މިހާރަކަށް އައިސް 18 އަހަރު ނުފުރޭ ކުޑަކުދިން ވިހެއުމުގެ ވާހަކަތަކާއި، އެކި ކަހަލަ ކުށްތަކަށް އަރައިގަންނަ ވާހަކަތަކަކީ މި ކުޑަކުޑަ ރާއްޖޭގައި، އެއްވެސް ބަޔަކަށް އާންމު ނޫން ކަމަކަށް ނުވާނެއެވެ. އެހާވެސް ގިނައިން މިފަދަ އަޑުތައް ދަނީ ފެތުރެމުންނެވެ. މިފަދަ ހާދިސާތައް ދަނީ ފެންމަތިވަމުންނެވެ.

މިފަހަރު ފެންމަތިވެފައި މިވަނީ މެދުރާއްޖެތެރޭގެ ރަށެއްގައި މިހާރު އުމުރުން 14 އަހަރު ވެފައިވާ ކުޑަ އަންހެން ކުއްޖަކު އުމުރުން 13 އަހަރުގައި ބަނޑުބޮޑުވެ ވިހޭ މައްސަލައެކެވެ. މިވާހަކައާ ވިދިގެން މި ކުއްޖާގެ އެތައް މައްސަލައެއް ފެންމަތިވެފައި ވާއިރު، މިކަމުގައި އިހުމާލު ވަނީ ކޮންބައެއްތޯ ސުވާލު އުފެދޭ ވަރަށް މިކަން މިވަނީ ގޮސްފައެވެ.

އެރަށުން 'ދަ ޕްރެސް' އަށް މައުލޫމާތު ދިން ފަރާތަކުން ބުނީ، 13 އަހަރުގެ ކުއްޖަކު ބަނޑުބޮޑުވެ، ވިހާފައި ވަނީ، މީގެ 11 ވަރަކަށް މަސް ކުރިން ކަމަށެވެ. އަދި އެކަމެއް ހިނގާފައި ވަނީ ކުއްޖާގެ މައިންބަފައިންގެ ބެލުމުގެ ދަށުގައި ހުއްޓާ ކަމަށް އެ ފަރާތުން މައުލޫމާތުދެއެވެ.

އެ ފަރާތުން މައުލޫމާތު ދީފައިވާ ގޮތުގައި، މިހާރު އުމުރުން 14 އަހަރު ވެފައިވާ އަންހެން ކުއްޖާއަކީ ކުޑައިރުއްސުރެ، މަގުމަތިން ވަރަށް ގިނައިން ފެންނަ ކުއްޖެއް ކަމަށެވެ. އަދި އެ ކުއްޖާގެ މައްސަލަ އެކި ފަހަރު މަތިން އެކި ފަރާތްތަކުން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އެ ފަރާތުން މައުލޫމާތުދެއެވެ. އޭނާ ބުނީ، އެ ކުއްޖާ ވިޔާނުދާކޮށް އުޅުނަސް ފުލުހުންނަށް ހައްޔަރުކޮށްފައި ނުބެހެއްޓޭނެ ކަމަށާއި، މިކަމުގައި ފިޔަވަޅު އަޅަން ޖެހެނީ ޖެންޑާ މިނިސްޓްރީން ކަމަށް ބުނެ މިކަމުގައި ފުލުހުން ވެސް އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށެވެ.

14 އަހަރުގެ އަންހެން ކުއްޖާ އަދި އޭނާ ވިހޭ ދަރިފުޅު މިހާރު ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމުގެ މައުލޫމަތު ވަނީ ލިބިފައެވެ. މި އަންހެން ކުއްޖާ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ކުއްޖާއާ ހަވާލުވާން އެ ކުއްޖާގެ މައިންބަފައިން ބޭނުން ނުވާ ކަމަށް ބުނުމުން ކަމަށް މައުލޫމާތުލިބެއެވެ. ނަމަވެސް، އެކަމާ ގުޅިގެން 'ދަ ޕްރެސް' އިން ސުވާލު ކުރުމުން އެ މިނިސްޓްރީން ވަނީ، އެފަދަ މައްސަލައެއް އެ މިނިސްޓްރީއަށް ހުށަހަޅާފައި ނުވާ ކަމަށް ބުނެފައެވެ.

މި އަންހެން ކުއްޖާ އަކީ، އޭނާ ގްރޭޑް 6 ގައި ހުރި ދުވަހުއްސުރެ ސްކޫލަށް ނުދާ ކުއްޖެއް ކަމަށާއި އެ މައްސަލަ އެޑިއުކޭޝަން މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް ވެސް މައުލޫމާތު ދިން ފަރާތުން ބުނެއެވެ. އޭނާ ބުނީ، ނަމަވެސް މިކަމުގައި އެއްވެސް ފިޔަވަޅެއް އަޅިތަން ނުފެންނަ ކަމަށެވެ.

މިކަމާ ގުޅިގެން އެރަށު ކައުންސިލުގެ ރައީސް 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ ކުއްޖާގެ ވާހަކަ އެރަށު ތެރޭގައި ދެކެވޭ ކަމަށާއި، އެ ކުއްޖާ ވިހާފައިވާ ވާހަކައަކީ މީގެ 11 މަސް ކުރީގެ ވާހަކައެއް ކަމަށެވެ. އަދި މިހާރު ކުއްޖާ ޖެންޑާގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމުގެ މައުލޫތު ރަށުތެރެއިިން ލިބިފައިވީ ނަމަވެސް، މިކަމާ ގުޅޭ އެއްވެސް ކަމެއް ރަސްމީ ސިފައެއްގައި އެނގިވަޑައިގެންފައި ނުވާ ކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ.

މިކަންކަން މިހިސާބަށް ދިއުމުގެ ކުރިިން އެކަމާ މެދު ފިޔަވަޅު އެޅިނަމަ، މިހިސާބަށް ދާން ނުޖެހޭނެ ކަމަށް ގިނަ ފަރާތްތަކުން ދެކެއެވެ. އެރަށުން މައުލޫމާތު ދިން ފަރާތަކުން ބުނެފައިވާ ގޮތުގައި، އެރަށަކީ ކުޑަކުޑަ ރަށަކަށް ވި ނަމަވެސް، އެރަށުގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓުގައި ތިބެންވާނީ ޒިންމާދާރު ބައެއް ކަމަށެވެ. އަދި މިފަދަ ކަމެއް ހިނގައިގެން ދިޔައިރު، ކުއްޖާގެ މައިންބަފައިންގެ އިހުމާލު އޮތް ކަމަށާއި، މިކަން މޮނިޓާ ކުރުމުގައި ޖެންޑާއިން ވެސް އިހުމާލު ވެފައިވާ ކަމަށް ބައެއް ފަރާތްތަކުން ގަބޫލު ކުރެއެވެ. އަދު އެޑިއުކޭޝަނާއި ރަށު ކައުންސިލުގެ އިހުމާލުވެސް ކުޑައެއް ނޫނެވެ.