އެމެރިކަން އައިޑަލްގެ 18 ވަނަ ސީޒަން އޮންއެއާ ކުރުމާއެކު އެންމެންގެ ހިތްތައް ފަތަހަ ކުރި ފުރަތަމަ ބައިވެރިއަކީ އެލަބޭމާގައި ދިރިއުޅެމުންދާ އުމުރުން 27 އަހަރުގެ ޑަގްލަސް ކައިކާއެވެ.
އާންމުންގެ ސަމާލުކަން ޑަގްލަސް ކައިކާ އެންމެ ފުރަތަމަވެސް ހޯދީ އޮޑިޝަން ފަށަމުން އޭނާ ދިން ތައާރަފާ ހިސާބުންނެވެ. އޭނާގެ ތައާރަފެއް ދިނުމަށް ފަނޑިޔާރުން އެދުމުން، އޭނާއަކީ 'ކުނިއުކަން އުޅޭ' މީހެއްކަން ޑަގްލަސް ކައިކާ ބުނީ އޭނާގެ މަސައްކަތަށް އޭނާ ފަޚްރުވެރިވާ ހާލު، ހިތްތިރި ކަމާއެކުގައި ކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ.
ކުނިއުކާ މީހެއްގެ ވަޒީފާގެ ތަޖުރިބާތައް ހިއްސާކުރަމުންދިޔައިރު، ފަނޑިޔާރުންގެ ބެންޗުގައި އިން މަޝްހޫރު ލަވަކިއުންތެރިޔާ ލައޮނަލް ރިޗީއަށް އެ ގޮނޑީގައި އިނދެވޭ ވަރުވެސް ނުވިއެވެ. ޑަގްލަސްގެ ކައިކާގެ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ލައޮނަލް ރިޗީވަނީ ފަނޑިޔާރުންގެ ގޮނޑިންވެސް ތެދުވެ، ޑަގްލަސް ކައިކާ ހުރި ހިސާބަށް ގޮސް އޭނާއާއި ވާހަކަދައްކާފައެވެ.
އޭނާއަކީ ލަވަކިއުމުގެ އެއްވެސް ތަޖުރިބާއެއް ހުރި މީހެއް ނޫންކަމަށާ، އޮޑިޝަނަށް އައި ވޯމްއަޕްވެސް ނުކޮށް ކަމަށް ޑަގްލަސް ކައިކާ ބުނި ހިސާބުން ލައޮނަލް ރިޗީ އޭނާ ހަވާލުކުރީ މިފަހަރުގެވެސް ހޮސްޓް ރާޔަން ސީކްރެސްޓްއާއިއެވެ. އޮޑިޝަން ޕްލެޓްފޯމަށް ޑަގްލަސް ކައިކާ އެނބުރި އަންނަނީ އޭގެ 15 ވަރަކަށް މިނެޓް ފަހުންނެވެ.
ޝޯއަށްއައީ ކީއްވެތޯ ފަނޑިޔާރުން ކުރި ސުވާލަށް ޑަގްލަސް ކައިކާ ދިން ޖަވާބުންވެސް އެތައް ބައެއްގެ ލޯބި އޭނާއަށް ލިބިގެންދިޔައެވެ. ޑަގްލަސް ކައިކާ ބުނި ގޮތުގައި އެނާ އެ ޕްލެޓްފޯމަށް އައީ އޭނާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅަށްޓަކައެވެ. އެއީ ދިރިއުޅުމުގައި ކޮންމެ ކަމަކާވެސް ކެރިގެން ކުރިމަތިލައިފިނަމަ އެކަމެއް ވާނެކަން، 3 އަހަރުގެ ދަރިފުޅަށް ސާބިތުކޮށްދިނުމަށް ކަމަށްވެސް ޑަގްލަސް ކައިކާ ވަނީ ކިޔައިދީފައެވެ.
ޝޯއިން ޖާގަ ކަށަވަރުކޮށް، ޑަގްލަސް ކައިކާ، ރާޔަން ސީކްރެސްޓްއާއިއެކު ސްޓޭޖުން ފައިބައިގެން ދިޔައީ އެތަނުގައި ތިބި ހުރިހާ އެންމެންގެ ލޮލުން ކަރުނަ ހިލުވާލާފައެވެ. އަދި ހުރިހާ ފަނޑިޔާރުންވެސް އެމީހުންގެ ގޮނޑިތަކުން ނަގާފައެވެ.
ގިނަ ބަޔަކު އިއްތިފާގުވާ ގޮތުގައި އެއީ ހޮލީވުޑުން ޑަގްލަސް ކައިކާ ކަށަވަރުކުރި ޓިކެޓެކެވެ.