އީރާނާ އެމެރިކާއާއި ދެމެދު އުފެދިފައިވާ ދެބަސްވުންތަކަށް ހައްލު ހޯދުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކަށް ހުރަސްތަކެއް ކުރިމަތިވެފައިވަނީ، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ލަފާ އަރުވާ މުޝީރުންގެ ސަބަބުން ކަމަށް އީރާނުގެ ހާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފު ވިދާޅުވެއްޖެއެވެ.

ހަނގުރާމައެއްގެ ތުންފަތް މަތީގައި އޮތް އީރާނާ އެމެރިކާގެ ގުޅުންތައް ސުލްހަ ކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުން އަންނަ މަސައްކަތްތައް ކާމިޔާބު ނުވަނީ ޓްރަމްޕަށް ލަފާއަރުވާ މުޝީރުންގެ ސަބަބުން ކަމަށް ވިދާޅުވަމުން ޒަރީފު އިތުރަށް ވިދާޅުވީ، މިކަން ކުރިމަތިވަނީ، އީރާނުގެ ވެރިކަމަކީ ވެއްޓެންދާ ވެރިކަމެއްގެ ގޮތުގައި އެ މުޝީރުން ޓްރަމްޕަށް މަންޒަރު ސިފަކޮށްދެމުންދާތީ ކަމަށެވެ.

އެމެރިކާއާއި ދެކޮޅަށް އީރާނުގެ ރައްޔިތުން ކުރި މުޒާހަރާއެއްގެ ތެރެއިން/ފޮޓޯ: ވޮއިސް އޮފް އެމެރިކާ ނިއުސް

އެމެރިކާއާއި އީރާނާ ދެމެދު ހީނަރުވެ، ނުރައްކާތެރި ފައްތަރެއްގައި އޮތް ގުޅުން ހެޔޮ ފާލަކަށް އެޅުވުމަށް ފަރަންސޭސިވިލާތާ ޖަޕާނުންވެސް ދާދި ފަހުން ވަނީ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް، އެ މަސައްކަތްތައްވެސް ކޮޅެއްގައި ނުޖެހި، ވަނީ ފެއިލްވެފައެވެ.

ފަރަންސޭސިވިލާތުގެ ރައީސް އިމެނުއަލް މެކަޣޯންއާއި ޖަޕާނުގެ ބޮޑުވަޒީރު ޝީންޒޯ އަބޭ ކުރެއްވި މަސައްކަތްޕުޅުތަކަށް ޓްރަމްޕް ދެއްވީ ބީރު ކަންފަތެއް ކަމަށާ، އެކަން އެހެން ހިނގީ މުޝީރުންގެ ފަރާތުން ލިބިވަޑައިގެންނެވި "ގޯސް" ލަފާތަކެއްގެ ސަބަބުން ކަމަށްވެސް ޒަރީފުވަނީ ތުހުމަތު ކުރައްވާފައެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް (މ) ގައުމާ މުހާތަބުކުރައްވާ ވާހަކަފުޅުދައްކަވަނީ/ފޮޓޯ: ޕޮލިޓިކޯ

އީރާނުން ކުރިއަށްގެންދާ ނިއުކްލިއާ މަޝްރޫއުގެ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމަށް ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު 2015 ވަނަ އަހަރު އެކުލަވާލި ސުލްހައިގެ އެއްބަސްވުމުން އެމެރިކާ ކުށްލި ގޮތަކަށް ވަކިވީވެސް ޓްރަމްޕްގެ ވެރިކަމުގައެވެ.

އޭގެ ފަހުން އީރާނާ ދެކޮޅަށް އެމެރިކާއިން އަޅަމުންދާ ފިޔަވަޅުތައް އިންތިހާއަށް ވަރުގަދަކޮށްފައިވާއިރު، އީރާނުގެ ވެރިކަން މިސްރާބު ޖަހާފައި އޮތީ އިނދަޖެހުމާ ދިމާލަށް ކަމަށް ޓްރަމްޕަށް ވިސްނިވަޑައިގެންފައިވާކަމަށާ، އެކަން ކުރައްވަނީ މުޝީރުން ކަމަށް ޒަރީފުވަނީ ތުހުމަތު ކުރައްވާފައެވެ.

ޔޫކްރައިން ފްލައިޓް ޕީއެސް ފްލައިޓް 752 ވެއްޓުނު ސަރަހައްދުގައި ކަމާބެހޭ ފަރާތްތަކުން ހަރަކާތްތެރިވަނީ/ފޮޓޯ: ގެޓީ އިމޭޖަޒް

މިފަހަކަށް އައިސް އީރާނާ އެމެރިކާގެ ގުޅުން އިންތިހާ ނުރައްކާތެރި ހާލަތަށް ދިޔައީ، އީރާނު އަސްކަރިއްޔާގެ އެންމެ ނުފޫޒުގަދަ ކޮމާންޑަރު ކަމަށްވާ ޖެނެރަލް ގާސިމު ސުލައިމާނީ، އިރާގުގެ ވައިގެބަނދަރެއްގައި ހުއްޓާ، އެމެރިކާގެ އަސްކަރިއްޔާއިން ހަމަލާދީ މަރާލި ހިސާބުންނެވެ. އޭގެ ރައްދުގައި، އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭސްތަކަށް އީރާނުންވަނީ މިސައިލް ހަމަލާތަކެއް ދީފައެވެ. މިސައިލް ހަމަލާތައް ދެމުން ގޮސް، އީރާނުގެ އަސްކަރިއްޔާއިންވަނީ ފަސެންޖަރުން އުފުލާ ޔޫކްރައިންގެ މަތިންދާ ބޯޓަކަށްވެސް މިސައިލް ހަމަލާތަކެއްދީ، އެ ބޯޓު ވައްޓާލާފައެވެ. މިހާދިސާގައި، އެ ބޯޓުން ދަތުރުކުރި އެންމެންގެ ފުރާނަ ވަނީ ގެއްލިފައެވެ.