އަންނަ ލޯކަލް ކައުންސިލް އިންތިހާބު ގާތްވެފައި ވަނިކޮށް އެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން އެކަހެރި ކުރުމަކީ ހުދުމުހުތާރު ސިފައެއް ކަމަށް ކުރީގެ ހައުސިންގް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ފުލުހުން ވަނީ ރޭ 8:00 އަށް މުއިއްޒު ހާޒިރު ކޮށްފައެވެ. ޑރ. މުއިއްޒާ ގުޅޭގޮތުން ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކީ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އިން ދިވެހި ސަރުކާރުގެ މައްޗަށް ހުށަހެޅި އާބިޓްރޭޝަން މައްސަލައިގައި އޭނާ އަމަލުކުރެއްވި ގޮތާ ގުޅިގެން އެޓާނީ ޖެނެރަލްގެ އޮފީހުން ހުށަހެޅި މައްސަލައެކެވެ.

ފުލުސް އޮފީހުން ނުކުމެވަޑައިގެން މުއިއްޒު ވަނީ މީޑިއާއަށް މައުލޫމާތު ދެއްވައި އޭނާ ފުލުހަށް ގެންދިޔަ ސަބަބު ހާމަ ކުރައްވާފައެވެ. އެގޮތުން ޑރ. މުއިއްޒު ވިދާޅުވީ ގިނަ ތުހުމަތުތަކެއް ކޮށް ގަޑިއެއްހާއިރު ފުލުހުން އޭނާއާ ސުވާލު ކުރި ކަމަށެވެ.

ކައުންސިލް އިންތިހާބުގައި ބައިވެރިވެޑައިގަތުމަށް މުއިއްޒު ވަނީ ޕީޕީއެމްގެ ޓިކެޓުގައި މާލޭސީޓީ މޭޔަރު ކަމަށް ވާދަކުރަން އީސީއަށް ފޯމު ހުށަހަޅުއްވާފައެވެ. މި ދަނޑިވަޅުގައި އޭނާ ފުލުހަށް ހާޒިރުކޮށް ސުވާލުކުރުމުން އެކަމަކީ ކައުންސިލު އިންތިހާބަށް ކުރިމަތިލެއްވުމަށް ފޯމު ހުށަހެޅުއްވުމާ ގުޅުމެއް އޮތްކަމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ފުލުހުން ޗިޓް ހަވާލުކޮށްފައި ވަނީ އަޅުގަނޑު މޭޔަރުކަމަށް ކުރިމަތިލީތާ ދެ ދުވަހެއްގެ ތެރޭގައި. ނޫމަޑީގެ މައްސަލައާ ގުޅިގެން އަޅުގަނޑަށް ބައިވަރު ތުހުމަތުތަކެއް ކޮށްފަވަނީ. އަޅުގަނޑު ފޯމު ހުށަހެޅުމުން މި ތުހުމަތުތައް ކޮށް ފުލުހަށް ގެންދިއުމުން ދޭހަވަނީ ސިޔާސީ ގޮތުން އަޅުގަނޑުމެން މިކުރާ މަސައްކަތްތަަކަށް ހުރަސް އެޅުމުގެ ގޮތުން ކުރާ ކަމެކޭ"
ޑރ. މުހައްމަދު މުއިއްޒު

ރޭ ޕީޕީއެމުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، އޭނާއަށް ފުލުހުން ޗިޓް ހަވާލުކޮށްފައި ވަނީ މޭޔަރު ކަމަށް ކުރިމަތިލެއްވިތާ ދެދުވަސްތެރޭ ކަމަށެވެ. ފޯމު ހުށަހެޅުމުން ނޫމަޑި މައްސަލައިގައި ގިނަ ތުހުމަތުތަކެއްކޮށް ފުލުހަށް ހާޒިރު ކުރުމުން ސިޔާސީ ގޮތުން ކުރާ މަސައްކަތަށް ހުރަސް އަޅަން އުޅޭކަން ދޭހަވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ އިންތިހާބެއް ކުރިމަތިވެފައި އޮއްވާ އިންތިހާބެއްގައި ވާދަ ކުރާ ފަރާތްތަކަށް ހަމަހަމަކަމާ އެކު ވާދަ ކުރުމުގެ ފުރުސަތު ނުދީ އިންތިހާބުގައި ވާދަ ކުރާ ފަރާތްތައް އެކަހެރި ކުރުމަށްޓަކައި މަަަސައްކަތް ކުރުމަކީ ޑިމޮކްރެސީގެ ރީތި ސިފައެއް ނޫން ކަމަށެވެ.

ނޫމަޑިގެ މައްސަލައިގައި ބަންޑާރަ ނައިބުގެ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ ނޫމަޑީގެ ފަރާތުން ދިވެހި ސަރުކާރާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ޑރ. މުއިއްޒު ހުށަހަޅައި، ސަރުކާރާ ދެކޮޅަށް އާބިޓްރޭޝަންގައި އޭނާ ބަޔާން ދެއްވާފައިވާ ކަމަށެވެ. އަދި ވަޒީރުކަމުގައި އޭނާ ވަނީ އެ މައްސަލާގައި ދައުލަތް ދިފާއު ކުރައްވާފައި ކަމަށެވެ.

އެގޮތުން ނޫމަޑީގެ މައްސަލަ 2017، 11 ޑިސެންބަރު ގައި އާބިޓްރޭޝަނަށް ހުށަހެޅުމުން ދައުލަތުން އެ މައްސަލާގައި ކުރިއަށް ދާނެ ގޮތާއި ނެގޭނެ ދިފާއުތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ނިންމުންތައް ނިންމާފައި ވަނީ ހައުސިން މިނިސްޓަރުގެ ހައިސިއްޔަތުން މުއިއްޒުގެ ބައިވެރިވުމާއެކުގައި ކަމަށް ބަޔާނުގައިވެއެވެ.

ވަޒީރުކަމުން ވަކިވެވަޑައިގަންނަވަންދެން، އެ މައްސަލަ ރައްދުވާ މިނިސްޓްރީގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން މުއިއްޒުގެ ދައުރެއް އާބިޓްރޭޝަން މައްސަލަތަކުގައި އޮތް ކަމަށެވެ. ނަމަވެސް 2018، 17 ނޮވެންބަރު ގައި މިނިސްޓަރުގެ މަގާމުން ވަކިވުމަށްފަހު 2019، 14 ޖޫން ގައި ނޫމަޑިގެ ފަރާތުން އާބިޓްރޭޝަނަށް ހުށަހަޅާ ހެއްކެއްގެ ގޮތުގައި މުއިއްޒު ދެއްވި ބަޔާނުގައި ކުރިން އަމަލުކުރެއްވި ގޮތާ ދިމާ އިދިކޮޅަށް، ދައުލަތާ ދެކޮޅަށް ވާހަކަ ދައްކަވާފައިވާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

ނޫމަޑިގެ މައްސަލައިގައި މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށް ވަނީ ސުވާލު ވެސް ކޮށްފައެވެ. ނަމަވެސް ކޮމިޓީގައި މެންބަރުން ކުރެއްވި ގިނަ ސުވާލުތަކަށް މުއިއްޒު ސީދާ ޖަވާބެއް ނުދެއްވައެވެ. ފަހުން ކޮމިޓީން ވަނީ ކޮމިޓީގައި މުއިއްޒު ދޮގު މައުލޫމާތު ދެއްވާފައިވާ ކަމަށް ބެލެވޭތީ އެކަން ފުލުހަށް ހުށަހަޅަން ނިންމާފައެވެ.

ނޫމަޑިން ސަރުކާރުގެ ފަރާތުން ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް 155 މިލިއަން ޑޮލަރާއި އާބިޓްރޭޝަނާ ގުޅޭ އިތުރު ހަރަދުތައް ހޯދަން އެދި ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ދެ މައްސަލައެއް ހުށަހެޅިއެވެ. ސަރުކާރުން މިހާރު ވަނީ އެ ކުންފުންޏާއެކު އެއްބަސްވުމަކަށް ގޮސް ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ދައްކާފައެވެ.