އިންޑިއާއަކީ ސްރީލަންކާއާއެކު އަބަދުވެސް އޮންނަ އެކުވެރި ގައުމެއް ކަމަށާ، ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ކުރިއަށް އޮތް ތަނުގައި އިންޑިއާގެ އެއްބާރުލުން ލިބެމުންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ސްރީލަންކާގެ ބޮޑުވަޒީރު އަދި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ވިދާޅުވެއްޖެއެވެ.

އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީއާއިއެކު ކުރިއަށް ގެންދެވި ޖޮއިންޓް ޕްރެސް ކޮންފަރެންސްއެއްގައި ވާހަކަފުޅު ދައްކަވަމުން މަހިންދަ ރާޖަޕަކްސަ ވިދާޅުވީ، 2 ބޭފުޅުންގެ މަޝްވަރާތައް މައިގަނޑު ގޮތެއްގައި އަމާޒު ކުރެއްވީ، ސްރީލަންކާގެ އާ ރައީސް ގޮތަބާޔާ ރާޖަޕަކްސަ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅާ ގުޅުންހުރި ކަންކަމުގެ މައްޗަށް ކަމަށެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން މަހިންދަ ރާޖަޕަކްސަ ވަނީ، އިންޑިއާގެ ހާރިޖީ ސިޔާސަތުތައް ބައްޓަންކުރުމުގައި ގެންގުޅޭ "ފުރަތަމަ އަވަށްޓެރިޔާ"ގެ ފިކުރަށް ތައުރީފުކުރައްވާފައެވެ. އެގޮތުން ސްރީލަންކާގެ ޖާސޫސީ މަޝްރޫއުތައް ހަރުދަނާކޮށް، ޓެރަރިޒަމްއާއި ދެކޮޅަށް ފިޔަވަޅުތައް އެޅުމުގައި ސްރީލަންކާގެ ގާބިލިއްޔަތުކަން އިތުރު ކުރުމަށް އިންޑިއާއިން އަބަދުވެސް އެއްބާރުލުން ދެމުންދާކަން، ސްރީލަންކާގެ ބޮޑުވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

މަހިންދަ ރާޖަޕަކްސަގެ އިންޑިއާ ދަތުރުފުޅުގައި، އެގައުމުގެ ރައީސް ރާމް ނާދު ކޯވިންދްއާއިވެސް މާދަމާގެ ވަގުތެއްގައި ބައްދަލުކުރައްވާނެ ކަމަށް ޚަބަރު ލިބެއެވެ.