މީގެ ކުރިން އޭނާ ދަންނަ މީހަކު މަދެވެ. ދިރިއުޅުމަށް ކޮށް އުޅެނީ ކޮންސްޓްރަކްޝަން މަސައްކަތެވެ. ނަމަވެސް މިއަދު، ހުޅަނގުގެ އެންމެ ކުރިއަރާފައިވާ މީޑިއާތަކުގެ ސަމާލުކަންވެސް ހުއްޓިފައިވަނީ އޭނާއަށެވެ. އެއީ މިމަހުގެ 1 ވަނަ ދުވަހު އިންޑިއާގައި އޮތް "މީގޮނު ދުއްވުމުގެ ރޭސް" ކާމިޔާބުކުރި ހިސާބުންނެވެ. އުމުރުން އެންމެ 28 އަހަރުގެ ސްރިނިވާސް ގޯދާއަކީ މިއަދު އެންމެން އިއްތިފާގުވާ ގޮތުގައި އިންޑިއާގެ އުސައިން ބޯލްޓްއެވެ.
އެއީ ދުނިޔޭގައި މިވަގުތު ހުރި އެންމެ ބާރު ދުވުންތެރިޔާކަމުން، އުސައިން ބޯލްޓްގެ އިތުރު ތައާރަފަކަށް ބޭނުމެއް ނުވާނެއެވެ. ނަމަވެސް، މި ޝަރަފު މިހާރު ހައްގުވަނީ އިންޑިއާގެ "މީގޮނު ދުއްވުމުގެ ރޭސް" ކާމިޔާބުކުރި ސްރިނިވާސް ގޯދާއަށް ކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ.
އިންޑިއާގެ ދެކުނު ކަރުނާޓަކާ ސްޓޭޓްއަށް ހާއްސަ "ކަމްބާލާ" ނުވަތަ މީގޮނު ދުއްވުމުގެ ރޭސް ޖަހަނީ ޗަކަ ދަނޑުބިންތަކުގައެވެ. މާމޮޅު ބޫޓުތަކަކަށް ނާރައެވެ. 142 މީޓަރުގެ ރާސްތާއެއް ކަޑަތުކުރަންޖެހޭ މި ރޭހުގައި ގިނަ ފަހަރަށް ދުވުންތެރިން ހަރަކާތްތެރިވަނީ ހުސްފަޔާއެވެ.
ސްރިނިވާސް ގޯދާ 142.5 މީޓަރު ފުރިހަމަ ކުރީ އެންމެ 12.62 ސިކުންތުންނެވެ. 2 މީގޮނުވެސް ގޮވައިގެންނެވެ. 100 މީޓަރަށް ބަލާނަމަ އެއީ އެންމެ 9.55 ސިކުންތެވެ. 100 މީޓަރު ރޭހެއް އުސައިން ބޯލްޓް އެންމެ އަވަހަށްވެސް ނިންމީ 9.58 ސިކުންތުންނެވެ. އެއީ ދުނިޔޭގެ ރެކޯޑެކެވެ.
ކަމްބާލާ އެކަޑަމީގެ ރައީސް ޕްރޮފެސާ ކޭ ގުނަޕާލަ ކަޑަމްބާ ވަނީ، ގޯދާއާއި ބޯލްޓް އަޅާ ނުކިއުމަށް އިލްތިމާސްކޮށްފައެވެ. އެކަމަކީ ކަމްބާލާ އެކަޑަމީއިން އެދޭ ގޮތެއް ނޫންކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އޮލިމްޕިކް އިވެންޓްތަކަކީ ދުވުންތެރިންގެ ސްޕީޑް މޮނިޓާ ކުރުމަށް މާ ފުރިހަމަ އާލާތްތަކެއް ގެންގުޅޭނެ ބައެއް ކަމަށް ކަމްބާލާ އެކަޑަމީއިން ބުނެއެވެ.
ކަމްބާލާ އެކަޑަމީގެ ވާހަކަ މިފަދަ ގޮތަކަށް ހުރި ނަމަވެސް، ސްރިނިވާސް ގޯދާއަށް މަރުހަބާ ކިއާ، އޭނާއަކީ އިންޑިއާގެ އުސައިން ބޯލްޓްކަމަށް ބުނާ މީހުންގެ އަދަދު މަދެއް ނޫނެވެ. އިންޑިއާގެ އިސް މަގާމުތަކުގައި ތިއްބެވި ސިޔާސީ ބޭފުޅުންގެ ރާޑަރަށްވެސް މިއަދު ސްރިނިވާސް މިވަނީ އަރާފައެވެ.
ކަރުނާޓަކާގެ މޫދާބިދްރީއަށް ނިސްބަތްވާ ގޯދާވެސް ހުރީ އޭނާގެ ކާމިޔާބީއަށް އުފާކުރާ ހާލުގައެވެ. މިކަމުގައި އޭނާގެ ޓީމުގެ އެހެން މެމްބަރުން ޝާމިލުކުރެއެވެ. އަދި އުސައިން ބޯލްޓްއާއި އަޅާ ކިއާތީ އޭނާވަނީ އުސައިން ބޯލްޓްއަކީ ދުނިޔޭގެ ޗެމްޕިއަނެއް ކަމަށާ، ނަމަވެސް އޭނާއަކީ ޗަކަބިންތަކުގައި ދުވާ އާދައިގެ މީހެއް ކަމަށް ބުނެ، ހިތްތިރި ރޫހެއްގައި މީޑިއާއާއި ވާހަކަދައްކާފައެވެ.
މިނިޓްތޯ ސިކުންތުތޯ. (12.62 ސިކުންތް) ފަހުމް ކޮށްދެއްވާ