ޝާހީން ބާގުގައި މުޒާހަރާ ކުރުމުގެ ހައްގު ރައްޔިތުންނަށް ލިބިފައިވާކަމަށާ، ނަމަވެސް އެކަން ކުރަންވީ ހައްދުތަކެއް އޮންނާނެ ކަމަށް އިންޑިއާގެ ސުޕްރީމް ކޯޓުން ބުނެފިއެވެ.

އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް ގެނައި އިސްލާހު (ސީއޭއޭ)އާއި ދެކޮޅަށް ޝާހީން ބާގުގައި ކުރަމުންދާ މުޒާހަރާތަކުގެ ސަބަބުން މަގުތައް ބެދުމާއި އެނޫންވެސް އެފަދަ މައްސަލަތައް ކުރިމަތިވާކަމަށް ބުނެ އެ މުޒާހަރާތައް ހުއްޓުވާ ދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ޖަވާބުގައި، މައްސަލަ ބެލި ބެންޗުން ބުނީ ގާނޫނާ ދެކޮޅަށް މުޒާހަރާ ކުރުމަކީ ރައްޔިތުންނަށް ލިބިދީފައި އޮތް އަސާސީ ހައްގެއް ކަމަށެވެ. ނަމަވެސް މަގުތައް ބެދޭ ގޮތަށް މުޒާހަރާތައް ކުރިއަށް ގެންދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށާ، މުޒާހަރާކުރަން ވީ ހުރިހާ ކަމެއްވެސް ބެލަންސްވާ ގޮތަކަށް ކަމަށްވެސް އިންޑިއާގެ ސުޕްރީމް ކޯޓުންވަނީ ބުނެފައެވެ.

ޑިމޮކްރަސީ މަސައްކަތް ކުރާނީ ރައްޔިތުންގެ އަޑު އިއްވިގެން ކަމަށާ، ނަމަވެސް ހައްދުތަކާ އިންތަކެއް މިކަމުގައި އޮންނަ ކަމަށް މައްސަލަތައް ބެލި ބެންޗުން ވަނީ ބުނެފައެވެ. އަދި މަގު ބެދުންފަދަ މައްސަލަތައް ކުރިމަތި ނުވާ ސަރަހައްދަކަށް މުޒާހަރާތައް ބަދަލު ކުރުމަށް މުޒާހަރާގެ ބައިވެރިންނަށް އިރުޝާދު ދީ ހިތްވަރު ދިނުމަށް، ސީނިއާ އެޑްވަކޭޓް ސަންޖޭ ހެޖްއާއި އެޑްވަކޭޓް ސާދުނާ ރާމަޗަންދްރަންއަށް އެ ބެންޗުންވަނީ އަންގާފައެވެ.

މިވަރުން މަސައްކަތްކޮށްގެންވެސް މުޒާހަރާތައް އެހެން ސަރަހައްދަކަށް ބަދަލު ނުކޮށްފިނަމަ، މަސްރަހު ކޮންޓްރޯލް ކުރަން ހަވާލު ކުރާނީ ކަމާބެހޭ ފަރާތްތަކަށް ކަމުގެ އިންޒާރު، އިންޑިއާގެ ދަށު ކޯޓަކުންވަނީ ދީފައެވެ.

އިންޑިއާގެ ސުޕްރީމް ކޯޓުން އަދިވެސް ބަލަމުންދާ މިމައްސަލައިގެ އަޑު އެހުމެއް ދެން އޮންނާނީ މިމަހުގެ 24 ވަނަ ދުވަހުއެވެ.