ޗައިނާގެ ޝިންޖިއާންގް ޕްރޮވިންސްގައި އެތައް ސަތޭކަ ހާސް މުސްލިމުންނަކަށް ޗައިނާގެ ކޮމިއުނިސްޓް މައި ސަރުކާރުން ދެމުން އަންނަ ލާއިންސާނީ އަނިޔާތަކާ އެކަމާ ގުޅޭ އިތުރު ތަފްސީލުތަކެއް ބަޔާންކޮށްދޭ ލިޔެކިއުންތަކެއް ބައިނަލްއަގުވާމީ މީޑީއާއަށް ލީކުކޮށްލައިފިއެވެ.

މި ލިޔެކިއުންތަކަކީ ވީގޫރު މުސްލިމުންނާ މެދު ޗައިނާގެ ސަރުކާރުން އަމަލުކުރާނެ ގޮތް ކަނޑާއަޅާ ގޮތުގެ ތަފްސީލުތައް ބަޔާންކޮށްދޭ ލިޔެކިއުންތަކެކެވެ. މި ލިޔެކިއުންތަކުގައިވާ ބައެއް މައުލޫމާތަށް ބަލާއިރު، 3000 އެއްހާ ވަކިވަކި ފަރުދުންގެ އާންމު ދިރިއުޅުމާ ގުޅޭ އެންމެ ކުދިކުދި ތަފްސީލުތައްވެސް ހިމަނާފައިވާކަން ފާހަގަކުރެވެއެވެ.

ބައިނަލްއަގުވާމީ މީޑީއާއަށް ލީކުކޮށްލާފައިވަނީ ގާތްގަނޑަކަށް 137 ސޮފުހާގެ މައުލޫމާތެވެ. މި ލިޔެކިއުންތަކުގައި ތަފްސީލުކޮށްދީފައިވާ ބައެއް ކަންކަމަށް ބަލާއިރު ލިސްޓުކޮށްފައިވާ މީހުން ނަމާދުކުރާ އަދަދާ، އެމީހުން ހެދުން އަޅާ އުޅޭ ގޮތާ، އެމީހުން ގުޅުން ބާއްވާ ގޮތުގެ އިތުރުން އެމީހުންގެ އާއިލާ މެމްބަރުން އުޅޭ ގޮތުގެ ތަފްސީލުތައް ހިމަނާފައިވެއެވެ. މީގެ އިތުރުން، ބޭރުގެ ވެބްސައިޓްތަކަށް އެމީހުން ވަދެ އުޅޭ ގޮތުގެ ތަފްސީލުތައްވެސް ޗައިނާގެ ސަރުކާރުން ގަވައިދުން ޓްރެކް ކުރަމުންދާކަން މި ލިޔެކިއުންތަކުން ހާމަވެއެވެ. އެގޮތުން އޮޅުމެއްގެ ތެރެއިން ބޭރު ސައިޓްއަކަށް ވަދެވޭ މީހުންގެ ތަފްސީލުތައްވެސް ވަނަވަރާއެކު މި ލިޔެކިއުންތަކުގައި ވަނީ ބަޔާންކޮށްފައެވެ.

ޗައިނާއިން މަސައްކަތް ކުރަމުންދަނީ ދީނުގެ ނަމުގައި ހައްދުފަހަނައަޅާ ދިއުމާ ޓެރަރިޒަމް ހުއްޓުވުމަށް ކަމަށް ބުނެ، ޗައިނާގެ މައި ސަރުކާރުން ދަނީ ވީގޫރު މުސްލިމުންނާ މެދު އެ ސަރުކާރުން ލާއިންސާނީ މޭރުމަކުން ޖަރީމާ ނުހިނގާ ކަމަށް ބުނަމުންނެވެ. އަދި މިކަމާ ގުޅިގެން ޗައިނާގެ މައި ސަރުކާރަށް އަމާޒު ކުރާ ފާޑުކިއުންތަކަށްވެސް އަދާ ޖެހުނުއިރުވެސް ޗައިނާގެ ކޮމިއުނިސްޓް ސަރުކާރުން ދަނީ އިންކާރު ކުރަމުންނެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިފަހަރުގެ ލިޔެކިއުންތައްވެސް ލީކުކޮށްލަފައިވަނީ، ޝީންޖިއާންގްއިން މިދިޔަ އަހަރުވެސް މިފަދަ މައުލޫމާތުތަކެއް ލީކުކޮށްލި މަސްދަރުންނެވެ.

ކޮމިއުނިޒަމްގެ ޝިކާރައަކަށް ވާ މީހުންގެ ދިރާސާކުރަމުންދާ އިސް ފަރާތެއް ކަމަށްވާ ޑރ އޭޑްރިއަން ޒެންޒް ވިދާޅުވާ ގޮތުގައި، މި މައުލޫމާތަކީ ވަކި ބައެއްގެ ސަގާފަތީ ދީނުގެ މައްޗަށް ރިއާޔަތްކޮށް، އެމީހުންނަށް ޗައިނާގެ ސަރުކާރުން ލާއިންސާނީ އަނިޔާ ދެމުންދާކަމަށް ބަޔާންކޮށްދޭ، އަދި އެންމެ ތަފްސީލީ މައުލޫމާތު ފޯރުކޮށްދޭ ލިޔެކިއުންތަކެވެ.

ބައިނަލްއަގުވާމީ މީޑިއާއަށް ލީކުކޮށްލާފައިވާ ލިޔެކިއުންތަކުގައި ހުކުމް ބަޔާންކުރާ ގޮޅިއެއްވެސް ކޮންމެ މީހަކަށް ހާއްސަކޮށްފައި އޮވެއެވެ. އެ ގޮޅިއަކީ އެމީހެއްގެ އާދަކާދައަށް ބެލުމަށްފަހު އެމީހަކީ، ޗައިނާއިން ގާއިމުކޮށްފައިވާ ރީހެބިލިޓޭޝަން ކޭމްޕުން މިނިވަން ކުރަންވީ މީހެއް ތޯ ނުވަތަ އެ ކޭމްޕުގައި ބަހައްޓަންވީ މީހެއް ތޯ ކަނޑައަޅާ، އެކަމުގެ ސިއްކަ ޖަހާ ގޮޅިއެވެ. މީގެ އިތުރުން، ކުރީގެ ތާރީހުތަކުގައި ކޭމްޕުން މިނިވަންކޮށްފައިވާ މީހުން އަނބުރާ ކޭމްޕަށް ގެނައުމަށްވެސް މި ގޮޅިތަކުގައި ބަޔާންކޮށްފައި ހުރެއެވެ.