ޝާހީ އާއިލާގެ މަގާމުތަކާ ލަގަބުތައް ދޫކޮށްލުމަށްފަހު ކެނެޑާއަށް ދިރިއުޅުން ބަދަލުކޮށްފައިވާ ކުރީގެ ޑިއުކް އެންޑް ޑަޗަސް އޮފް ސަސެކްސް ހެރީ އަދި މޭގަން މާކެލްގެ މުވައްޒަފުންގެ ތެރެއިން، އިނގިރޭސިވިލާތުގައި ތިބި ހުރިހާ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފިއެވެ.

ހެރީއާއި މޭގަން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ޝާހީ އާއިލާގެ މަގާމުތައް ދޫކޮށް ކެނެޑާއަށް ދިރިއުޅުން ބަދަލު ކުރި ކަމުގައި ވީ ނަމަވެސް، އިނގިރޭސިވިލާތުގައިވެސް ވަގުތުތަކެއް ހޭދަކުރާނެ ކަމަށް ހެރީ އިއުލާންކޮށްފައިވާ ދަނޑިވަޅެއްގައެވެ. ކަންމިހެން އޮއްވާ، އިނގިރޭސިވިލާތުގައި ތިބި ހުރިހާ މުވައްޒަފުން ވަޒީފާއިން ވަކިކުރަން ނިންމި ނިންމުމަކީ، ހެރީގެ ދެމަފިރިން އެކީއެކައްޗަކަށް އިނގިރޭސިވިލާތް ދޫކޮށްލުން ކަމަށް ގިނަ ބަޔަކު މިހާރު ވަނީ ސިފަކުރަން ފަށާފައެވެ.

ޝާހީ އާއިލާގެ ހުރިހާ ޒިންމާއަކުން ހެރީގެ ދެމަފިރިންނާ ދަރިފުޅު އެކަހެރިވާން ނިންމުމާއެކު، ޝާހީ އާއިލާގައި މަސައްކަތްކުރާ މުވައްޒަފުންގެ ޕޫލަށް ބޮޑެތި ބަދަލުތަކެއް ދަނީ ގެންނަމުންނެވެ. އެކި މީހުންގެ މައްސޫލިއްޔަތުތަކާ ޒިންމާތައް ބަދަލުކުރަމުންދިޔަ ކަމުގައި ވީނަމަވެސް، ބައެއް މީހުންނަށް ވަޒީފާ ގެއްލިދާނެ ކަމަށް އޮތީ ހީވެފައެވެ. ޝާހީ މަގާމުތަކާ ޒިންމާތައް ދޫކޮށްލި ހިސާބުން މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާއިރު، ބަކިންގްހަމް ޕެލަސްގައި އިތުރަށް މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނީ ނިސްބަތުން މަދު އަދަދެއްގެ މުވައްޒަފުން ކޮޅަކަށް ކަމަށް މައުލޫމާތު ލިބެއެވެ.