ދުނިޔޭގައި 2 ވަނައަށް އެންމެ ވަރުގަދަ އިގުތިސޯދުގެ މަގާމުގައި އޮތް ޗައިނާއިން އުފެދި، އެކި ހިސާބުތަކަށް ހަލުވިކަމާއެކު ފެތުރިގެންދިޔަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން އެއާލައިންތަކަށް ލިބޭ ގެއްލުމުގެ އަގު، 29.3 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމުގެ އިންޒާރު، ވައިގެ އުދުހުންތަކުގެ ބައިނަލްއަގުވާމީ ސިނާއަތުގެ ރެގިއުލޭޓަރުން ދީފިއެވެ.

އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އައިއާޓާ) ވަނީ، ވައިގެ އުދުހުންތަކަށް އޮތް ޑިމާންޑް، ފާއިތުވީ 10 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ދަށަށް ދާނެ ކަމަސް ރެކޯޑްތަކުން ދައްކާނެ ކަމަށް ލަފާކޮށްފައެވެ.

މިކަމުގެ އަސަރު އެންމެ ބޮޑަށް ފެންނާނީ ޗައިނާއާއި އޭޝިއާ ޕެސިފިކް ސަރަހައްދުގައި އޮޕަރޭޓްކުރާ އެއާލައިންތަކުން ކަމަށްވެސް އައިއާޓާއިން ބުނެއެވެ.

ކޮވިޑް-19އާއި ގުޅިގެން ގައުމުތަކުން އެޅި ސަލާމަތީ ފިޔަވަޅީތަކާއެކު ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުންދިޔަ ވައިގެ ދަތުރުތަކުގެ މިންވަރު ވަނީ މަޑުޖައްސާލަން މަޖުބޫރުވެފައެވެ.

އައިއާޓާއިން ލަފާ ކުރާ ގޮތުގައި އޭޝިއާ ޕެސިފިކް ސަރަހައްދުގައި އޮޕަރޭޓްކުރާ އެއާލައިންތަކަށް މި އަހަރު ލިބޭ އާމްދަނީއިން 27.8 ބިލިއަން ޑޮލަރު އުނިވާއިރު، އެހެން ސަރަހައްދުގައި އޮޕަރޭޓްކުރާ އެއާލައިންތަކުގެ އާމްދަނީއިންވެސް މިއަހަރު 1.5 ބިލިއަން ޑޮލަރު އުނިވާނެއެވެ. ވަކިން ހާއްސަކޮށް، ޗައިނާގެ އެއާލައިންތަކުގެ އާމްދަނީއިން 12.8 ބިލިއަން ޑޮލަރު އުނިވާނެ ކަމަށްވެސް އައިއާޓާއިންވަނީ ލަފާކޮށްފައެވެ.

އެއާލައިންތަކަށް ލިބޭ އާމްދަނީ ދަށްވިކަމުގައި ވީނަމަވެސް ޖުމުލަ ފައިދާއަށް ލިބޭ ގެއްލުމުގެ މިންވަރު އަންދާޒާ ކުރަން އަދި މާ އަވަސް ކަމަށްވެސް އައިއާޓާއިން ވަނީ ބުނެފައެވެ. މިހާރު އެކުލަވާލާފައިވާ ތަފާސް ހިސާބުތަކަކީ 2003 ވަނަ އަހަރު ފެތުރިގެންދިޔަ ސާސް ރޯގާއާއި ދިމާކޮށް އެއާލައިންތަކުގެ ވިޔަފާރިއަށް އައި ބަދަލު ވަޒަންކޮށްގެން އެކުލަވާލާފައިވާ ތަފާސް ހިސާބުތަކެއްކަމަށް އައިއާޓާއިން ބުނެއެވެ.