ތިންބާރު ވަކިވެފައިވާ ވެރިކަމުގެ ނިޒާމުން ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ރައްޔިތުންނަށް ލިބިގެންދާ ހައްގުތައް ކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ 'މަސަލަސް ރާއްޖެ' ގެ ނަމުގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން އިސްނަގައިގެން ހިންގާ ހޭލުންތެރިކުރުވުމުގެ ގައުމީ ހަރަކާތް އިފްތިތާހް ކޮށްދެއްވުމަށް މިއަދު ހެނދުނު ސްޓެލްކޯގެ އޮޑިޓޯރިއަމްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖެއަށް އެކި ދާއިރާތަކުން ގިނަގުނަ ބަދަލުތަކެއް އަންނަން ފަށާފައިވާ ކަމަށާއި މިގޮތުން 2008 ވަނަ އަހަރު އާ ގާނޫނު އަސާސީން ރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ހައްގުތަކެއް ލިއްބައިދީފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ގައުމުގެ ވެރިކަން ހިންގުމުގެ ނިޒާމު ޒަމާނާ އެއްގޮތަށް ބަދަލުކުރުމުގެ ޖާގަ މި ގާނޫނު އަސާސީން ދީފައިވާކަން ފާހަގަކުރައްވާ ނައިބު ރައީސް ވަނީ މި ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ލިބިދޭ ހައްގުތަކުގެ ފުރިހަމަ ބޭނުން ހިފުމަށްޓަކައި އެކަންކަމުގެ މައުލޫމާތު ލިބިފައިވުމަކީ ވަރަށް މުހިއްމު ކަމެއްކަމަށް ވިދާޅުވެފައެވެ.

'މަސަލަސް ރާއްޖެ' / ފޮޓޯ: ރައީސް އޮފީސް

ގާނޫނުތަކަކާއި އުސޫލުތަކެއް ހެދިފައި ހުންނައިރު އެގާނޫނެއްގައި ބުނާ އެއްޗެއް ހުރިހާ އެންމެންނަށް ވަރަށް ރަނގަޅަށް އެނގުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިއަދަކީ އެފަދަ ވަރަށް މުހިއްމު ދުވަހެއްކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު މިއަދު ވުޖޫދަށް އައިސްފައިވާއިރު އެގާނޫނުގައި ބުނާ އެއްޗެއް ވަރަށް ސާފުކޮށް އެންމެންނަށްވެސް އެނގެންޖެހޭ ކަމުގައެވެ.

މިއަދު މި ފެށިގެންދާ ހޭލުންތެރިކަމުގެ ޕްރޮގްރާމަކީ ވެސް އެތައް މިންނެތް މަސައްކަތަކާއެކު ބޭއްވިގެންދާ ޕްރޮގްރާމެއް ކަމަށާއި މިފަދަ ޕްރޮގްރާމްތަކުން ދަސްވާ އެއްޗެއްގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭތޯ މަސައްކަތް ކުރުމަށް ނައިބު ރައީސްގެ ވާހަކަފުޅުގައި އިލްތިމާސްކުރެއްވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ފަރާތުން އިސްނަގައިގެން މިއަދުން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 'މަސަލަސް ރާއްޖެ' ހޭލުންތެރިކުރުވުމުގެ ގައުމީ ހަރަކާތުގައި 16 މުއައްސަސާއެއް ބައިވެރިވެއެވެ. އޭގެ ތެރޭގައި، އެންޓި-ކޮރަޕްޝަން ކޮމިޝަން، ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، ބްރޯޑްކާސްޓިން ކޮމިޝަން، ރައްޔިތުންގެ މަޖިލީހުގެ އިދާރާ، ސިވިލް ސާވިސް ކޮމިޝަން، އެޓާނީ ޖެނެރަލްގެ އޮފީސް، ޕްރޮސިކިޔުޓާ ޖެނެރަލްގެ އޮފީސް، މޯލްޑިވްސް ޕޮލިސް ސާވިސަސް، ލޯކަލް ގަވާންމެންޓް އޮތޯރިޓީ، ޓްރާންސްޕޭރެންސީ މޯލްޑިވްސް، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ، މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް، ހޯޕް ފޯ ވުމެން، މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެންޕަވާމެންޓް އަދި އިސްލާމިކް ޔުނިވާސިޓީ ހިމެނެއެވެ.