އަފްގާނިސްތާނުގައި ދިގުލާ ގޮސްފައިވާ 18 އަހަރުވީ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ހަތިޔާރުއެޅި ހަނގުރާމަވެރި ތޯލިބާން ޖަމާއަތާ އެމެރިކާއާއި ދެމެދު ކުރިއަށް ގެންދިޔަ ސިލްސިލާ މަޝްވަރާތަކުގެ ތެރެއިން އެކުލަވާލި ހަމަލާ ބަދަލު ކުރުންތައް މަޑުޖައްސާލާ އެއްބަސްވުން އަމަލީ ގޮތުން ތަންފީޒު ކުރަން ފަށައިފިއެވެ.
ހަފުތާއެއްގެ މުއްދަތަށް ތަންފީޒުކުރާ މި އެއްބަސްވުމަކީ، ހަމަލާ ބަދަލުކުރުން މުޅިން ހުއްޓާލުމުގެ ބަދަލުގައި، ހަމަލާ ބަދަލުކުރާ މިންވަރު މަދުކުރަން ބާރުދޭ ގޮތަށް ފަރުމާކޮށްފައިވާ އެއްބަސްވުމެއް ކަމަށް ޚަބަރު ލިބެއެވެ.
މި އެއްބަސްވުން ހިންގަނީ އަފްގާނިސްތާނުގައި ހަރަކާތްތެރިވާ އެމެރިކާގެ އަސްކަރީ ފައުޖާ، ތޯލިބާން ހަނގުރާމަވެރިންގެ އިތުރުން އަފްގާނިސްތާނުގެ މައި ސަރުކާރާ ގުޅިފައިވާ ސަލާމަތީ ބާރުތަކުގެ މައްޗަށެވެ.
މި އެއްބަސްވުން ކާމިޔާބު ކަމާއެކު ތަންފީޒު ކުރެވުން ވެގެންދާނީ، އެމެރިކާއާއި ތޯލިބާނު ހަނގުރާމަވެރިންނާ ދެމެދު އެކުލަވާލަން މަސައްކަތް ކުރަމުންދާ ސުލްހައިގެ އެއްބަސްވުން ފުރިހަމަ ކުރުމަށް ފުރުސަތު ތަނަސްވަކޮށްދެނިވި ކަމަކަށެވެ. ސުލްހައިގެ އެއްބަސްވުމަށް ފުރިހަމަ ސިފަ ލިބިގެން ހިނގައްޖެނަމަ، އަފްގާނިސްތާނުގައި ހަރަކާތްތެރިވަމުންދާ އެމެރިކާގެ އަސްކަރީ ފައުޖުތައް އެ ގައުމުން ފައިބާނެވެސްމެއެވެ.
ޓީވީ މެދުވެރިކުރައްވާ ދެއްވި ތަގުރީރެއްގައި އަފްގާނިސްތާނުގެ ރައީސް އަޝްރަފު ގަނީ ވިދާޅުވީ، ހަމަލާ ބަދަލުކުރުން މަދުކުރާ (އާރް.އައި.ވީ) އެއްބަސްވުން ތަންފީޒު ކުރަން ފަށެށުމާއެ، އަފްގާނިސްތާނުގެ އަސްކަރިއްޔާއިން އޮންނަނީ ދިފާއީ ގޮތުން ހަރަކާތްތެރިވާންޖެހިއްޖެ ހިނދެއްގައި ހަރަކާތްތެރިވުމަށް ތައްޔާރީ ހާލަތުގައި ކަމަށެވެ.
ކަންމިހެން އޮތް ނަމަވެސް، އަފްގާނިސްތާނުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ހަނގުރާމަވެރި އައިސިސް ފަދަ އެހެން ޖަމާއަތްތަކާ ދެކޮޅަށް އަސްކަރިއްޔާއިން ކުރިންވެސް ހިންގަމުންދިޔަ އޮޕަރޭޝަންތައް އެގޮތުގައި ހިންގަމުންދާނެ ކަމަށް އަފްގާނިސްތާނުގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޙަމްދުﷲ މޫހިބުގެ ތަރުޖަމާނު، ޖާވިދު ފައިސަލް ވަނީ ހާމަކުރައްވާފައެވެ.
އަފްގާނިސްތާނުގައި މިހާރު ތަންފީޒު ކުރަމުންދާ އެއްބަސްވުން ކާމިޔާބު ކުރެވިއްޖެނަމަ، ތޯލިބާނުންނާއެކު ސުލްހައިގެ އެއްބަސްވުން އެކުލަވާލާ، އެ އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވަނަ ދުވަހު ކަމަށް އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯ ވަނީ ހާމަކުރައްވާފައެވެ. ޕޮމްޕޭއޯ މިކަން ހާމަކުރެއްވުމާއެކު، ތޯލިބާނުންގެ ތަރުޖަމާނު ޒަބީއުﷲ މުޖާހިދު ވަނީ މިކަންކަން ކަށަވަރުކޮށްދީ، ސުލްހައިގެ އެއްބަސްވުމުގައި ސޮއިކުރުމަށް އޮންނަ ރަސްމިއްޔާތުގައި ބައިވެރިވުމަށް ދެ ފަރާތުގެ އިސް މަންދޫބުންނަށް ދައުވަތު ދެވޭނެކަން ހާމަކޮށްފައެވެ.
އެމެރިކާއިން 2001 ވަނަ އަހަރު އަފްގާނިސްތާނަށް އަރާ ތޯލިބާނުންގެ ވެރިކަން ނިމުމަކަށް ގެނައި ފަހުން އަފްގާނިސްތާނުގައި އެކުލަވާލާފައިވާ ސަރުކާރަކީ އެމެރިކާގެ "ގޮނޑިކޮއްކޮ" ސަރުކާރެއް ކަމަށް ބުނެ، ތޯލިބާނުން ދަނީ އަފްގާނިސްތާނުގެ މައި ސަރުކާރާ ސީދާ ގޮތުން މަޝްވަރާކުރުމަށް އިންކާރު ކުރަމުންނެވެ.