ބޮޑެތި މައްސަލަތަކުގެ ޝަރީއަތް ދެތިން ދުވަހުން ނިންމާނީ އިބްތިދާއީ އަޑުއެހުން ނުހިމަނާ ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

2 އަހަރުގެ ކުޑަކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލަަ ފެންމަތިވުމާއެކު ކޯޓުތަކުގައި މައްސަލަތައް ބެލުން ލަސްކަމުގެ ހަބަރުތައް ވަނީ ފެންމަތިވެފައެވެ. މިކަންކަން އިސްލާހުކޮށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ފަދަ ބޮޑެތި މައްސަލަތަކުގައި ތަހުގީގާއި ދައުވާ އުފުލުން އަވަސްކުރުމަށް ވަނީ މި ސަރުކާރުން ގޮވާލާފައެވެ. އެގޮތުން ޝަރީއަތް ފަށާ ހިސާބުން އެކީއެކައްޗަކަށް ގެންގޮސް ދެތިން ދުވަހުގެ ތެރޭގައި ހުކުމާ ހަމައަށް ދާން މަސައްކަތް ކުރަން ޝަމީމް ވަނީ ހުށަހަޅުއްވާފައެވެ.

ޝަމީމް ވިދާޅުވީ، މައްސަލަތަކުގެ އިބްތިދާއީ ބައިގައި ހުރިހާ އިދާރީ ކަންކަން އޮންނާނީ ހަމަޖައްސާފައި ކަމަށާއި ލިޔުންތައް ދެފަރާތަށް ބަދަލުކޮށް، ޝަރީއަތް ހިންގާނެ ގޮތުގެ ތާވަލުވެސް ދެފަރާތަށް ދެވޭނެ ކަމަށެވެ. އެހެންކަމުން ދިފާއަށް ތައްޔާރުވާން 30 ދުވަހުގެ މުއްދަތެއް ގާނޫނުން ލިބޭނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

މިފަދަ މައްސަލަތަކުގައި ހައްލު ހޯދަން، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނެރުނު ސާކިއުލާއެއްގައިވާ ގޮތުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލައެއް ކޯޓަށް ހުށަހަޅާ ވަގުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި އެ މައްސަލަ އަށް އިސްކަން ދީގެން، އިދާރީ އިންތިޒާމުތައް ހަމަޖައްސަން ޖެހޭނެއެވެ. އަދި އެފަދަ މައްސަލަތަކުގައި ގާނޫނުތަކުން ލާޒިމްކުރާ މުއްދަތުތައް ދިނުމަށް ފަހު، ޝަރީއަތުގެ މަރުހަލާ ފަށައި، ކޮންމެ ދެ އަޑުއެހުމެއް ދެމެދުގައި 48 ގަޑިއިރަށް ވުރެ ދިގު މުއްދަތެއް ހޭދަ ނުވާނޭހެން އަޑުއެހުންތައް ދުރާލާ ތާވަލްކޮށް އަދި އެކަން ދެ ފަރާތަށް ވެސް އަންގަން ޖެހޭނެ ކަމަށް ޑީޖޭއޭއިން ބުނެއެވެ.

ޕީޖީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަމީމް ވިދާޅުވީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ފަދަ މައްސަލަތަކުގައި އެ އޮފީހުން ބޭނުން ވަނީ ހެނދުނު 8 ޖަހާއިރު ފަށާ ޝަރީއަތް ހަވީރު 4 ޖަހަން ދެން ގެންދަން ކަމަށެވެ. މައްސަލައިގައި ހިމެނޭ ހެކިންގެ ވެސް ހެކިބަސް އެ ދުވަހު ނަގައި ނުނިމެއްޖެ ނަމަ ދެވަނަ ދުވަހުވެސް އެ މައްސަލަ ކުރިއަށް ގެންދަން ފެނިވަޑައިގަންނަވާ ކަމަށް ޕީޖީ ވިދާޅުވިއެވެ.

ހުރިހާ މުއައްސަސާތަކުން ގުޅިގެން އެގޮތަށް ކުރިއަށް ދެވިއްޖެ ނަމަ ޖިނާއީ އަދުލުގެ ނިޒާމާ ދޭތެރޭގައި ރައްޔިތުންގެ އިތުބާރުބޮޑުވެ، އިންސާފު ގާއިމްވާނެ ކަމުގެ ޔަގީންކަން ބޮޑުވާނެ ކަމަށް ވެސް ޕީޖީ ވިދާޅުވިއެވެ.

ޖިނާއީ ތަހުގީގުތައް ހިނގަނީ ރަނގަޅަށްތޯ ބެލުމަކީ ޕީޖީއަށް މަތިކޮށްފައި އޮންނަ ޒިންމާއެއްކަން ފާހަގަކުރައްވައި ޝަމީމް ވިދާޅުވީ އިދާރާތަކުން ޖިނާއީ ތަހުގީގުތައް ހިންގާ އުސޫލްތައް އެ އޮފީހުން ހޯދަމުން އަންނަ ކަމަށެވެ. އެ އުސޫލްގައި ކަމެއް ރަނގަޅު ކުރަންޖެހޭ ކަމަށް ފާހަގަވެއްޖެ ނަމަ އެކަން ވެސް އެ މުއައްސަސާއަކަށް އަންގާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ގެންޑާ ކޮމިޓީން ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަަތަކާމެދު ކުރި ދިރާސާއިން ދައްކާ ގޮތުގައި ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި 3135 މައްސަލަަ ހުށަހަޅާފައިވާ އިރު އޭގެތެރެއިން ތަހުގީގު މަރުހަލާ ފުރިހަމަ ކުރުމަށްފަހު ޕީޖީއަށް ފޮނުވި މައްސަލަަތކުގެ ތެރޭގައި ޝަރީއަތުން މައްސަލަ ބަލާ ނިންމާފައިވަނީ 1085 މައްސަަލައެވެ. އަދި މި 1085 މައްސަލަތަކުގެ ތެރެއިން 492 މައްސަލައަކީ ކުދިންނަށް އިންސާފު ނުލިބި ކުށް ސާބިތުނުވާ ގޮތަށް ނިމިފައިވާ މައްސަލަތަކެވެ.