އިނގިރޭސިންގެ އިސްތިއުމާރީ އަޅުވެތިކަން ނިމި އިންޑިއާއާއި ޕާކިސްތާނު އުފެދުނު ފަހުން އިންޑިއާގެ ސަބްކޮންޓިނެންޓުން ގައުމެއްގައި ލައްވާނުލާ މިހާރު އޮތް ހަމައެކަނި ސްޓޭޓަކީ އިންޑިއާއާއި ޕާކިސްތާނުންވެސް އެ ސަރަހައްދެއްގެ ފުރިހަމަ މިލްކުވެރިކަމަށް ދައުވާ ކުރަމުންދާ ޖައްމުއާއި ކަޝްމީރެވެ. ޖައްމުއާއި ކަޝްމީރު ބައި ކުރެވިފައި އޮންނަނީ އިންޑިއާއަށް ބައެއް، ޕާކިސްތާނަށް ބައެއް ވާ ގޮތަށެވެ. މިތަނުން އިންޑިއާއާއި ވީ ފަޅިއަށް މިނިވަންކަމާ އިސްތިގުލާލު ލިއްބައިދިން މާއްދާ 370، އިންޑިއާގެ ގާނޫނު އަސާސީއިން އުވާލާ، އިންޑިއާގެ މައި ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް މި ސަރަހައްދު ގެންދިއުމުގެ ނަތީޖާއެއްގެ ގޮތުން އެންމެ ބޮޑު ތަކުލީފެއް އުފުލަންޖެހިފައިވާ އެއް ބަޔަކީ އެ ސަރަހައްދަށް ނިސްބަތްވާ ނޫސްވެރިންނެވެ.
ހަމަޖެހުމާ ސުލްހަ އަދި ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށް ބުނެ އިންޑިއާގެ މައި ސަރުކާރުން ތަންފީޒު ކުރަމުންދާ ހަރުކަށި ފިޔަވަޅުތަކާއެކު ނޫސްވެރިންގެ މަސައްކަތްތައް ވަނީ މަޑުޖެހިފައެވެ. މަސައްކަތްތައް ހުއްޓިފައި އޮންނަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުން ފެށިގެންނެވެ.
އުމުރުން 29 އަހަރުގެ މުނީބު އުލް-އިސްލާމްއަކީ ފޮޓޯޖާނިލިސްޓެކެވެ. މައި ސަރުކާރުގެ ފިޔަވަޅުތައް ބޯމަތިވުމާ ހަމައަށް އޭނާ އެދާއިރާގައި ހިދުމަތްކުރާތާ 5 ވަރަކަށް އަހަރުވެދާނެއެވެ. އޭނާގެ ފޮޓޯތަކަކީ އިންޑިއާގެ އެކި ނޫސްތަކާ ޚަބަރު ފަތުރާ އިދާރާތަކުން ބޭނުންކުރާ ފޮޓޯތަކެކެވެ. އިންޑިއާއިން ބޭރުގައިވެސް މުނީބު އުލް-އިސްލާމްއަކީ ފަރިތަ ނަމެކެވެ.
އިންޑިއާ މައި ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ކަޝްމީރު ގެންގޮސް، އެ ސަރަހައްދުން ލޭންޑްލައިން ފޯނާ މޯބައިލް ފޯނު އަދި އިންޓަނެޓްގެ ޚިދުމަތް މެދުކަނޑާލި ހިސާބުން މުނީބު އުލް-އިސްލާމްގެ ހުވަފެންތައް ވެއްޔާ މޮޑެވުނެވެ. އޯގަސްޓް މަހު އިންޑިއާގެ ސަރުކާރުން އެޅި ވަރުގަދަ ފިޔަވަޅުތަކާއެކު ދުނިޔޭގެ ސަމާލުކަން ކަޝްމީރަށް ހުއްޓުނެވެ. ނަމަވެސް މުނީބު އުލް-އިސްލާމް ފަދަ ނޫސްވެރިންނަށް ކުރެވުނު މާ ބޮޑުކަމެއް ނެތެވެ. ކުރާނެ ފުރުސަތު ނެތުމުންނެވެ. އެމީހުންނަށް މަޖުބޫރުވީ، ދިރިއުޅެން ބޭނުންނަމަ ޒަރޫރީ ޚަރަދުތައް ދެކޮޅު ޖައްސަން ކޮންމެވެސް އެހެން މަސައްކަތެއް ހޯދާށެވެ.
މިއަހަރުގެ ޖަނަވަރީ މަސް ނިމުނުއިރު ކަޝްމީރު ސަރަހައްދުން އިންޓަނެޓް ކަނޑާލާފައި އޮންނަތާ 150އަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. އެއީ އިންޑިއާގެ ތާރީޚުގައިވެސް އެފަދަ ކަމެއް ތަންފީޒުކުރި އެންމެ ދިގު މުއްދަތެވެ.
"އަހަރެން ނޫސްވެރިކަން އިހުތިޔާރުކުރީ އަހަރެންގެ މީހުންނަށް ކަމެއް ކޮށްދޭން. ހަނގުރާމަތާ ހަމަނުޖެހުންތަކުގެ ވާހަކަތައް މީހުންނާ ހިސާބަށް ގެނެސްދިނިން. ކަޝްމީރަށް ލިބިފައެއް އޮތް ހާއްސަ ދަރަޖަ ނިގުޅައިގަންނަންދެން ފަރުވާތެރިކަމާއެކު ހިދުމަތްކުރިން. އެހިސާބުން އަހަރެންގެ މުޅި ދަތުރު މިއޮތީ ހުއްޓުމަކަށް އައިސްފަ" މުނީބު އުލް-އިސްލާމް ބުންޏެވެ.
މުނީބު އުލް-އިސްލާމް ކިޔައިދިން ގޮތުގައި އެ ހާލުގައިވެސް ޚަބަރާ މައުލޫމާތު ގެނެސްދެވޭތޯ އޭނާ މަސައްކަތް ކުރިއެވެ. އަމިއްލަ ޖީބުން އެތައް ފައިސާއެއް ޚަރަދުކޮށްގެން ޚަބަރެއް ހެދޭތޯ އެތައް މަސައްކަތެއް ކުރިއެވެ. ނަމަވެސް އެއްވެސް ކަމެއް ކާމިޔާބުވާ ގޮތެއް ނުވިއެވެ. އަތުން ފައިސާ ހުސްވިއެވެ.
މުނީބު އުލް-އިސްލާމް ދެން މިސްރާބުޖެހީ ހިދުމަތް ލިބޭ ލޭންޑްލައިން ފޯނެއް އަތުޖައްސައިގެން އަނެއްކޮޅުގައި ހުރި މީހާއަށް އަނގަބަހުން ޚަބަރު ކިޔައިދީގެން އެ ޚަބަރު ބޭރުކޮށްލެވޭތޯއެވެ. ނަމަވެސް އެގޮތަށް އެކަން ކޮށްގެންވެސް ދިރިއުޅުމުގެ ޚަރަދުތަކާ، އެ ޚަބަރުތައް ހޯދަން ކުރަންޖެހޭ ހޭދަތަކަށް ހިނގާ ޚަރަދު ދެކޮޅު ޖެއްސޭ ގޮތެއް ނުވެއެވެ.
މިހާ ހިސާބަށް އާދެވުނުއިރު މުނީބު އުލް-އިސްލާމްގެ އަންހެނުންވެސް ބަލިވެއްޖެއެވެ. އާމްދަނީ ހޯދާނެ އެހެން ގޮތެއް ހިޔާރުކުރަން މަޖުބޫރުވިއެވެ. ލިބުނު ހަމައެކަނި ވަޒީފާއަކީ ކޮންސްޓްރަކްޝަން ސައިޓެއްގައި ގާ އުފުލާ މީހެއްގެ ވަޒީފާއެވެ. މިމަސައްކަތުންވެސް ދުވާލެއްގެ މައްޗަށް ލިބެނީ 500 އެއްހާ ރުޕީޒްއެވެ.
މުނީބު އުލް-އިސްލާމް ފާހަގަކުރި އެހެން ކަމެއްވެސް އެބައޮތެވެ. ސުޕްރީމް ކޯޓުގެ އަމުރެއްގެ ދަށުން ކަޝްމީރުގެ ބައެއް ހިސާބުތަކަށް 2ޖީ އިންޓަނެޓް ޚިދުމަތް ދޫކޮށްފައި އޮތެއްކަމަކު އެ ޚިދުމަތް ލިބެނީ ކުޑަ ވަގުތުކޮޅަކަށެވެ. އެވެސް ސަރުކާރު އޮފީސްތަކަށެވެ. އެހެންކަމުން، އެވަގުތުކޮޅު ކޮންމެ މީހަކުވެސް ބަލަނީ އަސާސީ އީމެއިލްތައް ކިޔާ ހެދޭތޯ ކަމަށާ، ޚަބަރެއް ކިއާނެ މީހަކު ނެތް ކަމަށް މުނީބު އުލް-އިސްލާމް ފާހަގަކުރިއެވެ.
ކަޝްމީރުގެ ނޫސްވެރިން ބުނާ ގޮތުގައި އެމީހުން މީގެ ކުރިން ދަމަހައްޓަމުން އައި ވަރުގަދަ ނެޓްވާކް އޮތީ މެދުކެނޑިފައެވެ. އެއްވެސް ވަރެއްގެ ގުޅުމެއް ނެތެވެ. އެތައް ސަތޭކަ ނޫސްވެރިންނެއް މަސައްކަތް ކުރަން އިންޓަނެޓް ދޫކޮށްފައި ހުރީ އެންމެ 24 ކޮމްޕިއުޓަރަށެވެ.
މިއީ މުނީބު އުލް-އިސްލާމްގެ އެކަނި ހާލެއް ނޫނެވެ. ކަޝްމީރުގައި އެތައް އަހަރެއް ވަންދެން މަސައްކަތްކުރި އިތުރު ނޫސްވެރިއަކު (މީޑިއާގައި ނަން ހާމަކުރަން ބޭނުން ނުވާ) ބުނި ގޮތުގައި، އޭނާއަށް މިހާރު އޮތް ގޮތަކީ ނާމްސޫފި ގެންގުޅޭ ދަނޑުބިމެއްގައި މަސައްކަތް ކުރަން ދިއުމެވެ.