ވިދިވިދިގެން 3 ވަނަ ދައުރަކަށް ނިއު ދިއްލީގެ ޗީފް މިނިސްޓަރުކަމުގެ މަގާމު ކަށަވަރު ކުރައްވާފައިވާ އާމް އާދްމީ ޕާޓީ (އޭއޭޕީ)ގެ އަރުވިންދް ކެޖިރުވާލު، މަގާމުގެ ހުވާ ކުރެއްވުމަށް އާދީއްތަ ދުވަހު އޮންނަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންދެއްވުން އެދި، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީއަށް ދައުވަތު އަރުވާފައިވާނެ ކަމަށް އޭއޭޕީގެ އިސް އޮފިޝަލަކު ހާމަކުރައްވައިފިއެވެ.
ފެބުރުވަރީ 16 ވަނަ ދުވަހު ރާމްލީލާ މައިދާނުގައި އޮންނަ އިހުތިފާލުގައި މޯދީ ބައިވެރިވެވަޑައިގަންނަވާކަން ނުވަތަ ނޫންކަން އަދި ކަށަވަރުވާ ގޮތެއް ނުވެއެވެ. ކުރިއަށް އޮތް ހަފުތާގައި މޯދީގެ ޝެޑިއުލް ރާއްވަވާފައިވާ އޮތް ގޮތަށް ބަލާއިރު، އޭނާގެ ދާއިރާ ކަމަށްވާ ވަރަނާސީގައި 30 އަށްވުރެ ގިނަ މަޝްރޫއު އިފްތިތާހުކޮށްދެއްވުމަށް އާދީއްތަ ދުވަހުގެ ވަގުތެއްގައި މޯދީ ވަރަނާސީއަށް ދަތުރުކުރައްވާނެއެވެ.
އިންޑިއާގެ މައި ގާނޫނު ހަދާ މަޖިލީހުގައި ދިއްލީ ތަމްސީލު ކުރައްވާ މެމްބަރުންގެ އިތުރުން، ދިއްލީގެ ގާނޫނު ހަދާ މަޖިލީހުގެ މިފަހަރުގެ ދައުރުން ޖާގަ ކަށަވަރުކުރެއްވި އިންޑިއާގެ ވެރިކަން ކުރާ ބާރްތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ)ގެ 8 މެމްބަރުންނަށްވެސް ދައުވަތު އަރުވާފައިވާނެ ކަމަށް އޭއޭޕީއިން ޚަބަރު ދެއެވެ.
ދިއްލީގެ ޗީފް މިނިސްޓަރުކަމުގެ ހުވާ ކުރެއްވުމަށް އާދީއްތަ ދުވަހު ހެނދުނު، އިންޑިއާ ގަޑިން 10:00 ހާއިރު ކުރިއަށްދާ ރަސްމިއްޔާތުގައި ކެޖިރުވާލުގެ ކެބިނެޓްވެސް ހުވާކުރައްވާނެއެވެ.
އޭއޭޕީއަށް މިފަހަރުގެ އިންތިހާބުވެސް ކާމިޔާބު ކުރެވިފައިވަނީ ސްޓޭޓްގެ ވެލްފެއާގެ އިތުރުން ދައުލަތުގެ ފަރާތުން ހިންގާ ސްކޫލްތަކާ، ސިއްހީ ހިދުމަތްދޭ ތަންތަނުގެ މަސައްކަތްތަކުގެ ސަބަބުން ކަމަށް ބުނެވެއެވެ. ބީޖޭޕީއަށް ދިއްލީގެ ވެރިކަން ކުރުމުގެ ބާރު ގެއްލިފައިވާތާ މިހާރު 20 އަކަށް އަހަރުވެއްޖެއެވެ.