ރާއްޖޭގެ ވެރިކަން ކުރާ ރަށް، މާލެ އަކީ، ރާއްޖޭގެ އާބާދީގެ ތިންބައި ކުޅަ އެއްބައި މީހުން ދިރިއުޅޭތަނެވެ. މާލޭގައި ދިރިނޫޅުނަސް، ރާއްޖޭގެ އެހެނިހެން ރަށްތަކުން ލިބެން ނެތް ހިދުމަތްތައް ހޯދުމަށް މާލެއަށް ޒިޔާރަތް ނުކުރާ ދިވެއްސަކު މި ރާއްޖޭގައި މަދުވާނެއެވެ. ގިނަ ފަހަރަށް ތޮށް ޖެހި ބާރުވެފައިވާ މި މާލޭގައި މިފަދައިން ކުޑަ ދުވަސްކޮޅެއްގެ މެހެމާނުންގެ ގޮތުގައި ޒިޔާރަތް ކުރާ މީހުންނާއި ފަތުރުވެރިން ތިބެން ހާއްސަ ކޮށްފައިވާ ތަންތަނަކީ ދުވަހު ކުއްޔަށް ދޫކުރާ ކޮޓަރިތަކާއި ގެސްޓްހައުސްތަކެވެ.

ދުވަހު ކުއްޔަށް ކޮޓަރި ދޫކުރުމާއި ގެސްޓްހައުސް ހިންގުމަކީ މީގެ ކުރިންވެސް ދިވެހިން ކޮށް އުޅޭ ވިޔަފާރިއެކެވެ. އެހެނަސް، ރާއްޖެއަށް ވަޒީފާ ހޯދުމަށް އެކި ގައުމުތަކުން ބިދޭސީންތައް އައިސް މާލެ ފުރާލުމާއެކު، ދިވެހިން ހިންގި މި ވިޔަފާރިވެސް މިވަނީ ބިދޭސީންގެ އަތްދަށުވެފައެވެ. ތަން ހިންގުމަށް ބިދޭސީންނާއި ހަވާލުކުރުމަށް ފަހު، ތަނަށް ލިބޭ އާމްދަނީ އިން ބިދޭސީންނަށް މުސާރައިގެ ގޮތުގައި ވަކި އަދަދެއް ދިނުމުން ދިވެހި މީހާއަށް ވެސް ފަސޭހަތާއެވެ. ހުރިހާ މަސައްކަތެއް ކުރަނީ ބިދޭސީންނެވެ. ހިތާމައަކީ، މިފަދައިން ކަން ކުރުމުން، ތަނުގެ ވެރިމީހާއަށް ނޭނގި އެތަނުގައި އެތައް ނޭދެވޭ އަމަލުތަކެއް ހިންގަމުންދާ ކަމެވެ.

އާންމު ފާހަނާ ބަރީގައި ހިންގި ބޯކޮށާތަނަކާއި، ވައި ގޮޅިއެއްގައި ހިންގި ފޯއް ކޮށާތަން އަދި ފުށިދިއްގާގައި ހިންގި ރިސޯޓް ފަދައިން މިފަހަރު ކިޔުންތެރިންނާ ހަމައަށް މި ތިލަކޮށްލަނީ މާލޭގެ ބައެއް ގެސްޓަހައުސްތަކާއި ކުލީ ކޮޓަރިތަކަށް އަންހެން ކުދިން ގެންގޮސްދީގެން ބިދޭސީއަކު ހިންގަމުން ގެންދާ ހަށިވިއްކުމުގެ ވިޔަފާރިއެކެވެ.

އޭނާ ނަމަކީ ނޯމާންއެވެ. ބަންގުލަދޭޝްގެ ރައްޔިތެކެވެ. އޭނާ ރާއްޖެއައީ 2015 ވަނަ އަހަރު ޓޫރިސްޓް ވިސާގައެވެ. ނޯމާނު ކައި ބޮއެ އުޅުމަށް ކުރާ މަސައްކަތަކީ ފައިސާއަށް އަންހެން ކުދިން ވިއްކުމެވެ. ބެންކޮކުންނާއި ލަންކާއިން އަދި ނޭޕާލުން ގެންނަ ބިދޭސީ އަންހެނުން ބައި އަޅާ ގޮތަށް ހަށިވިއްކުވުމެވެ.

ބައެއް ގެސްޓްހައުސްތަކާއި، ކުލީ ކޮޓަރިތައް ކުއްޔަށް ދިނުމުގެ މަސައްކަތުގައި އުޅޭ ބިދޭސީންނާއި، ހަށި ވިއްކާ އަންހެން ކުދިންނާއި ނޯމާނު އެއްބަސްވާ ގޮތެއްގެ މަތިން ހިންގާ މި ވިޔަފާރީގައި، ލިބޭ ފައިސާއަކީ ތިން ފަރާތުގެ މެދުގައި ބަހާ ފައިސާއެވެ. މާލެ ތެރޭގައި އުޅޭ ބިދޭސީންނާއި "ޑީލް" ހަދައިގެން އެ ބިދޭސީންނަކީ އޭނާގެ ކަސްޓަމަރުންގެ ގޮތުގައި ހަދައިގެން ނޯމާނު ދަނީ އެކަމުގައި ވެސް ގިނަ ފައިދާތަކެއް ހޯދަމުންނެވެ.

ނޯމާނު-

އޭނާގެ އަވާހަކާގައި ޖެހި، މީގެ ކޮޓަރިއަކަށް އެއްފަހަރު ވަންނަ މީހާ އުމުރު ދުވަހަށް ނޯމާނުގެ ދަލުގައި ޖެހެއެވެ. ވަންނަނީ ބިދޭސީއެއް ނަމަ، ބިދޭސީންގެ މެދުގައި އެމީހެއްގެ އަގުވައްޓާލާނެ ކަމަށާއި، އެމީހާގެ އާއިލާ މީހުންނަށް އޭނާ ކޮޓަރިއަށް ވަދެ ކުރިހާ ކަމެއް އަންގާނެ ކަމަށް ބުނެ ނޯމާނު އެ ބިދޭސީންނަށް އެކި ގޮތްގޮތުން ބިރުދައްކައެވެ. ނޯމާނުގެ ދަންތުރާގައި ޖެހިފައި ތިބޭ ބިދޭސީންނަށް ބިރުދައްކާ، ބްލެކްމެއިލް ކޮށްގެން، އެމީހުން މަސައްކަތް ކުރާ ފިހާރަތަކާއި ތަންތަނުން އެމީހުން ލައްވާ ވައްކަން ވެސް ކުރުވައެވެ. ފިހާރަތަކުން އަގުބޮޑެތި ގަޑިއާ ފޯނު އަދި އަންނައުނު ފަދަ ތަކެތި އޭނާ ހޯދާފައި ވާކަން، ނޯމާނުގެ މައުލޫމާތު އެނގޭ މީހަކު ވަނީ ކިޔައިދީފައެވެ.

ނޯމާނުގެ މައިގަނޑު އޮޕަރޭޝަން ހިނގަނީ ފަރީދީ މަގުގައެވެ. އޭނާގެ ވިޔަފާރިއަކީ މައިގަނޑު ގޮތެއްގައި ބިދޭސީންގެ މެދުގައި ހިންގަމުންދާ ވިޔަފާރިއެއް ނަމަވެސް މިކަމުގައި މަދުން ނަމަވެސް ދިވެހިން ވެސް ތާށިވެއެވެ. ނޯމާނާއި އޭނާގެ ރައްޓެހިން ހިންގަމުން އަންނަ މި ވިޔަފާރި ޕްރޮމޯޓް ކުރަނީ، ފޯނު މެދުވެރިކޮށެވެ. އަންހެން ކުދިންގެ ނިވާކަން ކުޑަ ފޮޓޯއާ އެކު އެކި މީހުންނަށް އޭނާ ފޮނުވަނީ ފޯނު ނަންބަރެކެވެ. "ސާވިސް" ހޯދުމަށް އެދޭ މީހާ ކުރަން ޖެހޭ ކަމަކީ، ނޫމާނަށް ގުޅައިގެން އެޕޮއިންޓްމަންޓެއް ހަމަޖެއްސުމެވެ. އެވްރެޖްކޮށް އަންހެން ކުދިންގެ ރޭޓް 1000 ރުފިޔާގައި އުޅޭއިރު މި އަދަދަކީ، އެކި އެކި އަންހެން ކުދިންނަށް ތަފާތުވާ އެއްޗެކެވެ. ކުއްޖާ ނިސްބަތްވާ ގައުމުގެ ގޮތުންނާއި، ހޭދަކުރާ ވަގުތުގެ ގޮތުން ރޭޓު ތަފާތުވެއެވެ.

ޓޫރިސްޓް ވިސާގައި އައިސް 5 އަހަރު ވަންދެން ނޯމާނު ރާއްޖޭގައި އުޅެފައި ވަނީ ނުގަވައިދުންނެވެ. ނަމަވެސް، އޭނާ މިފަދަ ވިޔަފާރިއެއް ހިންގަމުން ދާކަން، އިމިގްރޭޝަނަށް އެނގިފައި އޮތް ކަމަކަށް ނުވެއެވެ. ނޯމާނާ ބެހޭ މައުލޫމާތު އެނގޭ ފަރާތަކުން 'ދަ ޕްރެސް' އަށް މައުލޫމާތުދެމުން ބުނީ، ނޯމާނުގެ މައްސަލަ އިމިގްރޭޝަނަށް ހުށަހެޅުމަށް އޭނާ މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް، ފޯނުން ގުޅާފައި އެފަދަ މައްސަލަތައް ހުށަނޭޅެނޭ ކަމަށާއި، ރަސްމީ ސިފައެއްގައި މައްސަލަ ހުށަހެޅުމަށް ބުނެ، އިމިގްރޭޝަންގެ ފަރާތުން އޭނާއަށް އެއްބާރުލުން ނުލިބުނު އޭނާ މައުލޫމާތުދެއެވެ.

މިކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އިމިގްރޭޝަނުން ބުނީ، ބިދޭސީން ހަށިވިއްކުމުގެ ވިޔަފާރިއެއް ހިންގާ ކަމުގެ މައުލޫމާތެއް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި މިފަދަ މައްސަލަތަކަކީ ޖިނާއީ މައްސަލަތައް ކަމަށް ވުމާއެކު، އެފަދަ މައްސަލަތައް ހުށަހަޅަން ޖެހެނީ ފުލުހަށް ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އިމިގްރޭޝަނުން ބުނީ މިފަދަ މައްސަލައެއް އިމިގްރޭޝަނަށް ހުށަހަޅައިފިނަމަ، މައްސަލާގައި ހިމެނޭ ބިދޭސީ މީހާ އެފަދަ ކަމެއް ކުރަނީ މަޖުބޫރުންތޯ ބަލާނެ ކަމަށެވެ. އަދި އޭނާ ރާއްޖެއިން ޑީޕޯޓް ކޮށްލާނީ ވަކި ހާލަތްތަކެއްގެ ދަށުން ކަމަށާއި، ބިދޭސީން ރެގިއުލައިޒް ކުރުމަށް ހިންގަމުންދާ ޕްރޮގްރާމްތަކުގެ ތެރެއަށް ވަނުމަށް ޑައިރެކްޓް ކުރާނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

މި މައްސަލަ އިމިގްރޭޝަނަށް ހުށަހަޅާފައި ނުވާއިރު، މި މައްސަލަ ފުލުހުންނަށް ވެސް ހުށަހަޅާފައި ނުވާ ކަމަށް މައުލޫމާތު ލިބެއެވެ. ނޯމާނާއި ބެހޭ މައުލޫމާތު އެނގޭ ފަރާތަކުން މައުލޫމާތު ދިން ގޮތުގައި، މި މައްސަލަ އެނގިހުރެ، އޭނާ މައްސަލަ ފުލުހަށް ހުށަހަޅާފައި ނުވަނީ، ނޯމާނު އޭނާއަށް ބިރުދެއްކި މައްސަލައެއް ފުލުހަށް ހުށަހަޅަން މަސައްކަތް ކުރުމުން، އެކަމާ ފުލުހުންގެ އެއްބާރުލުން ނުލިބުމުން ކަމަށެވެ. އަދި މިކަމުގައި ނޯމާނު ހައްޔަރު ކޮށްދިނުމަށް ފުލުހުންގެ ކިބައިން އެދުމުން ލިބުނު ޖަވާބަކީ، ނޯމާނު ހައްޔަރު ކުރެވޭނީ އޭނާއަށް ބިރުދައްކަމުން ދަނިކޮށް "ރެޑް ހޭންޑް" ކޮށް ކަމަށާއި، އެނޫން ގޮތަކަށް ނުކުރެވޭނެ ކަމަށެވެ.

ބިރުދެއްކި މައްސަލާގައި ފުލުހުންގެ އެއްބާރުލުން ނުލިބުނު ކަމަށް ބުނެ، ނޯމާނުގެ މައުލޫމާތު އެނގޭ ފަރާތުން ވަނީ އެ މައްސަލަ ވެސް ފުލުހަށް ހުށަނޭޅުމަށް ނިންމާފައެވެ. އަދި ނޯމާނު ހިންގާ ވިޔަފާރީގެ މައްސަލަ ވެސް ހުށަނޭޅުމަށް ނިންމާފައެވެ. މި މައްސަލައަކީ ފުލުހުންނަށް ހުށަހަޅާފައި ނުވާ މައްސަލައަކަށް ވާތީ މިކަމުގައި ކަން ހިނގި ގޮތް ފުލުހުންގެ ފަރާތުން ސާފުވާގޮތް ވަނީ ނުވެފައެވެ.

ނުގަވައިދުން އުޅޭ ބިދޭސީންގެ މައްސަލަ އިމިގްރޭޝަނަށް ހުށަހަޅަން އޮންނަ ގޮތަކީ، ސިޓީއަކުންނެވެ. ނުވަތަ އަމިއްލައަށް މީހާ އިމިގްރޭޝަނަށް ހާޒިރުވެއެވެ. ފޯނުން ނުވަތަ އީމެއިލް މެދުވެރިކޮށް މިފަދަ މައްސަލަތައް ހުށަހެޅެން ނެތުމުގެ ސަބަބުން މިފަދަ ކިތައް މައްސަލަ އިމިގްރޭޝަނާ ހަމައަށް ނުގޮސް އޮންނާނެތޯ ސުވާލު އުފެދެއެވެ. މިފަދަ މައްސަލަތަކުގައި ކަމާ ބެހޭ މުއައްސަސާތަކުގެ އެއްބާރުލުން ނުލިބުމަކީ ވެސް، ގަވާއިދާ ހިލާފަށް މިފަދަ ވިޔަފާރިތައް ހިންގަމުންދާ މީހުންނަށް ލިބޭ އިތުރު ހިތްވަރަކަށް ނުވާނެތޯއެވެ. އޭގެ ނަތީޖާއެއްގެ ގޮތުގައި، މިފަދަ ވިޔަފާރިތައް އިތުރަށް ފުޅާކޮށް، ވަރުގަދަ ކުރުމުގެ ދޮރުތައް ހުޅުވިގެން ނުދޭތޯއެވެ.