މީގެ 25 އަހަރު ކުރިން ޓީވީ ސްކްރީންތައް ފަތަހަކުރި ގޮތަށް އަދާޖެހުނުއިރުވެސް ދެގޮތެއް ނުވެ އޮތް މަޝްހޫރު ޓީވީ ސީރީޒް "ފްރެންޑްސް"ގެ ރިޔޫނިއަން އެޕިސޯޑެއް ވަރަށް އަވަހަށް އެޗްބީއޯ މެކްސްއަށް އަންނާނެކަން ކަށަވަރުވެއްޖެއެވެ.

"ފްރެންޑްސް ރިޔޫނިއަން އެޕިސޯޑް" ނުވަތަ "ދަ ވަން ވެއާ ދޭ ގޮޓް ބެކް ޓުގެދާ"ގައި، "ފްރެންޑްސް"ގެ އަސްލު ސީރީޒްގެ ލީޑުން ފެނިގެންދިޔަ 6 ކެރެކްޓާވެސް ފެންނާނެ ކަމަށާ، މި އެޕިސޯޑަކީ ގާތްގަނޑަކަށް ގަޑިއެއްހާއިރަށް ދެމިގެންދާ އެޕިސޯޑެއް ކަމަށް މައުލޫމާތު ލިބެއެވެ.

"ފްރެންޑްސް ރިޔޫނިއަން އެޕިސޯޑް" އެޗްބީއޯ މެކްސްއަށް އަންނަނީ އެ ވީޑިއޯ ސްޓްރީމްގެ ފެށުމެއްގެ ގޮތުގައި، މިއަހަރުގެ މޭ މަހުގެ ތެރޭގައި ކަމަށް ޚަބަރު ލިބެއެވެ. މިއާއެކު "ފްރެންޑްސް" ސީރީޒްގެ ހުރިހާ އެޕިސޯޑެއްވެސް އެޗްބީއޯ މެކްސްގައި ސްޓްރީމްކުރާނެއެވެ. މިހާރު "ފްރެންޑްސް" ޓީވީ ސީރީޒް ސްޓްރީމްކުރަނީ ނެޓްފްލިކްސްއިންނެވެ.

"ފްރެންޑްސް ރިޔޫނިއަން އެޕިސޯޑް" ޝޫޓުކުރަން ހަމަޖެހިފައިވަނީ "ފްރެންޑްސް" ޓީވީ ސީރީޒްގެ ހުރިހާ މަންޒަރުތަކެއް ނަގާފައިވާ ބާބަންކްގެ ވޯނާބްރޯސް ސްޓޫޑިއޯގެ "ސްޓޭޖު 24"ގައެވެ. މި އެޕިސޯޑްގައި، ޝޯގެ ހަގީގީ ބާނީންކަމަށްވާ ޑޭވިޑް ކްރޭން އަދި މާތާ ކޯފްމަންވެސް ފެނިގެންދާނެ ކަމަށާ، މި އެޕިސޯޑަކީ، ސްކްރިޕްޓްއަކާ ނުލާ ޝޫޓްކުރާނެ އެޕިސޯޑެއް ކަމަށްވެސް މައުލޫމާތު ލިބެއެވެ.