އިންޑިއާގެ ގުޖުރާތުގައި ސްޓޭޓްގައި އަންހެނުންނަށް ވަޒީފާ ދޭއިރު އެއީ އެ ވަޒީފާއަށް އެންމެ އެކަށީގެންވާ މީހެއްކަން ކަށަވަރު ކުރުމަށް އޮންނަ މަރުހަލާގެ ތެރޭގައި އަންހެނުންގެ ބަލިތަކަށް ހާއްސަ ޓެސްޓުތަކެއް ހައްދާ ކަމަށާ، އޭގެ ތެރޭގައި ބަނޑުބޮޑު ތޯ ނުވަތަ ނޫންތޯ ބަލަން ހަދާ ޓެސްޓުތައްވެސް ހިމެނޭ ކަމަށް ބުނެ، ހުށަހަޅާފައިވާ މައްސަލަތަކެއް ބަލަމުން އަންނަކަން އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ކަށަވަރު ކޮށްދީފިއެވެ.

މަސައްކަތަކަށް ކުފޫ ހަމަވޭތޯ ބަލަން ހަދާ ޓެސްޓުތަކުގެ ތެރޭގައި މާބަނޑުތޯ ބަލަން ހަދާ ޓެސްޓުތައް ހިމެނޭތީ އެކަމުގެ ޝަކުވާ ހުށަހަޅާފައި ވަނީ އިންޑިއާ ސަރުކާރުގެ އިދާރާތަކުގެ ކާތިބާއިންގެ ވަޒީފާއަށް އެދި ހުށަހަޅާފައިވާ އަންހެނުންތަކެކެވެ.

މިފަދަ މައްސަލައެއް ފެންމަތިވެފައި މިވަނީ، ގުޖުރާތުގައި މަތީ ތައުލީމު ފޯރުކޮށްދޭ ކޮލެޖެއްގެ ހޮސްޓަލްގައި ތިބި އަންހެން ކުދިންނަކީ ހައިޟުގެ ދުވަސްތައް ގުނަމުން ނުދާ ކުދިންތަކެއް ކަން ކަށަވަރު ކޮށްދިނުމުގެ ނަމުގައި، އެކުދިންގެ ފޭރާމުގެ އަޑިން ލައިގެން ތިބި 'އަންޑަގާމެންޓްސް' ވެސް ބާލަން އެންގި ކަމަށް ބުނާ އަޑުތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.

މަސައްކަތަށް ކުފޫ ހަމަވޭތޯ ބެލުމަށް ހަދަންޖެހޭ ޓެސްޓުތަކުގެ ތެރޭގައި ބަލިވެއިން މީހެއް ނޫންކަން ކަށަވަރު ކޮށްދިނުމަކީ 3 އަހަރުގެ ޕްރޮބޭޝަނަށް ފަހު، ވަޒީފާ ކަށަވަރުކުރަން ބޭނުން ނަމަ ހަދަން މަޖުބޫރު ޓެސްޓެއް ކަމަށް، މިއަންހެނުންގެ ފަރާތުން ކަމާބެހޭ ފަރާތްތަކަށް މައްސަލަ ހުށަހެޅި ޔޫނިއަންއިން ވަނީ ފާހަގަކޮށްފައެވެ.

ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ މައްސަލައިގެ ރިޕޯޓްގައި ބުނެފައިވަނީ 10 އަންހެނުންގެ ގުރޫޕެއް އެއް ތަނެއްގެ ތެރޭގައި، އައުރަ ނިވާނުކޮށް ބައިތިއްބައިގެން ޓެސްޓު ހަދާފައި ވާކަމަށާ، އެ ޓެސްޓު ހަދާފައިވަނީ އަންހެން ޑޮކްޓަރެއް ކަމަށް ވީ ނަމަވެސް ހަދާފައިވަނީ ޖިސްމާނީ ގޮތުން ބޭއިހުތިރާމް ލިބޭ ފަދަ ޓެސްޓުތަކެއް ކަމަށެވެ. މައްސަލައަކީ ޓެސްޓު ހެދުން ނޫންކަމަށާ، މައްސަލައަކީ ބޭއަދަބީ މޭރުމަކުން ޓެސްޓުތައް ހެދުން ކަމަށްވެސް އެ ފަރާތުން ބުނެއެވެ.