އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ހުރިހާ ދާއިރާއަކަށް ކުރިމަތިލާން ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ލީޑަރުކަން ކުރައްވާ ޑީއާރުޕީން ބުނެފައި އެ ޕާޓީން ލޯކަލް ކައުންސިލް އިންތިހާބުގައި ހުރިހާ ދާއިރާއަކަށް ކުރިމަތިލުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި މަހުގެ ފަހުކޮޅު ގާފަރުގައި ބާއްވާ ކޮންގްރެސްގައި ޓިކެޓު ހަވާލުކުރަން ނިންމާފައިވާ ކަމަށްވެސް އެ ޕާޓީން ބުނެއެވެ.

ޑީއާރުޕީން އިއްޔެ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި މިގޮތަށް ނިންމާފައި ވާއިރު، ޓިކެޓާއެކު ކެމްޕޭން ފަންޑުވެސް ހަވާލު ކުރެވޭނެ ކަމަށް އެ ޕާޓީން ބުނެއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ޑީއާރުޕީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ޑީއާރުޕީން އޭރު ބުނެފައި ވަނީ އެ ޕާޓީގެ ޓިކެޓް ދިނުމުގައި ބަލާނީ މަދުވެގެން، 100 އާ މެންބަރުންގެ ފޯމް ހުށަހެޅުމާއެކު ގާނޫނީ ޝަރުތު ފުރިހަމަވާ ފަރާތްތަކަށް ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ. ލޯކަލް ކައުންސިލް އިންތިހާބުގައި 980 ކައުންސިލަރުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރެއިން ރަށު ކައުންސިލް ތަކަށް 372 އަންހެން ކައުންސިލަރުން އިންތިހާބު ކުރާނެއެވެ.