އިންޑިއާގެ ދާހިލީ ކަންކަމުގެ ތެރެއަށް ތުރުކީވިލާތުން ނުވަނުމަށް އިންޑިއާއިން ތުރުކީވިލާތަށް ގޮވާލައިފިއެވެ.

އިންޑިއާގެ ދާހިލީ ކަންކަމުގެ ތެރެއަށް ތުރުކީވިލާތުން ނުވަނުމަށް އިންޑިއާއިން ގޮވާލާފައި މިވަނީ، ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގެ މަސްރަހު ގޯހުން ގޯހަށް ދާ ކަމަށާ، އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ތުރުކީވިލާތުގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުގާން ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

ކަޝްމީރުގެ މައްސަލައާއި ގުޅިގެން ތުރުކީވިލާތުން މިފަދަ ވާހަކަތަކެއް ދައްކާފައި މިވަނީ، އުރުދުގާން ދާދި ފަހުން ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގައެވެ. އުރުދުގާންގެ ޕާކިސްތާނު ދަތުރުފުޅާ ގުޅިގެން ތުރުކީވިލާތާ ޕާކިސްތާނުގެ ސަރުކާރުތަކުން ނެރުނު ގުޅިފައިވާ ބަޔާނުގައިވާ ހުރިހާ ކަމަކަށް އިންޑިއާއިން އިންކާރު ކުރާ ކަމަށް، އިންޑިއާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ރަވީޝް ކުމާރު އާންމު ކުރެއްވި ބަޔާނެއްގައި ވަނީ ފާހަގަކުރައްވާފައެވެ.

އިންޑިއާގެ ދާހިލީ ކަންކަމުގެ ތެރެއަށް ތުރުކީވިލާތުން ނުވަނުމަށާ، ރަނގަޅަށް ހަގީގަތްތައް ފަހުމްވުމަށްވެސް އިންޑިއާއިންވަނީ ތުރުކީވިލާތުގެ ލީޑާޝިޕަށް ގޮވާލާފައެވެ. އެގޮތުން ޕާކިސްތާނުން އުފަންވެ، އިންޑިއާވެސް ހިމެނޭ ސަރަހައްދީ ގޮތުން ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ނުރައްކަލުގެ މައްޗަށް ތުރުކީވިލާތް ލޯހޮޅުވިފައި އޮތުން މުހިންމު ކަމަށްވެސް ރަވީޝް ކުމާރުގެ ބަޔާނުގައި ވަނީ ގޮވާލައްވާފައެވެ.

ކަޝްމީރަކީ އިންޑިއާގެ މުހިންމު ބައެއް ކަމަށާ، އެއްވެސް ހާލެއްގައި ކަޝްމީރަކީ އިންޑިއާއިން ވަކިކޮށްލެވޭނެ ބައެއް ނޫން ކަމަށްވެސް އިންޑިއާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނުގެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

ކަންމިހެން އޮތްއިރު ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅިއަށް މިނިވަންކަމާ އިސްތިގުލާލު ލިއްބައިދިން މާއްދާ 370 އުވާލާ، އެ ސަރަހައްދުގައި އިންޑިއާގެ މައި ސަރުކާރުން ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަމުންދާ މައްސަލާގައި، ބައިނަލްއަގުވާމީ ފެންވަރުގައި އިންޑިއާއަށް ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުކޮށްފައެވެ.