ގއ. ކަނޑުހުޅޫދޫ އިން އުމުރުން ދެ އަހަރުގެ ދަރިފުޅަށް އިހުމާލުވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެ ކުއްޖާގެ ބައްޕަގެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލް(ޕީޖީ) އަށް ފޮނުވާ ބަންދުން ދޫކޮށްލައިފިއެވެ.

ފުލުހުން ބުނީ ކުއްޖާގެ ބައްޕަ ދޫކޮށްލައިފައިވަނީ ކުއްޖާގެ ބައްޕަ ހައްޔަރުކޮށް މައްސަލަ ދައުވާކޮށްދިނުމަށް އެދި ޕީޖީގެ އޮފީހަށް ހުށަހެޅިފައިވާތީ ޕީޖީ އޮފީހާ މަޝްވަރާކުރުމަށްފަހު އިއްޔެ މެންދުރު 2:30 ގައި ކަމަށެވެ.

2 އަހަރު ކުއްޖާގެ މައްސަަލައާ ގުޅިގެން ފުލުހުންނާއި ޖެންޑާ މިނިސްޓްރީން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމުގައި ފުލުހުން ބުނެފައިވަނީ ކުއްޖާއާ ބެހުނު ކަމުގެ ތުހުމަތު އެންމެ ބޮޑަށް ކުރެވެނީ ކުއްޖާގެ ކާފަ އާއި މުނި ކާފައަށެވެެ. އަދި ބައްޕަގެ މައްޗަށް ކުރެވެނީ އިހުމާލުވިކަމުގެ ތުހުމަތެވެ.

ކުއްޖާގެ ކާފައާއި މުނިކާފަގެ މައްޗަށް ދައުވާ ކޮށްފައި ވަނީ މިމަހުގެ 13 ވަނަ ދުވަަހެވެ.

އެ މައްސަލައިގައި ހިމެނޭ މުނި ކާފައަކީ ކުޑަ ކުދިންނަށް ޖިންސީ ގޯނާކުރުމުގެ ރެކޯޑު އޮތް މީހެއް ކަމަށް ފުލުހުންވަނީ ބުނެފައެވެ. 2018 ވަނަ އަހަރު އޭނާގެ މައްސަލައެއްގައި ވަނީ ދައުވާ އުފުލާފައެވެ. އަދި މި މައްސަލަ ކޯޓާ ހަމައަށް ގޮސް ވަނީ މަޑުޖެހިފައެވެ.

މި މައްސަލައިގައި ތަހުމަތު ކުރެވޭ ދެވަނަ ފަރާތްކަމަށްވާ ކުއްޖާގެ ކާފަ އަކީ އެ ރަށު މިސްކިތު މުދިމެވެ. އޭނާގެ މުދިންކަމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ވަނީ ސަސްޕެންޑް ކޮށްފައެވެ. އަދި ކުއްޖާގެ މާމައަކީ މާލެ ފިޔަވަތީގައި މަސައްކަތް ކުރާ މީހަކަށް ވީ އިރު އޭނާ ވެސް ވަނީ ސަސްޕެންޑް ކޮށްފައެވެ. ފިޔަވަތިން ކުއްޖާގެ މާމަ ސަސްޕެންޑްކުރީ ކީއްވެ ކަމެއް އަދި ޖެންޑާއިން ހާމައެއް ނުކުރެއެވެ. ކުއްޖާގެ ބައްޕަ އަކީ މަސްތުވާތަކެތީގެ މައްސަލައިގެ ރިކޯޑް އޮންނަ މީހެކެވެ.