ޅ. ނައިފަރުގައި ބާރުގަދަ އެއްޗެއް ގޮއްވާލަން އުޅޭ ކަމުގެ ތުހުމަތުވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ، މިދިޔަ ބުދަ ދުވަހުގެ ހަވީރު 5:17 ހާއިރު ފުލުހުންނަށް ޓެރަރިޒަމްގެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ކޯޓު އަމުރެއްގެ ދަށުން ޅ. ނައިފަރުގައި ދިރިއުޅޭ 3 މީހެއްގެ ގެ ވަނީ ބަލާ ފާސްކޮށްފައި ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލއާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ނުކުރި ނަމަވެސް އެ ތިން މީހުންގެ ފޯނާއި ބައެއް އިލެކްޓްރޯނިކް ސާމާނުތައް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އަދި މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށް ބުނެއެވެ.

މި މައްސަލައިގައި ނައިފަރު މެޖިސްޓްރޭޓް ކޯޓުން ނެރެފައި ވަނީ މުދަލާއި، ލިޔެކިޔުމާއި މައުލޫމާތާއި ތަކެތި ހޯދައި ހިފެހެއްޓުމުގެ އަމުރެކެވެ. އަދި އެ އަމުރު ނެރުމުގެ ސަބަބެއްގެ ގޮތުގައި ބުނެފައި ވަނީ ބާރުގަދަ އެއްޗެއް ގޮއްވާލައިގެން ޓެރަރިޒަމްގެ އަމަލެއް ހިންގަން ބަޔަކު މީހުން ނައިފަރުގައި ރާވަމުންދާ ކަމަށް ތުހުމަތު ކުރެވުމެވެ.