ވިޔަފާރިއާއި އެކި ބޭނުންތަކަށް ދިވެހިން ގިނައިން ގޮސް އުޅޭ ބެންކޮކްގެ މެދުތެރޭގައި މީހަކު ބަޑިޖަހައިފިއެވެ. މިއަދު ފަތިހު ހިނގި މިހާދިސާގައި މީހަކު ޒަހަމް ނުވި ނަމަވެސް ހާދިސާ ހިނގި ސަރަހައްދަކީ ކާރުބާރު ބޮޑު ސަރަހައްދެކެވެ. ހާދިސާ ހިނގި އިރު އެސަރަހައްދުގައި ދިވެއްސަކު ހުރި ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

ބަޑި ޖެހިމީހާ ބަޑި ޖެހީ މައްޗަށް ވައިގެ ތެރެއަށް ކަމަށާއި، އޭނާ އެކަން ކުރީ ގޭތެރޭގެ މައްސަލަތަކާ ހުރެ ނުތަނަވަސްކަން ބޮޑުވެގެން ކަމަށް ފުލުހުން ބުނެފައިވެއެވެ.

ބަޑި ޖެހުމުގެ އެ ހާދިސާ ހިނގާފައިވަނީ ޕަތޫވާމްގެ ޗޫލާ ރޯޑުގައެވެ. އެއީ ގިނައިން ކުޅިވަރުގެ ސާމާނު ވިއްކާ ފިހާރަތައް ހުންނަ ސަރަހައްދެކެވެ. ބަޑި ޖެހި މީހާއަކީވެސް އެ މަގުގައި ކުޅިވަރު ހެދުން ވިއްކާ ފިހާރައެއް ހިންގާ މީހެކެވެ. އޭނާ ބަޑި ޖަހާފައި ވަނީ، ފިހާރަ ދޮރުމަތީގައި ހުރެ ކަމަށް މީޑިއާ ރިޕޯޓުރައް ބުނެއެވެ.

އެހާދިސާގައި ބަޑި ޖެހި މީހާ ވަޒަންތައްް، މައްްޗަށް ވައިގެ ތެރެއަށް އަމާޒު ކުރި ނަމަވެސް، ކައިރީގައި ޖެހިގެން ހުރި ގެއެއްގެ ޓެރެސް މަތީގައި ތިބި ބަޔަކާ ދާދި ކައިރިން ވަޒަން ދިޔަކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.