އިންޑިއާގެ ވެރިކަން ކުރަމުން އަންނަ ނިއު ދިއްލީގެ ގާނޫނު ހަދާ މަޖިލީހަށް މެމްބަރުން ހޮވުމަށް ކުރިއަށް ގެންދިޔަ އިންތިހާބުގައި މިފަހަރުވެސް ކުރި ހޯދާފައިވަނީ، މީގެ ކުރީ 2 ފަހަރުވެސް ކުރި ހޯދި، އަރްވިންދް ކެޖިރުވާލްގެ އާމް އާދްމީ ޕާޓީ (އޭއޭޕީ) އިންނެވެ. މިއީ، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީއާ ދެކޮޅަށް އިންޑިއާގެ ރައްޔިތުން އިއްވި ހުކުމެއް ކަމަށް، ބައެއް ފަރާތްތަކުން މިހާރު ދަނީ ސިފަކުރަމުންނެވެ.

ކަންމިހެން އޮތްއިރު، ދިއްލީ ވޯޓަކީ އިންޑިއާގެ ވެރިކަން ކުރަމުން އަންނަ ބާރްތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ)އާއި ދެކޮޅަށް ރައްޔިތުން ނިންމި ނިންމުމެއް ކަމަށް ބުނާ މީހުން މީހުންވެސް މަދެއް ނޫނެވެ. އޭއޭޕީއަށް މިފަހަރުގެ އިންތިހާބުވެސް ކާމިޔާބު ކުރެވިފައިވަނީ ސްޓޭޓްގެ ވެލްފެއާގެ އިތުރުން ދައުލަތުގެ ފަރާތުން ހިންގާ ސްކޫލްތަކާ، ސިއްހީ ހިދުމަތްދޭ ތަންތަނުގެ މަސައްކަތްތަކުގެ ސަބަބުން ކަމަށް ބުނެވެއެވެ. ސާފު ބޯފެނާ، ކަރަންޓުގެ ހިދުމަތްވެސް ހެޔޮ އަގުގައި ލިބެމުންދާތީއެވެ.

ދިއްލީގެ ޗީފް މިނިސްޓަރު އަރުވިންދު ކެޖިރުވާލު/ފޮޓޯ: އޭއެފްޕީ

ބީޖޭޕީއަށް ދިއްލީގެ ވެރިކަން ކުރުމުގެ ބާރު ގެއްލިފައިވާތާ މިހާރު 20 އަކަށް އަހަރުވީއެވެ. ކަން ދިމާކުރި ގޮތުން މިފަހަރުވެސް ދިއްލީގެ އިންތިހާބު ބޯމަތިވެގެން އައި ދުވަސްވަރަކީ ބީޖޭޕީގެ ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވަމުން އައި ދުވަސްވަރެކެވެ. ކަޝްމީރުގެ އިންޑިއާ ފަޅިއަށް މިނިވަންކަމާ އިސްތިގުލާލު ލިއްބައިދިން މާއްދާ ގާނޫނު އަސާސީއިން އުވާލާ، އަނގަމަތީ ޖަލަކަށް ކަޝްމީރު ހަދާލުމާ، މުސްލިމުންގެ މިލްކިއްޔާތުން ބާބްރީ މިސްކިތް އަތުލާ، ހިންދޫންނަށް އެ ބިން މިލްކު ކޮށްދިނުމާ، އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް އިސްލާހުގެ ނަމުގައި ގެނައި ބަދަލާއެކު މޯދީގެ ބީޖޭޕީ ސަރުކާރަށް އަމާޒުކުރަމުންދާ ފާޑުކިއުންތަކުގެ އަޑު އަދިވެސް ދަނީ ގަދަވަމުންނެވެ.

އިންޑިއާގެ ސަލާމަތީ ބާރުތަކުން ކަޝްމީރުގައި ފޯރިމަރަނީ/ފޮޓޯ: ޝުއައިިބު ބަޝީރު

އިންތިހާބީ ކެމްޕޭން ފޯރި އެންމެ ގަދަވެގެން އައިއިރު ބީޖޭޕީގެ ކެންޑިޑޭޓުންގެ ރާގު ހުރީ އިދިކޮޅު ފަރާތްތަކާ މެދު ނަފުރަތު އުފެދޭ ފަދަ ރޫހެއްގައެވެ. ނަތީޖާއަކަށްވީ، އިންތިހާބީ ކަންކަން ވިލަރެސްކުރާ އިދާރާތަކުން އެ ކެންޑިޑޭޓުންގެ ވާހަކަތައް ސެންސަރު ކުރަންޖެހުމެވެ. މިއާއެކު، އާންމުންނާ ހަމައަށް މެސެޖުތައް ދިޔައީ ފަހަރެއްގައިވެސް ބީޖޭޕީއިން އުއްމީދުކޮށްގެން އޮތް މޭރުމަކުން ނޫނެވެ.

މި ދަނޑިވަޅުގައި މޯދީ މަސައްކަތް ކުރެއްވީ، މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ބީޖޭޕީއަށް ކުޑަނަމަވެސް ފުރުސަތެއް ހޯއްދަވާދެއްވާށެވެ. 'ހަނގުރާމައިގެ އަސީރުން ނުގެންދާ' އުސޫލު ނުވަތަ ވަރުގަދަ ތަޅާލުންގަނޑަކަށްފަހު ބަލިވާ ފަރާތުން ބާކީ ތިބި ބައެއްވިއްޔާ އަސީރުންގެ ގޮތުގައި ނުގެންގޮސް، އެމީހުންގެ 'ދުވަސްދުއްވާލުމުގެ' ރޫހުގައި ބީޖޭޕީއިން ނިކުތެވެ. މިދިޔަ އަހަރު އިންޑިއާގެ މައި ގާނޫނު ހަދާ މަޖިލީހަށް މެމްބަރުން އިންތިހާބު ކުރުމުގައި ބީޖޭޕީއަށް ކުޑަ ނަމަވެސް ފުރުސަތެއް ހުޅުވުނީ މިފަދަ އުކުޅެއްގެ ބޭނުންކޮށްގެން ކަމަށް ވީ ނަމަވެސް، ދިއްލީ އިންތިހާބުގައި އެކަންވެސް މަސައްކަތްކުރާ ގޮތެއް ނުވިއެވެ.

ދިއްލީގެ ޗީފް މިނިސްޓަރު އަރުވިންދު ކެޖިރުވާލުގެ ސަޕޯޓަރުން އުފާފާޅުކުރަނީ/ފޮޓޯ: ގެޓީ އިމޭޖަޒް

ދިއްލީ އިންތިހާބުގެ ކުރިން، ސެންޓާ ފޮ ދަ ސްޓަޑީ އޮފް ޑިވެލޮޕިންގް ސޮސައިޓީޒް (ސީއެސްޑީއެސް)އިން ކުރިއަށް ގެންދިޔަ ހިޔާލު ހޯދުމުގެ ނަތީޖާތައް މިކަމަށް ހެކިދެއެވެ. މި ހޯދުންތަކުގެ ނަތީޖާ ދައްކާ ގޮތުގައި މޯދީގެ ސަރުކާރުން ރަށްވެހިކަމުގެ ގާނޫނަށް ގެނައި އިސްލާހަށް، ދިއްލީގެ އާބާދީގެ 70 ޕަސެންޓް މީހުން ތާއީދު ކުރެއެވެ. އަދި އެ ގާނޫނާ ދެކޮޅަށް ކުރާ މުޒާހަރާތަކާވެސް ދިއްލީގެ މީހުން ދެކޮޅު ކަމަށް އެ ދިރާސާއިން ދެއްކިއެވެ. ނަމަވެސް ވޯޓުގައި ތަފާތު ނަތީޖާއެއް ނިކުތީ، ސްޓޭޓް ފެންވަރުގައި ބީޖޭޕީއަށް ކަމެއް ކޮށްދެވިފައި ނެތުމުން ކަމަށް ވެދާނެއެވެ. އިންޑިއާގެ އާންމު އިންތިހާބުގައި ބީޖޭޕީއަށް ވޯޓުލީ ކިތަންމެ ބަޔަކު، ދިއްލީގެ މަޖިލިސް އިންތިހާބުގައި ބޭނުންވީ ޗީފް މިނިސްޓަރުކަމުގެ މަގާމުގައި ކެޖިރުވާލު ހުންނެވުމަށެވެ.

މޫނު ނިވާކޮށްގެން ތިބި ބަޔަކު އިންޑިއާގެ ޖަވާހަރްލާލް ނެހްރޫ ޔުނިވާސިޓީއަށް ވަދެ ދަރިވަރުންނަށް ހަމަލާ ދިން ހާދިސާގެ ތެރެއިން/ފޮޓޯ: ދި އިންޑިއަން އެކްސްޕްރެސް

މިއާއެކު ކުރިއަށް އޮތް ދައުރުގައިވެސް ދިއްލީގެ ޗީފް މިނިސްޓަރުކަމުގެ މަގާމުން ފެނިގެންދާނީ ކޮރަޕްޝަނާ ދެކޮޅަށް ތެދުވި ސިޔާސީ އެކްޓިވިސްޓް ކެޖިރުވާލުކަން މިހާރުވަނީ ކަނޑައަޅާފައެވެ. މިމަގާމާ އޭނާ އެންމެ ފުރަތަމަ ހަވާލުވީ 2013 ވަނަ އަހަރުއެވެ. އެއަށްފަހު 2015 ވަނަ އަހަރުގެ އިންތިހާބުވެސް ކާމިޔާބު ކުރީ ހަމަ އޭނާއެވެ.

ދިއްލީގެ ގާނޫނު ހަދާ މަޖިލީހުގައި 70 ގޮނޑި ހިމެނޭއިރު، މޯދީގެ ބީޖޭޕީއަށް ދިނުމަށް ރައްޔިތުން އިއްވި 'ހުކުމުގައި' ކަނޑައަޅާފައިވަނީ އެންމެ 8 ގޮނޑިއެވެ.