މި މަސް ނިމުމުގެ ކުރިން ރާއްޖޭގައި މިނިމަމް ވޭޖް އިއުލާނު ކުރައްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މި ހިނގާ ފެބްރުއަރީ މަސް ނިމުމުގެ ކުރިން މިނިމަމް ވޭޖު ކަނޑައަޅާނެ ގޮތަކާއި، މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅާނެ އަދަދެއް ނިންމުމަށް ފަހު އިއުލާނު ކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވެފައި ވަނީ ފުރަތަމަ ފަހަރަށް އެންމެ ކުޑަ އުޖޫރަ ކަނޑައަޅައި އިއުލާނު ކުރުމަކީ ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ދަށުން ކުރާ ކަމެއް ނޫން ކަމަށެވެ. އެހެން ކަމުން މި މަހުގެ ތެރޭގައި މިނިމަމް ވޭޖު ކަނޑައަޅައި، އިއުލާނު ކުރައްވާނީ ވަޒީފާއާ ބެހޭ ގާނޫނުގައި މިހާރު އޮތް ގޮތުގެ މަތިން ކަމަށެވެ.

ރާއްޖޭގައި މިނިމަމް ވޭޖް ކަނޑައެޅުމުގައި އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯއިން) އިން ކުރި ދިރާސާތަކާއި މިނިމަމްވޭޖް ބޯޑުގެ ނިންމުންތައް މިދިޔަ މަހު އިކޮނޮމިކް މިނިސްޓްރީއާ ވަނީ ހިއްސާކޮށްފައެވެ. މިނިމަމް ވޭޖާ ބެހޭގޮތުން މިނިސްޓަރު ފައްޔާޒް ވިދާޅުވެފައި ވަނީ މިނިމަމް ވޭޖުން ރާއްޖޭގެ އިގްތިސާދަށް ލޮޅުން އަރާނެކަމަށާއި އެހެން ނަމަވެސް އެއީ ރައްޔިތުން ބޭނުންވާ ގޮތް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ މިނިމަމް ވޭޖުން ރާއްޖޭގެ މުޅި އިގްތިސާދަށާއި އަދި އިޖުތިމާއީ ފޭރާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށާއި އެހެންކަމުން ރަައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ރައްޔިތުންގެ ބަހެއް ހިމަނާފައި މެނުވީ އެއަށް ނިންމުމެއް ނުނިންމަން ނިންމަވާފައިވާ ކަމަށެވެ. އަދި އުއްމީދަކީ އަންނަ މަޖިލީހުގެ ފުރަތަމަ ސެޝަންގައި މިނިމަމްވޭޖް ކަނޑައެޅިގެން ދިއުން ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ވަޒީފާ އަދާކުރާ މީހުންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ބިލް، ރައްޔިތުން މަޖިލީހުގެ މި ދައުރުގެ ތެރޭގައި ހުށަހަޅުއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ މި މަހުގެ ތިންވަނަ ދުވަހެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން، މަޖިލީހުގެ ތަޅުމުގައި ރިޔާސީ ބަޔާން އިއްވަވާ ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ވައުދު ކަމަށްވާ އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖު ބިލު ރައްޔިތުންގެ މަޖިލީހަށް މި ދައުރުގެ ތެރޭގައި ހުށަހަޅުއްވާނެ ކަމަށެވެ.

މި ދައުރުގެ ތެރޭގައި މިނިމަމް ވޭޖު ބިލު ހުށަހަޅާއިރު ރާއްޖޭގައި މަސައްކަތްތެރިންނަށް ދެވޭނެ މިނިމަމް ވޭޖް ކަނޑައެޅުމަށްޓަކައި މުސާރައާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑުން ތައްޔާރު ކުރި ރިޕޯޓު މިދިޔަ މަހުގެ ހަތްވަނަ ދުވަހު ރައީސް ސޯލިހަށް ވަނީ އަރުވާފައެވެ.

ވަޒީފާއާ ބެހޭ ގާނޫނާ އެއްގޮތަށް އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށްޓަކައި އިކޮނޮމިކް މިނިސްޓަރަށް ލަފާދިނުމަށް "މިނިމަމް ވޭޖް ބޯޑު" ރައީސް ސޯލިހް އެކުލަވާލެއްވީ މިދިޔަ މޭމަހުއެވެ. އެ ބޯޑުގައި ފަސް މެމްބަރުން ހިމެނޭއިރު މަސައްކަތްކުރާ މުވައްޒަފުންނަށް އެންމެ ކުޑަކޮށް ދެވޭ އުޖޫރަ ކަނޑައެޅުމަށް މަދު ވެގެން ދެ އަހަރުން އެއްފަހަރު ބޯޑުން އެކަން މުރާޖައާ ކުރަން ވާނެ ކަމަށް ގާނޫނުގައި ބުނެއެވެ.