ކުރީގެ ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.
މީޑިއާ މައުލޫމާތު ދެމުން އެކަން ކަށަވަރުކޮށްދީފައި ވަނީ މުއިއްޒު ނިސްބަތްވާ ސިޔާސީ ޕާޓީ ޕީޕީއެމްގެ ފަރާތުންނެވެ. ޕީޕީއެމުން ބުނީ އެ ޕާޓީގެ ނައިބު ރައީސް، މުއިއްޒު ފުލުހަށް ހާޒިރުވުމަށް އަންގާފައި ވަނީ މިރޭ 8:00 އަށް ކަމަށެވެ. ނަމަވެސް ފުލުހަށް ހާޒިރު ކުރަނި ކޮން މައްސަލައަކާ ގުޅިގެން ކަމެއް ޕީޕީއެމުން ހާމައެއް ނުކުރެއެވެ.
ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް (ނޫމަޑި) އިން ދިވެހި ސަރުކާރުގެ މައްޗަށް ހުށަހެޅި އާބިޓްރޭޝަން މައްސަލައިގައި މުއިއްޒުގެ މައްސަލަ އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. އެގޮތުން މި މަހުގެ 12 ވަނަ ދުވަހު ފުލުހުން ބުނެފައި ވަނީ އެ މައްސަލައާ ގުޅިގެން ދައުލަތުގެ އިދަރާތަކުން ހޯދަން ޖެހޭ ލިޔުންތައް ހޯދާ ނިމިފައިވާ ކަމަށާއި އަދި އެ ލިޔުންތައް ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ނޫމަޑިގެ މައްސަލައިގައި ބަންޑާރަ ނައިބުގެ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ ނޫމަޑީގެ ފަރާތުން ދިވެހި ސަރުކާރާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ޑރ. މުއިއްޒު ހުށަހަޅައި، ސަރުކާރާ ދެކޮޅަށް އާބިޓްރޭޝަންގައި އޭނާ ބަޔާން ދެއްވާފައިވާ ކަމަށެވެ. އަދި ވަޒީރުކަމުގައި އޭނާ ވަނީ އެ މައްސަލާގައި ދައުލަތް ދިފާއު ކުރައްވާފައި ކަމަށެވެ.
އެގޮތުން ނޫމަޑީގެ މައްސަލަ 2017، 11 ޑިސެންބަރު ގައި އާބިޓްރޭޝަނަށް ހުށަހެޅުމުން ދައުލަތުން އެ މައްސަލާގައި ކުރިއަށް ދާނެ ގޮތާއި ނެގޭނެ ދިފާއުތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ނިންމުންތައް ނިންމާފައި ވަނީ ހައުސިން މިނިސްޓަރުގެ ހައިސިއްޔަތުން މުއިއްޒުގެ ބައިވެރިވުމާއެކުގައި ކަމަށް ބަޔާނުގައިވެއެވެ.
ވަޒީރުކަމުން ވަކިވެވަޑައިގަންނަވަންދެން، އެ މައްސަލަ ރައްދުވާ މިނިސްޓްރީގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން މުއިއްޒުގެ ދައުރެއް އާބިޓްރޭޝަން މައްސަލަތަކުގައި އޮތް ކަމަށެވެ. ނަމަވެސް 2018، 17 ނޮވެންބަރު ގައި މިނިސްޓަރުގެ މަގާމުން ވަކިވުމަށްފަހު 2019، 14 ޖޫން ގައި ނޫމަޑިގެ ފަރާތުން އާބިޓްރޭޝަނަށް ހުށަހަޅާ ހެއްކެއްގެ ގޮތުގައި މުއިއްޒު ދެއްވި ބަޔާނުގައި ކުރިން އަމަލުކުރެއްވި ގޮތާ ދިމާ އިދިކޮޅަށް، ދައުލަތާ ދެކޮޅަށް ވާހަކަ ދައްކަވާފައިވާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
ނޫމަޑިގެ މައްސަލައިގައި މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށް ވަނީ ސުވާލު ވެސް ކޮށްފައެވެ. ނަމަވެސް ކޮމިޓީގައި މެންބަރުން ކުރެއްވި ގިނަ ސުވާލުތަކަށް މުއިއްޒު ސިދާ ޖަވާބެއް ނުދެއްވައެވެ. ފަހުން ކޮމިޓީން ވަނީ މުއިއްޒު ކޮމިޓީގައި ދޮގު މައުލޫމާތު ދީފައިވާ ކަމަށް ބެލެވޭތީ އެކަން ފުލުހަށް ހުށަހަޅަން ނިންމާފައެވެ.
ނޫމަޑިން ސަރުކާރުގެ ފަރާތުން ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް 155 މިލިއަން ޑޮލަރާއި އާބިޓްރޭޝަނާ ގުޅޭ އިތުރު ހަރަދުތައް ހޯދަން އެދި ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ދެ މައްސަލައެއް ހުށަހެޅިއެވެ. ސަރުކާރުން މިހާރު ވަނީ އެ ކުންފުންޏާއެކު އެއްބަސްވުމަކަށް ގޮސް ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ދައްކާފައެވެ.