މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ހަރަދުކޮށްގެން ތަރައްގީކޮށްފައިވާ އާ ސީޕްލޭން ޓާމިނަލާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ މައްސަލައެއް އޭސީސީއަށް ހުށަހަޅައިފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އޭސީސީއަށް ހުށަހަޅާފައި ވަނީ، ރައީސް ނަޝީދު މަޖިލިސް މެދުވެރިކޮށް މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ޓީއެމްއޭއަށް ސީޕްލޭން ޓާމިނަލް ދެއްވުމަށް މަސައްކަތް ކުރައްވާ މައްސަލައެެވެ. މި މައްސަލަ މިއަދު އޭސީސީއަށް ހުށަހަޅާފައި ވަނީ އާންމު ފަރާތަކުންނެވެ.

އާންމު ފަރާތަކުން އޭސީސީއަށް ހުށަހަޅާފައިވާ ސިޓީގައި ބުނެފައިވާ ގޮތުން ރައީސް ނަޝީދު، ޓީއެމްއޭއަށް ސީޕްލޭން ޓާމިނަލް ދޭން މަސައްކަތް ކުރައްނީ ޓީއެމްއޭގެ ވަކީލާ އަދި ނަޝީދުގެ ކުރީގެ ބައިނަލްއަގްވާމީ ވަކީލާ ޖެރާޑް ގެންސާއި ދެމެދު ކުރެވުނު މުއާމަލާތްތަކަށް ފަހު ކަމަށެވެ. އަދި މި މުއާމަލާތްތަކަށްފަހު، ޓީއެމްއޭގެ ބޯޑު މެންބަރުންނާއެކު މަޖިލީހުގެ އާ އިމާރާތުގައި ސިއްރު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށް ވެސް މައްސަލަ ހުށަހެޅި ފަރާތުން ވަނީ ތުހުމަތުކޮށްފައެވެ.

މީގެ އިތުރުން، އާ ސީޕްލޭން ޓާމިނަލް ދިނުމުގެ މުއާމަލާތްތައް ހުއްޓުމަށް އޭސީސީ ނުކުޅެދިފައި ވާތީ، އޭސީސީއަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށާއި، އެ އިތުބާރު އަނބުރާ އިއާދަކުރުމަށް ސީޕްލޭން ޓާމިނަލް ކުއްޔަށް ދިނުން މަޑުޖައްސާލުމުގެ އަމުރެއް ނެރެދިނުމަށް ވެސް އެ ސިޓީގައި ވަނީ އެދިފައެވެ.

ސީޕްލޭން ޓާމިނަލާ ގުޅިގެން ރައީސް ނަޝީދުގެ މައްސަލައެއް އޭސީސީއަށް ހުށަހަޅާފައިވާއިރު، ދެވަނަ ރަންވޭ ހުޅުވާ އެއާޕޯޓް ބާރަށް ހިނގަން ފެށުމުން ދިވެހި ސަރުކާރާއި، ޓީއެމްއޭއަށް އެއްބަސް ވެވޭ ގޮތަކަށް ސީ ޕްލޭން ޓާމިނަލުގެ ކަންތައް އަވަހަށް ނިންމުން މުހިންމު ކަމަށް ގޮވާލައްވާ އެމަނިކުފާނު ވަނީ ރޭ ޓްވީޓް ކުރައްވާފައެވެ. ނަޝީދު ވިދާޅުވީ، ޓީއެމްއޭ އަށް ޓާމިނަލް ދިނުމުގައި ގޯސްކޮށް ކަމެއް ހިނގާފައި ވާނަމަ އެކަން ކުރި މީހަކަށް ނުވަތަ ބަޔަކަށް ދައުވާ އުފުލުން އެއީ އެހެން ކަމެއް ކަމަށެވެ.

ޓީއެމްއޭގެ މައްސަލާގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކުރިން ހުށަހެޅި އެގްރީމަންޓާ އެއްގޮތަށް އަމަލުކޮށް، އެ ކުންފުންޏަށް ހައްގު މިންވަރު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ޓްރާންސް މޯލްޑިވްސް އެއާވޭސް (ޓީއެމްއޭ) އިންވަނީ އެދިފައެވެ.