައިސާ ދައްކާފައެވެ.