ސޯޝަލް މީޑިއާގެ އެކި ޕްލޭޓްފޯމުތަކަށް އަހުލުވެރިވަމުން ގޮސް، އިންޓަނެޓްގެ ޒުވާން އާބާދީ އެންމެ ގަޔާވި އެއް އެޕްލިކޭޝަންއަކީ ޓިކްޓޮކްއޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ. މިއުޒިކް އަދި ޑާންސް އެޕްލިކޭޝަނެއްގެ ގޮތުގައި މުޅި ދުނިޔެ ފަތަހަ ކުރި ޓިކްޓޮކްއަށް ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވާން ފެށީ އެ ޕްލެޓްފޯމްގައި ބައެއް މީހުން ޖަހަންފެށި ސަކަރާތެއްގެ ސަބަބުންނެވެ. ޓިކްޓޮކް ވީޑިއޯ ހަދާ މީހުންނަކީ ކުރާނެ ކަމެއް ނެތި، "އަވާރާ" ވެގެން އުޅޭ ބައެއްގެ ގޮތުގައި ބައެއް މުޖުތަމައުތަކުން ސިފަކޮށް، އެ ސަރަހައްދުތަކުން ޓިކްޓޮކްގެ ހިދުމަތް ކަނޑާލާފައި ހިސާބުތަކެއްވެސް އެބަހުއްޓެވެ.

ކަންމިހެން އޮތް ނަމަވެސް، ކޮންމެ ކަމެއްގައިވެސް ހެވާ ނުބައެއް އޮވެއޭ ބުނާތީ އަޑުއަހަމު ނޫން ހެއްޔެވެ. ޓިކްޓޮކްއަށްވެސް ވެގެން މިއުޅެނީ އެކަހަލަ ގޮތެކެވެ. ޓިކްޓޮކްއިން ބެލުންތެރިންނާ މިފަހަރު ބައްދަލުކުރަނީ ސައިކޭޓްރިސްޓްއެކެވެ. ނުވަތަ ނަފްސާނީ ބަލީގެ ހާއްސަ ޑޮކްޓަރެކެވެ. ނަފްސާނީ ބަލީގެ ޑޮކްޓަރަކަށް ދެއްކުމަކީ މާ ފަސޭހަ ކަމެއް ނޫނެވެ. އެފަދަ ޑޮކްޓަރަކަށް ދައްކަން އެޕޮއިންޓްމަންޓްއެއް ހޯދުން ތަކުލީފަކަށްވާއިރު، ޑޮކްޓަރާ ހިސާބަށް ގޮސް، ވާހަކަ ދެއްކުމަކީ އަނެއް ބަޔަކަށް އަދި މާ އުނދަގޫ ކަމެކެވެ. ނަމަވެސް ނަފްސާނީ ބަލިމަޑުކަމަކީ ދުނިޔޭގައި އޮތް ބަލިމަޑުކަމެއްކަން ގަބޫލުކުރަންޖެހެއެވެ. މިކަން ދަނެ، ފަރުދީ ފެންވަރުގައި އެކަމަށް ފިޔަވަޅެއް އެޅި އެއް ޑޮކްޓަރަކީ އެމެރިކާގައި މަސައްކަތް ކުރަމުން އަންނަ ސައިކޭޓްރިސްޓްއެއް ކަމަށްވާ ޑރ ޑޭވިޑް ޕިއުޑާއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން ބަޔަކު ބޭނުންކުރަމުންދާ ޓިކްޓޮކް ޕްލޭޓްފޯމުގައި އެކައުންޓެއް ހުޅުވައިގެން ޑރ ޑޭވިޑް ޕިއުޑާ ދަނީ، ނަފްސާނީ ބައްޔަށް މީހުން ހޭލުންތެރިކޮށް، އެހީ ހޯދާނެ ތަފާތު ގޮތްތައް، ހެއްވާ މަޖާ އިރުޝާދުތަކެއްގެ ގޮތުގައި ފޯރުކޮށްދެމުންނެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މީހެއްގެ ކުރިމައްޗަށް އަރާ، އޭނާ ފޯރުކޮށްދޭ މެސެޖެއްގެ ސަބަބުން، އަނެކުންގެ ދިރިއުޅުމަށް ކުޑަނަމަވެސް އެދެވޭ ބަދަލެއް އައުމަކީ އޭނާގެ އަމާޒު ހާސިލުވުމެވެ.

ޑރ ޑޭވިޑް ޕިއުޑާ ބުނި ގޮތުގައި 2 އަހަރުވަންދެން ތެރަޕީއަށް ގޮސްގެން ހޯދާ ފަރުވާއަކަށްވުރެ ޓިކްޓޮކް ވީޑިއޯގެ ޒަރިއްޔާއިން ލިބުނު އެހީ ބޮޑު ކަމަށް އޭނާގެ ވީޑީއޯ ބަލާ ފަރާތްތަކުން ބުނާ ކަމަށެވެ.

ޑރ ޑޭވިޑް ޕިއުޑާގެ އިތުރުން ފަންނީ ދާއިރާގައި މަސައްކަތްކުރާ މަދު އަދަދެއްގެ ބަޔަކު ދަނީ ޓިކްޓޮކް ޕްލެޓްފޯމުގެ ބޭނުން ހެޔޮ ގޮތުގައި ހިފަމުންނެވެ. އެގޮތުން ދަރިމައިވުމުގައި މައްސަލަ ދިމާވާ މީހުންނަށް ފަރުވާކުރާ ޑޮކްޓަރެއްގެ އިތުރުން އެމެރިކާގެ ގާނޫނީ ވަކީލެއްވެސް ދަނީ ޓިކްޓޮކް ޕްލެޓްފޯމު މެދުވެރިކޮށް މުހިންމު މައުލޫމާތުތަކެއް ފޯރުކޮށްދެމުންނެވެ.

މިއީ މި ރާއްޖޭގައިވެސް ނުކުރެވޭނެ ކަމެއް ނޫނެވެ. ފަންނީ ވަސީލަތްތަކާ އިންސާނީ ވަސީލަތަށް ބެލިކަމުގައި ވީ ނަމަވެސް، ރާއްޖޭގައި މިކަމުން ކުރާނެ ފައިދާ އިންތިހާއަށް އިތުރުވެގެންދާނެއެވެ.