ވައިގެ މަގުން އެއްތަނުން އަނެއް ތަނަށް ދަތުރުކުރާ މުސްލިމު ފިރިހެން ފަސެންޖަރުންނަކީ ވަކިން ބޮޑަށް ޕްރޮފައިލްކޮށްގެން ސެކިއުރިޓީ ޗެކަޕް ހަދަންޖެހޭ ބައެއް ކަމަށް ބުނެ، ރަޔަންއެއާގެ ޗީފް އެގްޒެކެޓިވް އޮފިސަރު މައިކަލް އޯލިއެރީ، މުސްލިމުންނަށް ފުރައްސާރަކޮށްފިއެވެ.

މުސްލިމު ފިރިހެން ފަސެންޖަރުންގެ ސެކިއުރިޓީ ޗެކަޕް ވަރުގަދަ ކުރަންޖެހެނީ، އާންމުކޮށް ބޮމުގެ ހަމަލާދޭ މީހުންނަކީ މުސްލިމުންގެ ނުފޫޒު އޮންނަ ބައެއް ނުވަތަ މުސްލިމުންގެ ގަބޫލުކުރުންތައް ގެންގުޅޭ ބައެއް ކަމަށްވާތީ ކަމަށްވެސް އޭނާ ވަނީ ތުހުމަތުކޮށްފައެވެ.

ވައިގެ ބަނދަރުތަކުގެ ސަލާމަތްތެރިކަމާ ބެހޭ ގޮތުން ލަންޑަންގައި ހުރެ ޓައިމްސް ދުވަހު ނޫހަށް ދިން އިންޓަވިއުއެއްގައި ރަޔަން އެއާގެ ސީއީއޯ ބުނީ، ނުރައްކާ އަންނަނީ 'އެދިމާލުން' ކަމަށް ވަނީނަމަ، އެ ނުރައްކަލާ ކުރިމަތިލާންޖެހޭ ކަމަށެވެ.

ރަޔަންއެއާގެ ސީއީއޯއަކީ ފަސެންޖަރުންނަށް އަމާޒުކޮށް ބޭއަދަބީ ވާހަކަތައް ދެއްކުމުގެ ރެކޯޑް އޮންނަ މީހެކެވެ. އެގޮތުން މަތިންދާބޯޓުގައި ފާހާނާ ބޭނުންކުރާ ފަރާތްތަކުގެ އަތުން ފީއެއް ނެގުމުގެ އިތުރުން، އާދަޔާ ހިލާފަށް ފަލަ މީހުންގެ އަތުން "ފެޓް ޓެކްސް"ގެ ނަމުގައި ފީއެއް ނެގުމަށްވެސް އޭނާ ވަނީ މަސައްކަތްކޮށްފައެވެ.

މުސްލިމުންގެ އަބުރަށް އުނިކަން ލިބޭ ގޮތަށް ރަޔަންއެއާގެ ސީއީއޯ ދެއްކި ވާހަކަތަކާ ގުޅިގެން ގިނަ ބަޔަކު ވަނީ އެއެއާލައިން ބޮއިކޮޓްކުރަން ގޮވާލާފައެވެ.