އިންޑިއާގެ ދެކުނުގެ ސަރަހައްދެއްގައި ޓްރަކެއްގައި އުފުލަމުންދިޔަ ކޮންޓޭނަރެއް އެ ޓްރަކުން ފުރޮޅާލާ، ފަސެންޖަރުން އުފުލާ ބަހެއްގައި ޖެހިގެން ހިނގި ހާދިސާގައި މަރުވި މީހުންގެ އަދަދު 19 އަށް އަރައިފިއެވެ.

އޮފިޝަލުން ވިދާޅުވާ ގޮތުގައި މިއަދު ފަތިހު މިހާދިސާ ހިނގާފައިވަނީ ޓްރަކްގައި ކޮންޓޭނަރު ހިފަހައްޓަން ބޭނުންކުރި ހުޅަކުން އެ ކޮންޓޭނަރު ނެއްޓިގެންނެވެ. އަދި ހުޅު ނައްޓައިގެން ދިޔައީ ޓްރަކްގެ ޓަޔަރެއް ފަޅައިގެން ދިއުމުގެ ސަބަބުން ކަމަށްވެސް އޮފިޝަލުން މައުލޫމާތު ދެއްވައެވެ. އިންޑިއާގެ ފުލުހުން ދަނީ މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ހޯދުމުގެ އިތުރު ތަހުގީގުތައް ކުރަމުންނެވެ.

އޮފިޝަލަކު ވިދާޅުވީ ކޮންޓޭނަރުން ޖެހުނު ފަސެންޖަރުން އުފުލާ ބަހުގައި، ހާދިސާ ހިނގި ވަގުތު 48 މީހުން ތިބި ކަމަށާ، ބައެއް މީހުން މިހާރު އޮތީ ކުރިޓިކަލް ހާލެއްގައި ކަމަށެވެ.

ޓްރަކުން ކޮންޓޭނަރު ނައްޓައިގެން އައި ވަގުތު ބަސް ދުއްވަމުން ދިޔައީ ހައިވޭގެ، އިދިކޮޅު ލޭނުގައެވެ. އަދި ބަހުގައި ޖެހުނީ އޭރު ކޮންޓޭނަރު ޓްރަކް ދުއްވަމުން ދިޔަ ލޭނުގެ އިދިކޮޅު ލޭނަށް ކޮންޓޭނަރު ފުރޮޅިގެން ދިއުމުގެ ސަބަބުން ކަމަށް ޚަބަރު ލިބެއެވެ.

މިހާދިސަގައި އެކްސިޑެންޓްވި ބަހަކީ ކެރެލާ ސްޓޭޓް ޓްރާންސްޕޯޓް ކޯޕަރޭޝަންއިން އޮޕަރޭޓްކުރާ ބަހެކެވެ. މި ބަހަކީ ކަރްނާޓަކާ ސްޓޭޓްގެ ބެންގަލޫރު ސިޓީއިން، ކެރަލާގެ އިރުނާކުލާމްއަށް ދަތުރުކުރަމުންދިޔަ ބަހެކެވެ.

ޓްރަކް ދުއްވަން އިން ޑްރައިވަރު ފިލާފައިވާކަމަށް ޚަބަރު ލިބެއެވެ. މި ހާދިސާގައި މަރުވީ ކޮން ގައުމެއްގެ ބައެއްކަން އަދި ކަށަވަރުކުރެވިފައެއް ނުވެއެވެ.