ޖިސްމާނީ ގޮތުން ހުރި އުނިކަމެއްގެ ސަބަބުން އެ އުމުރުގެ އެހެން ކުދިންނާ ހިލާފުތަކެއް ހުރި ކުއޭޑަން ބޭލްސްއަށް އޭނާގެ ސްކޫލް ކުދިން ފުރައްސާރަކޮށް މަލާމާތްކުރަމުންދާތީ އަމިއްލަ ފުރާނައަށް ނުރައްކާ ކުރާ ހާލަތަށް ދިއުމުން އޭނާގެ މަންމަ ސޯޝަލް މީޑިއާއަށް ދޫކޮށްލި ވީޑިއޯއާއިއެކު، ކުއޭޑަންގެ ރައްޓެއްސެއްގެ ގޮތުގައި އެބަހުރިކަން އޮސްޓްރޭލިއާއަށް ނިސްބަތްވާ އެކްޓަރު އަދި ޕްރޮޑިއުސަރު ހިއު ޖެކްމަން ހާމަކޮށްފިއެވެ.

ބުލީ ކުރުމުގެ ސަބަބުން ގިސްލަ ގިސްލާ ރޯންއިން ކުއޭޑަންގެ މަންޒަރުތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު 14 މިލިއަނަށްވުރެ ގިނަ މީހުން ވަނީ މި ވީޑިއޯ ބަލާފައެވެ. މި އާއެކު ގިނަ ސެލެބްރިޓީންތަކެއްވެސް ދަނީ ކުއޭޑަންއާއި އޭނާގެ އާއިލާއަށް އެއްބާރުލުމާ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަން ފަށާފައެވެ. މިލިސްޓުގައި، ހިއު ޖެކްމަންގެ އިތުރުން، ބާސްކެޓް ކުޅުންތެރިޔާ އާނިސް ކެންޓާވެސް ހިމެނެއެވެ.

މީގެ އިތުރުން ކުއޭޑަން ފަދައިން ޑްވޯފިޒަމްގެ ތަޖުރިބާކުރަންޖެހިފައިވާ އެމެރިކާގެ ކޮމީޑިއަން ބްރޭޑް ވިލިއަމްސްވަނީ ކުއޭޑަންއާއި އޭނާގެ އާއިލާ ޑިޒްނީލޭންޑަށް ފޮނުވުމަށްޓަކައި 1 ދުވަހުގެ ތެރޭގައި 130000 ޑޮލަރުގެ ފަންޑެއް އެއްކޮށްފައެވެ.

ދުނިޔޭގެ އެކި ހިސާބުތަކުން ގިނަ އަދަދެއްގެ ކުޑަކުދިންވެސް ދަނީ އެކުދިން ތިބީ ކުއޭޑަންއާއި އެކުގައި ކަން ހާމަކޮށް، ކުއޭޑަންއަށް ހިތްވަރުގެ ބަސްތައް އަމާޒުކޮށް ސޯޝަލް މީޑިއާއަށް ޕޯސްޓުތައް ދޫކުރަމުންނެވެ.