ބުލީ ކުރުމަކީ ކޮބައިކަން ނޭނގޭ މީހަކު މަދުވާނެއެވެ. އެކަމަކު ބުލީ ކުރާ މިންވަރު މަދުނުވާ ކަމީ ހިތާމަ ހުރި ކަމެކެވެ. ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ކަމަށް ވަކާލާތު ކުރާ ގައުމުތަކުގައިވެސް މިކަން އޮތީ ހަމަ މިހެނެވެ. ހޭލުންތެރިކުރުވުމުގެ ކެމްޕޭންތަކާ، ހަރަކާތްތައް ހިންގި ކަމުގައި ވީ ނަމަވެސް، އެގައުމުތަކުގައި މިކަން ހިނގަނީ މަދެއް ކޮށެއް ނޫނެވެ. ބުލީގެ ޝިކާރައަށްވެ، މި އަމިއްލަ އަތުން ގޯސް ހެދޭ ދަރަޖައަށް ދާ ކުޑަކުދިންގެ އަދަދުވެސް މަދެއް ނޫނެވެ.

ހިތާމަ ހުއްޓެވެ. ދާދިފަހުން ސޯޝަލް މީޑިއާ ރޮއްވާލި އެއް ވީޑިއޯއަކީވެސް މިފަދަ ވީޑިއޯއެކެވެ. އޮސްޓްރޭލިއާގެ ސްކޫލެއްގައި ތައުލީމު ހާސިލުކުރަމުންދާ ކުއޭޑަން ބޭލްސްއަކީ ބުލީގެ ޝިކާރައެކެވެ. ޑްވޯފިޒަމް ނުވަތަ ޖިސްމާނީ ހެދިބޮޑުވުމުގައި އުމުރުގެ އެހެން ކުދިންނާ އަޅާ ބަލާއިރު އައިބުތަކެއް ހުރި ކުއޭޑަންއަކީ ކޮންމެ ދުވަހަކުވެސް ބުލީގެ ޝިކާރައަކަށްވާ ކުއްޖެކެވެ. އެ މައުސޫމު ކުއްޖާގެ ހިތް ފަޅައިގެން ގޮސް، ހަދާނެ ގޮތް ހުސްވެފައިވާ މިންވަރު، އޭނާގެ މަންމަ ސޯޝަލް މީޑިއާއަށް ދޫކޮށްލި އެންމެ ވީޑިއޯއަކުންވެސް އެނގިގެން ދެއެވެ.

ސްކޫލްގައި ބުލީގެ ޝިކާރައަކަށްވެފައިވާ ކުއޭޑަންގެ ވީޑިއޯގައި، ކުއޭޑަންގެ މަންމަ ވަނީ އެ އާއިލާއަށް ކުރިމަތިލާންޖެހިފައިވާ ހިތްދަތިކަމުގެ ވާހަކަތައް ހިއްސާކޮށްފައެވެ. އެއީ ކުއޭޑަންގެ ބަލީގެ ސަބަބަކުން ނޫނެވެ. ނަމަވެސް އެއީ ކުއޭޑަންގެ ސިފައަށް ފުރައްސާރަކޮށް، ސްކޫލް ދަރިވަރުން އޭނާއަށް ބުލީ ކުރުމުގެ ސަބަބުން އަމިއްލައަށް މަރުވާން ތައްޔާރަށް ހުރިކަމަށް ދަރިފުޅު ބުނުމުގެ ސަބަބުންނާ، އެފަދަ އެތައް ކަމަކާ ހެދި އެ އާއިލާއިން އުފުލަމުންދާ ހިތާމައެކެވެ.

ކުއޭޑަންގެ މަންމަ އާންމު ކުރި ވީޑިއޯއާއިއެކު މިހާރު މުޅި ދުނިޔެ ވަނީ ކުއޭޑަންއާއިއެކު ތެދުވެފައެވެ. އެގޮތުން އަންނަ ހޮނިހިރު ދުވަހުގެ ރޭ މެއޯރީ އޯލް-ސްޓާޒްއާއި ދެކޮޅަށް އިންޑިޖިނަސް އޯލް-ސްޓާޒް ނިކުންނަ މެޗުގައި އެ ޓީމު ލީޑުކުރުމުގެ ފުރުސަތު ކުއޭޑަންއަށް ވަނީ ދީފައެވެ.

ނަމަވެސް އުފެދޭ ސުވާލަކީ، މިއީ ކުއޭޑަންއަށް ދިމާވެފައިވާ ހަލަތު ބަދަލުކޮށްދޭނެ ކަމެއްތޯ ކުރެވޭ ސުވާލެވެ!

ނޯޓު: ކުއޭޑަންގެ ބުލީ ވީޑިއޯ ހިމަނާފައި ނުވަނީ އެ ވީޑިއޯގައި އޭނާގެ މަންމަ ބޭނުންކޮށްފައިވާ މަސްމަގަކީ އާންމު މިންގަނޑުތަކާ ހިލާފު މިންގަނޑަކަށް ނުވުމުން.