އަފްގާނިސްތާނުގައި ދިގުލާ ގޮސްފައިވާ ހަނގުރާމާގައި 2019 ވަނަ އަހަރު އެކަނިވެސް އާންމުންގެ 10000އަށް ވުރެ ގިނަ މީހުން މަރާލާ ނުވަތަ ޒަހަމް ކޮށްލާފައި ވާކަމަށް އދއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އަފްގާނިސްތާނުގައި ހަރަކާތްތެރިވާ އދގެ އެހީދޭ މިޝަން (އުނަމާ)އިން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު 2019 ވަނަ ހިންގި ހަމަލާ ބަދަލުކުރުން ތަކުގައި އާންމުންގެ 3404 މަރާލާފައި ވާއިރު، 6989 މީހުންނަށް ވަނީ އެކި ވަރުގެ ޒަހަމްތައް ލިބިފައެވެ.

އުނަމާއިން ބުނީ މިއީ 2018 ވަނަ އަހަރާ އަޅާބަލާއިރު 5 ޕަސެންޓް ދަށް މިންވަރެއް ކަމުގައި ވީ ނަމަވެސް، މިއީ އަފްގާން ހަނގުރާމައިގެ ޝިކާރައަކަށް ވި އާންމުންގެ އަދަދު 10000އަށްވުރެ މަތީގައި އުޅޭތާ ވިދިވިދިގެން 6 ވަނަ އަހަރު ކަމަށެވެ.

އަސްކަރީ ބާރުތަކާއެކު އެހީއާއިއެކު ނޫސްވެރިއަކު އަފްގާނިސްތާނުގައި ހަރަކާތްތެރިވަނީ/ފޮޓޯ: ހިދާޔަތުﷲ އާމިދު

އދއިން އާންމުކުރި ރިޕޯޓަށް ބަލާއިރު 2019 ވަނަ އަހަރު އަފްގާނިސްތާނު ހަނގުރާމައިގެ ޝިކާރައަކަށް ވި މީހުންގެ އަދަދު އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 5 ޕަސެންޓް ދަށަށް ގޮސްފައި ވަނީ، ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި އައިސިސް ޖަމާއަތުގެ އަފްގާން ގޮފިން ހިންގި ޖަރީމާތަކުގެ އަދަދު މަދުވުމުން ކަމަށް ވަނީ ބަޔާންކޮށްފައެވެ.

އުނަމާގެ އިސްވެރިޔާ ތަދަމިޗީ ޔަމަމޯޓޯ ވިދާޅުވީ، އަފްގާނިސްތާނުގައި ކުރަމުންދާ ހަނގުރާމައަށް ބަލާއިރު ކޮންމެވެސް ގޮތަކުން އެ ހަނގުރާމައިގެ އަސަރު ނުކުރާ ހަމަ އެންމެ ރައްޔިތަކުވެސް މިއަދު އެ ގައުމުގައި ނެތް ކަމަށެވެ.

ކަންމިހެން އޮތްއިރު، ހަމަލާ ބަދަލު ކުރުން މަޑުޖައްސާލަން ލިބިފައިވާ މި ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަކީ ހުރިހާ ފަރާތަކަށްވެސް މުހިންމު ކަމެއް ކަމަށާ، އަފްގާނިސްތާނަށް ސުލްހަ ގެނައުން މިހާރުވެސް މާ ބޮޑަށް ލަސްވެފައިވާކަމަށް ޔަމަމޯޓޯ ފާހަގަކުރެއްވިއެވެ. އާންމު ރައްޔިތުންގެ ފުރާނައަކީ ރައްކާތެރިކޮށްދެވެން ޖެހޭނެ އެއްޗެއް ކަމަށާ، ސުލްހަ ގާއިމުކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށް ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މިދަނޑިވަޅަކީ އަފްގާނިސްތާނުގައި 18 އަހަރަށް ދިގުލާ ގޮސްފައިވާ ހަނގުރާމަ ހުއްޓުމަކަށް ގެނައުމުގެ ގޮތުން ހަމަލާ ބަދަލު ކުރުން އިހުނަށް ވުރެ މަޑުޖައްސާލަން ބާރުދޭ އެއްބަސްވުމެއް ތަންފީޒު ކުރަން ފަށާފައިވާ ދަނޑިވަޅެކެވެ.

އަފްގާނިސްތާނުގައި ހަރަކާތްތެރިވާ ތޯލިބާން ހަނގުރާމަވެރިންގެ އިތުރުން އަފްގާނިސްތާނުގެ ސަރުކާރުގެ އަސްކަރިއްޔާއާއި އެގައުމުގައި ހަނގުރާމަ ކުރަމުންދާ އެމެރިކާގެ އަސްކަރީ ފައުޖުތަކުން ވަނީ 7 ދުވަހުގެ މުއްދަތަށް ހަމަލާ ބަދަލުކުރާ މިންވަރު މަޑުޖައްސާލަން ބާރުދޭ އެއްބަސްވުމެއް، ހޮނިހިރު ދުވަހު ތަންފީޒު ކުރަން ފަށާފައެވެ. މި އެއްބަސްވުން ކާމިޔާބުވެއްޖެނަމަ ތޯލިބާން ހަނގުރާމަވެރިންނާ އެމެރިކާއާއި ދެމެދު ސުލްހައިގެ އެއްބަސްވުން އެކުލަވާލާނީ މިމަހުގެ 29 ވަނަ ދުވަހު ކަމަށް ޚަބަރު ލިބެއެވެ.