މާލެއާއި ރާއްޖެތެރެ ޒުވާބު ހުއްޓާލައި، އިދާރީ ހިންގުމަށް ގާނޫނީ ބާރު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ތާއިދު ކުރައްވައިފިއެވެ.

ނަޝީދުގެ ތާއީދު ހާމަކުރެއްވީ، ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޒާރު ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ.

އަލީ ނިޒާރު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، މާލެއާއި އަތޮޅުތަކާއި ގުޅުވައި ޒުވާބު ކުރުމުން ފިތުނަ އުފެދޭ ކަމަށެވެ. އަދި އެކަން ހުއްޓާލައި މާލެއާއި އަތޮޅުތަކުގެ ފަރަގު ކުޑަކުރަން ގުޅިގެން މަސައަކަތް ފަށަންވެއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ. އަތޮޅުތަކުން ނެރޭ އާއްމުދަނީގެ ހިއްސާ ސީދާ ކައުންސިލް ތަކަށް ލިބެންޖެހޭ ކަމަށް ވިދާޅުވެ އަލީ ނިޒާރު ވަނީ، އިދާރީ ހިންގުމަށް ގާނޫނީ ބާރު އިތުރު ކޮއްދިނުމަށް ގޮވާލައްވާފައެވެ.

އަލީ ނިޒާރުގެ ޓްވީޓް ރިޓްވީޓު ކުރައްވާ ނަޝީދު ވަނީ އެއީ ވަރަށް ބޮޑު ތެދެއް ކަމަށާއި، އެކަމަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

މާލެއާއި ރާއްޖެތެރެ ޒުވާބާ ގުޅިގެން ނަޝީދު ވަނީ މިއަދު މަޖިލީހުގައި ވެސް ވާހަކަ ދައްކަވާފައެވެ. އެގޮތުން ނަޝީދު ވިދާޅުވީ، ރާއްޖޭގެ އެއް ރަށާއި އަނެއް ރަށާ އަޅާ ކިޔައި ރަށްރަށް ކުޑައިމީސްވާ ގޮތަށް ސިޔާސީ ލީޑަރުން ވާހަކަ ދައްކަވައި ބަހުސް ކުރެއްވުމަކީ ގައުމަށް ގެއްލުން ބޮޑުވާނެ ކަމެއް ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، ރަށްރަށުގެ ބަހުސަށް ބާރު ނޭޅޭ ގޮތަށް އަމަލު ކުރެއްވުމާއި ވާހަކަ ދެއްކެވުމަކީ ސިޔާސީ ލީޑަރުންނާއި މަޖިލީހުގެ މެންބަރުންގެ މަސްއޫލިއްޔަތެއް ކަމަށެވެ. އަދި އެ ކަމަށް ބާރު ލިބޭ ގޮތަށް އެއްވެސް ވާހަކަ އެއް ނުދެއްކެވުމަށް ރައީސް ނަޝީދު މެންބަރުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

ވަކި ރަށެއްގެ މީހަކަށް ވީތީ ވަކި ތަނަކުން ބޯހިޔާވަހިކަން ހަމަޖައްސަން ޖެހޭނެ ކަމަށް ގާނޫނު އަސާސީގެ އެއްވެސް މާއްދާއެއްގައި އަދި އެއްވެސް ގާނޫނެއްގައި ލާޒިމުކޮށްފައި ނުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ގާނޫނުން ލާޒިމު ކުރަނީ ބޯހިޔާވަހިކަމަށް ޝަރުތު ހަމަވާ މީހުނަށް ހަމަޖައްސައި ދޭން ޖެހޭ ކަމަށެވެ. ނަޝީދު ވިދާޅުވީ މާލޭގެ ބޯހިޔާވަހިކަމުގެ ދަތިކަން އިތުރުވެފައި ވާއިރު، ރާއްޖޭގެ އެހެން ރަށްރަށުން ނުވަތަ ބިމުގެ ޖާގަ ހުރި ރަށްރަށުން އެ ފުރުސަތު ދެވޭ ގޮތަށް އޮވެއްޖެނަމަ އެ ކަމަށް އެދޭ މާލޭގެ ރައްޔިތުން އަދި މާލޭގައި ދިރިއުޅޭ ރައްޔިތުން މަދު ނުވާނެ ކަމަށެވެ.