ފިލްމީ ދުނިޔޭގައި ދޭ އެންމެ ޝަރަފުވެރި އެވޯޑްގެ ގޮތުގައި ގިނަ ބަޔަކު އިއްތިފާގުވާ 'އޮސްކާ އެވޮޑްސް'ގެ 92 އަހަރުގެ ދިގު ތާރީހުގައި، ދެކުނު ކޮރެއާގެ ފިލްމް "ޕެރަސައިޓް"އިން އަހަރުގެ އެންމެ މޮޅު ފިލްމުގެ ޓައިޓްލް ހޯދާ، އާދަޔާ ހިލާފު ރެކޯޑެއް ހަދައިފިއެވެ.

"ޕެރަސައިޓް" އިން 'ބެސްޓް ޕިކްޗާ އޮސްކާ' އެވޯޑް ގެންދިޔައިރު، މިއީ އިނގިރޭސި ބަސް ނޫން ބަހަކުން އުފައްދާފައިވާ ފިލްމަކަށް މި ޓައިޓްލް ލިބުނު ފުރަތަމަ ފަހަރެވެ.

މިއަދު ފަތިހު ކުރިއަށްދިޔަ 92 ވަނަ އޮސްކާ އެވޯޑް ހަފުލާގައި، ފިލްމް "ޕެރަސައިޓް" ވަނީ ޖުމުލަ 4 އެވޯޑެއް އުފުލާލާފައެވެ. އެގޮތުން ބެސްޓް ޑައިރެކްޓާ އަދި ބެސްޓް ސްކްރީންޕްލޭ އެވޯޑްވސް ގެންދިޔައީ "ޕެރައިސްޓް"އިންނެވެ.

އިނގިރޭސިބަހުން ސަބްޓައިޓްލް އަރުވައިގެން ގެނެސްދީފައިވާ ފިލްމް "ޕެރަސައިޓް"ގެ ޕްރޮޑިއުސަރު ކްވަކް ސިން-އާއި ބުނީ، މިއީ އެ ޓީމުން އުއްމީދުކުރި ވަރުގެ ކާމިޔާބެއް ނޫންކަމަށާ، އޭނާ ބަސްހުއްޓިފައި ވާކަމަށެވެ.

ފިލްމް "ޕެރަސައިޓް" އިން 4 އޮސްކާ ގެންދިޔައިރު، "1917" އަށް ލިބުނީ 3 އޮސްކާ އެވޯޑްއެވެ. "ފޯޑް ވާސަސް ފެރާރީ"، "ޖޯކާ" އަދި "ވަންސް އަޕޯން އަ ޓައިމް އިން ހޮލީވުޑް" ވަނީ ކޮންމެ ފިލްމެއްވެސް 2 އޮސްކާ ގެންގޮސްފައެވެ.