އިރާގުގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ ބޭހަށް އަމާޒުކޮށް މިދިޔަ ޖަނަވަރީ މަހު އީރާނުން ދިން ހަމަލާތަކުގައި އަނިޔާ ލިބުނު އެމެރިކާ އަސްކަރިއްޔާގެ ސިފައިންގެ އަދަދު 109 އަށް އަރާފައިވާކަމަށް އެމެރިކާގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ.

ޕެންޓަގަންއިން މީގެ ކުރިން އާންމުކޮށްފައިވާ މައުލޫމާތު ބުނާ ގޮތުގައި އީރާނު ހަމަލާތަކުގައި އަނިޔާ ލިބިފައިވަނީ ސިފައިންގެ 64 މީހަކަށެވެ. އީރާނުގެ ހަމަލާތަކާ ގުޅިގެން އެމެރިކާގެ އެއްވެސް ރައްޔިތަކަށް ޖިސްމާނީ ގެއްލުމެއް ލިބިފައި ނުވާކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްވެސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އީރާނުގެ ހަމަލާތަކުގައި އަނިޔާ ލިބިފައިވަނީ އިރާގުގައި ތިބި އެމެރިކާގެ އަސްކަރީ ސިފައިންގެ ސިކުނޑިއަށް ކަމަށްވެސް އެމެރިކާގެ އޮފިޝަލުން ވިދާޅުވެއެވެ.

އެމެރިކާ އަސްކަރިއްޔާގެ 5000 އެއްހާ ސިފައިން މިހާރުވެސް ދަނީ އިރާގުގައި ހަރަކާތްތެރިވަމުން/ފޮޓޯ: އޭއެފްޕީ

ޖަނަވަރީ މަހުގެ 8 ވަނަ ދުވަހު އީރާނުން ދިން ހަމަލާތަކަކީ، އީރާނު އަސްކަރިއްޔާގެ އެންމެ ނުފޫޒު ގަދަ ކޮމާންޑަރުގެ މަގާމުގައު ހުރި ޖެނެރަލް ގާސިމު ސުލައިމާނީގެ މަރުގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން ދިން ހަމަލާތަކަކެވެ. ސުލައިމާނީ މަރާލާފައިވަނީ އިރާގުގެ ވައިގެ ބަނދަރެއްގައި ހުއްޓާ، އެމެރިކާގެ އަސްކަރިއްޔާއިން ދިން ހަމަލާތަކެއްގައެވެ.

އީރާނުގެ ރައްދު ހަމަލާތަކުގައި 109 މީހަކަށް އަނިޔާ ލިބިފައިވާކަމަށް އޮފިޝަލުން ވިދާޅުވާއިރު، މީގެ ތެރެއިން 70 ޕަސެންޓް ސިފައިން މިހާރު ޑިއުޓީއަށް ނިކުންނަ ކަމަށްވެސް ޚަބަރު ލިބެއެވެ.

މިކަންކަމަށް އެމެރިކާއިން އީރާނަށް ރައްދު ދޭނީ ކިހިނެއްކަން އަދި ސާފުވާ ގޮތެއް ނުވެއެވެ.