އިންޑިއާގެ ކޮލެޖެއްގައި މަސައްކަތް ކުރަމުންދިޔަ އަންހެން ލެކްޗަރަކަށް ހަމަލާދީ، އޭނާގެ ހަށިގަނޑުގައި ރޯކޮށް، އަންދާ، މަރާލައިފިއެވެ.

މި އަމަލު ހިންގާފައިވަނީ އެތައް މަހެއް ވަންދެން އޭނާއަށް ފާރަލާ، އޭނާގެ ފަސްފަހަތުން ދިޔަ މީހެއް ކަމަށް ޚަބަރު ލިބެއެވެ.

މަހާރާސްތްރާ ސްޓޭޓްގެ ކޮލެޖެއްގައި މަސައްކަތްކުރަމުންދިޔަ ލެކްޗަރަރުގެ ގައިގައި ރޯކޮށްލާފައިވަނީ ހުސްވި ހަފުތާގެ ތެރޭގައެވެ. މިއަނިޔާތަކާއެކު އޭނާ މަރުވީ ހޯމަ ދުވަހުގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެއެވެ. ފާރަލަމުންދިޔަ މީހާގެ ހަމަލާތަކުގައި ލެކްޗަރަރުގެ ހަށިގަނޑުގެ 40 ޕަސެންޓް ފިހިފައިވުމުގެ އިތުރުން، އޭނާގެ ބޮލުގެ ނާށިގަނޑާ، ހަތަރެސް ފައިގެ އިތުރުން ބުރަކައްޓާ، މޫނުމައްޗަށްވެސް ފުން ޒަހަމްތަކެއް ލިބިފައިވާކަމަށް ޚަބަރު ލިބެއެވެ.

ލެކްޗަރަރަށް ހަމަލާ ދިން ކަމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާ، މި ހަމަލާތައް ދޭން ބޭނުންކުރީ ޕެޓްރޯލު އަޅާ ފޯކޮށް، ރޯކޮށްފައިވާ ލަޓިބުރިއެއް ކަން މިހާރު ވަނީ ހާމަވެފައެވެ.

"އަހަރެން ހީކުރީ އެކްސިޑެންޓެއް ހިނގީކަމަށް. ސައިކަލު ހުއްޓާ، ފަހަތް ބަލާލީ، އަންހެނެއްގެ ހަޅޭކުގެ އަޑަށް... ވީ ގޮތެއް ބަލާލަންވެގެން. އެކަމަކު އަހަރެންނަށް ފެނުނީ ހަށިގަނޑުގައި ރޯކޮށްލާފައި ހުރި އަންހެނެއް" މަންޒަރު ދުށް ވިޖޭ ކުކަޑޭ ކިއާ މީހަކު ބީބީސީ މަރާތީއަށް ކިޔައިދިންކަމަށް އެ ނޫހުން ރިޕޯޓްކުރެއެވެ.

ލެކްޗަރަރުގެ އާއިލާއިން މައުލޫމާތު ދޭ ގޮތުގައި އެ ޖަރީމާ ހިންގީ މީހަކީ، ލެކްޗަރަރުގެ ފަސްފަހަތުން ގޮސް، އެތައް ފަހަރެއްގެ މަތިން އޭނާއަށް އެކި ކަހަލަ ފުރައްސާރަތައްވެސް ކޮށްފައިވާ މީހެކެވެ.

މި ޖަރީމާގެ ވާހަކަ މީޑިއާއަށް ތިލަވުމާއެކު، ގިނަ ބަޔަކު ދަނީ އެ އަމަލު ހިންގި މީހާގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމަށް ގޮވާލަމުންނެވެ. މިކަމަށް ގޮވާލާ، ބޮޑެތި އެއްވުންތަކާ ހިނގާލުންތައްވެސް އިންޑިއާގައި ވަނީ ކުރިއަށްގެންގޮސްފައެވެ.

ވެންޓިލޭޓަރުގެ އެހީގައި ނޭވާލަމުންދިޔަ އަންހެން މީހާ ހޯމަ ދުވަހު މަރުވުމާ ގުޅިގެން އޭނާގެ ހަށިގަނޑު ފުލުހުންނާ ހަވާލުކޮށްފައިވާކަމަށް އޭނައަށް ފަރުވާދެމުންދިޔަ ހޮސްޕިޓަލުން ޚަބަރު ދެއެވެ. ލެކްޗަރަރުގެ ޕޯސްޓްމޯޓަމް ހަދާނީ ފުލުހުން ކަމަށް ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.

މިފަދަ އިތުރު މައްސަލައެއް ހަމަ މިދިޔަ ހަފުތާ ތެރޭގައި އިންޑިއާގެ ވެރިރަށް ނިއު ދިއްލީއިންވެސް ވަނީ ފެންމަތިވެފައެވެ. ހުކުރު ދުވަހުގެ އެ ހަމަލާގައި އަންހެން މުވައްޒަފަކަށް ހަމަލާދީ މަރާލީ ފުލުހުންގެ އިންސްޕެކްޓަރުކަމުގެ މަގާމުގައި ހުރި މީހެކެވެ. މިފިރިހެން އިންސްޕެކްޓަރަކީވެސް އަންހެން މީހާގެ ފަހަތުން އުޅުނު މީހެއް ކަމަށާ، އެ ދެމީހުންނަކީ މީގެ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދެ މީހުން ނަމަވެސް މީގެ 8 މަހެއްހާ ދުވަސް ކުރިން އެ ގުޅުން ނިމުމަކަށް އައިސްފައިވާކަމަށް ޚަބަރު ލިބެއެވެ.

މިފަހަކަށް އައިސް އިންޑިއާގައި އަންހެނުންނަށް އަމާޒުކޮށްގެންދޭ މިފަދަ ހަމަލާތައް ވަނީ އިތުރުވެފައެވެ.

އަނިޔާލިބި ފުރާނަ ގެއްލިދިޔަ ލެކްޗަރަރުގެ ވަނަވަރެއް، އިންޑިއާގެ ކަމާބެހޭ އެއްވެސް ފަރާތަކުން ރަސްމީ ސިފައެއްގައި އަދި ހާމަކޮށްފައެއް ނުވެއެވެ.