ހުވަދު އަތޮޅަށް ޑީކޮމްޕްރެޝަން ޗެމްބަރެއް ނައިސް އައްޑު އަތޮޅުގައި އެފަދަ ޗެމްބަރެއް މަސައްކަތް ކުރަނީ ކީއްވެގެންތޯ ގެމަނަފުށީ ދާއިރާގެ މެންބަރު އަހުމަދު ސައީދު ސުވާލު ކުރައްވައިފިއެވެ.
ހުވަދު އަތޮޅުގައި ޑީކޮމްޕްރެޝަން ޗެމްބަރެއް ނެތުމުގެ ޝަކުވާތައް ހުވަދު އަތޮޅުގެ އެތައް މަސްވެރިންނެއް އަންނަނީ ކުރަމުންނެވެ. އަދި މި ފަހަކަށް އައިސް ހުވަދު އަތޮލުން މަސްވެރިކަމަށް ނުކުމެ އެންދެމުމަށް ފީނާ ގިނަ ޒުވާނުންތަކެއް ޑީކޯވާ މައްސަލަތަކަކީވެސް މިހާރަކަށް އައިސް ފެންނަމުންދާ މައްސަލައެކެވެ.
މިއަދު މަޖިލީހަށް ވަޑައިގެން އިންނެވި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާ ސުވާލު ކުރައްވަމުން ސައީދު ވިދާޅުވީ، ހުވަދު އަތޮޅަކީ ރާއްޖޭގެ އެންމެ ބޮޑަށް މަސްވެރިކަން ކުރާ އަތޮޅު ކަމަށެވެ. އެންވެރިކަމަށް އައި ބޮޑު ބަދަލާއެކީގައި ޑައިވްކޮށްގެން އެންދަމާއިރު ހުވަދު އަތޮޅަށް ޗެންބަރެއް ނައިސް އައްޑު އަތޮޅަށް ޗެމްބަރުގެ މަސައްކަތް މިކުރަނީ ކީއްވެގެންތޯ އޭނާ އެއްސެވިއެވެ. ހަމައެއާއެކު އައްޑޫ އަތޮޅުގެ މަސްވެރިންވެސް އެން ދެމުމަށް އަންނަނީ ހުވަދު އަތޮޅަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޒަހާ ވިދާޅުވީ، ޑައިވް ކުރުމުގެ ތެރޭގައި ދިމާވާ އެކި ހާދިސާތަކަކީ އެކަމުގެ އެކަށީގެންވާ ތަމްރީނާއި މައުލޫމާތު ނެތި ނުވަތަ ބަލަންވީވަރަށް ނުބަލާ ޑައިވްކުރުމުން ދިމާވާ މައްސަލަތައް ކަމަށެވެ. އެގޮތުން އެ މިނިސްޓްރީގެ އަމާޒަކީ މަސްވެރިންނަށް ޑައިވްކުރުމުގެ ތަމްރީނާ މައުލޫމާތު ފޯރުކޮށްދީގެން މި މައްސަލައަށް ހައްލެއް ހޯދުން ކަމަށް ޒަހާ ވިދާޅުވިއެވެ.
މަސްވެރިން ޑީކޯވާ މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޒަހާ ވިދާޅުވީ، ރަނގަޅު ގޮތުގައި ކުރަންޖެހޭ ގޮތަށް ޑައިވް ކުރާނަމަ ޑީކޮމްޕްރެޝަން ޗެމްބާ ވާހަކަ މިއަދު މިތާ ދެކެވޭކަށް ނުޖެހޭ ކަމަށެވެ. ޑައިވްކުރުމުގައި މިހާރު ދިމާވާ މައްސަލަތައް މަދުކުރުމުގައި ކެޔޮޅުން އަދި އޮޑިވެރިންގެ ޒިންމާވެސް އެބައޮތް ކަން މިނިސްޓަރު ޒަހާ ފާހަގަކުރެއްވިއެވެ. އަލަށް ނެރޭ މަސްވެރިކަމުގެ ގަވާއިދުގައި މިކަމާ ގުޅޭ ބައެއް ކަންކަން ހިމެނިފައިވާނެ ކަމަށް ޒަހާ ވިދާޅުވިއެވެ.
މީގެ އިތުރުން، އައްޑު އަތޮޅުގައި މިހާރުވެސް ޗެމްބާއެއް އެބަހުރި ކަމަށާއި އެ ޗެމްބާ އޮޕަރޭޓް ކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ޒަހާ ވިދާޅުވިއެވެ. އަދި އެއާ އެކީގައި ހުވަދު އަތޮޅަށް ހައްލުތަކެއް ހޯދައި ދިނުމަށް މަސައްކަތް ކުރެވެމުންދާ ކަމަށްވެސް ޒަހާ ވިދާޅުވިއެވެ.
މި މަހުގެ ތިންވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ ބަޔާން އިއްވަވަމުން ވިދާޅުވެފައި ވަނީ އެން ހޯދަން ފީނުމުގައި ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން، ރައްކާތެރި ގޮތުގައި ފީނުމުގެ ތަމްރީން ޕްރޮގްރާމްތަކެއް މިއަހަރު ފެށިގެންދާނެ ކަމަށެވެ. އަދި އައްޑޫގައި މިހާރު ހުރި ޑީކޮމްޕްރެޝަން ޗެމްބަރުގެ ހިދުމަތް، އަންނަ މާޗު މަހުގެ ތެރޭގައި ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީށް ސޯލިހު ވަނީ ވިދާޅުވެފައެވެ.