ރާއްޖެ ގަޑިން މިއަދު ފަތިހު 06:00ގައި އެމެރިކާގެ ކެލިފޯނިއާގައި ފެށި 92 ވަނަ އޮސްކާ އެވޯޑް ހަފުލާގެ ރެޑްކާޕެޓް އިވެންޓްގައި، ހޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސާ، ލިޔުންތެރިޔާ އަދި އެކްޓަރު ސްޕައިކް ލީ، ކޯބީ ބްރާޔަންޓްއަށް ހާއްސަ ވަގުތުކޮޅެއް ހުސްކޮށްލައިފިއެވެ.

މިމަހުގެ ކުރީކޮޅު ހިނގި ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާއެއްގައި، ދުނިޔެ ދުށް އެންމެ ކުޅަދާނަ ބާސްކެޓް ކުޅުންތެރިޔާ އަދި ލެޖެންޑް ކޯބީ ބްރާޔަންޓްއާއި އޭނާގެ ދަރިފުޅު ޖީޖީ މަރުވި ހިތާމައިން ގިނަ ބަޔަކަށް އަދިވެސް އަރައިގަނެވިފައި ނުވާއިރު، ސްޕައިކް ލީ، އޮސްކާގެ ރެޑްކާޕެޓްގައި ބޭނުންކުރި ސޫޓް ހާއްސަކުރީ ކޯބީއަށެވެ.

މަޝްހޫރު ބާސްކެޓް ބޯޅަ ލެޖެންޑް ކޯބީ ބްރާޔަންޓް މަރުވީ އޭނާ ދަތުރުކުރަމުންދިޔަ ހެލިކޮޕްޓަރު ވެއްޓިގެން/ފޮޓޯ: ރޮއިޓާޒް

ލޭކާޒްގެ ކުލަތައް ކަމަށް ދަނބާ، ރަންކުލައިން ސްޕައިކް ލީގެ ސޫޓް ފަރުމާކޮށްފައިވަނީ ކޯބީ އެ ޓީމަކަށް ކުޅުނު ލޭކާޒްގެ ޖާޒީއާއި ދާދި އެއްގޮތަށެވެ. އަދި ސޫޓްގެ ފަހަތުގައި، ކޯބީގެ ޖާޒީ ނަމްބަރުވެސް ޖަހާފައި ހުއްޓެވެ. މީގެ އިތުރުން ސޫޓާއެކު ސްޕައިކް ލީ ބޭނުންކޮށްފައިވަނީ ކޯބީއަށް ހާއްސަ ނައިކީ ބޫޓެއްކަން ފާހަގަކުރަންޖެހެއެވެ.

ހޮލީވުޑްގެ މަޝްހޫރު ފިލްމް ޕްރޮޑިއުސަރު އަދި އެކްޓަރު ސްޕައިކް ލީ އޮސްކާ އެވޯޑްގެ ރެޑްކާޕެޓްގައި ކޯބީއަށް ހާއްސަ ބޫޓަށް އަރައިގެން/ފޮޓޯ: ގެޓީ އިމޭޖަޒް

ކޯބީގެ މަރާއެކު އެންމެ ފުން އަސަރެއްކޮށް، އަދިވެސް އެ ހިތާމާގައި ހުރި ފިލްމީ ދާއިރާގެ އެއް ޝަހްސަކީވެސް ސްޕައިކް ލީއެވެ. ކޯބީއާއި ގުޅޭ ގޮތުން ރެޑްކާޕެޓްގައި ރާޔަން ސީކްރެސްޓްކުރި ސުވާލަށްވެސް ސްޕައިކް ލީއަށް ޖަވާބެއް ނުދެވުނެވެ.

މަސައްކަތުގެ މައިދާނުގައި ސްޕައިކް ލީ ވަނީ ކޯބީއާއިއެކު ގިނަ މަޝްރޫއުތަކެއްގައި މަސައްކަތްކޮށްފައެވެ. އެގޮތުން ކޯބީގެ ދިރިއުޅުމުން ދުވަހެއްގެ މައްޗަށް ބިނާކޮށް 2009 ވަނަ އަހަރު ރިލީޒްކުރި "ކޯބީ ޑުއިންގް ވާކް" ޑޮކިއުމަންޓްރީ ފިލްމުގެ ޑައިރެކްޓަރަކީވެސް ސްޕައިކް ލީކަން ފާހަގަކުރަންޖެހެއެވެ.