2 އަންހެން ކުދިންނާއި ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ޒުވާނަކު ހައްޔަރުކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، އުތުރުގެ ރަށެއްގައި 7 އަހަރާއި 10 އަހަރާއި ދެމެދުގެ ދެ އަންހެން ކުދިންނާއި، 13 އަހަރުގެ ފިރިހެން ކުއްޖަކަށް އެކި ދުވަސްމަތިން ޖިންސީ ގޯނާ ކުރި މައްސަލައެއް މިދިޔަ ބުދަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކުޑަކުދިންނަށް އަނިޔާ ކުރާ މައްސަލަތަކަކީ ފުލުހުން ސީރިއަސް މައްސަލަތަކުގެ ގޮތުގައި ބަލަމުންދާ މައްސަލަތަކެވެ. އަދި މިދަފަ މައްސަލަތަކުގައި ކުއްޖާގެ އަތޮޅާއި ރަށް ފުލުހުން ހާމަ ނުކުރާނެ ކަމަށް ފުލުހުން ބުނެއެވެ.

2 އަންހެން ކުދިންނާއި ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ޒުވާނަކު ހައްޔަރުކޮށްފައި ވާއިރު، ފުލުހުން ވަނީ އިއްޔެ ބިދޭސީއަކު ގެއަކަށް ވަދެ އަންހެނަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއް ބަލަން ފަށާފައެވެ. އެ މައްސަލައިގައި 28 އަހަރުގެ ފިރެހެނަކު ހައްޔަރުކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބިދޭސީމިހާ އެ ގެއަށް ވަދެފައި ވަނީ ބަރަހަނާ ހާލުގައި ހުރެއެވެ.