އަވަށްޓެރި އިންޑިއާގެ 8 ޔޫނިއަން ޓެރިޓަރީގެ ތެރެއިން އެގައުމުގެ ވެރިކަން ކުރަމުން އަންނަ ނިއު ދިއްލީ ނިސްބަތްވާ ނޭޝަނަލް ކެޕިޓަލް ޓެރިޓަރީ އޮފް ދިއްލީގެ ގާނޫނު ހަދާ މަޖިލީހަށް މެމްބަރުން ހޮވުމަށް ކުރިއަށް ގެންދިޔަ އިންތިހާބުގެ އެގްޒިޓް ޕޯލްގެ ވަގުތީ ނަތީޖާއަށް ބަލާއިރު، އާމް އާދްމީ ޕާޓީއިން ހެޓް-ޓްރިކް ހަދާ، ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ބާރްތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ)އަށް ބޮޑުތަނުން މާޔޫސްކޮށްލައިފިއެވެ.

ދިއްލީގެ ގާނޫނު ހަދާ މަޖިލީހުގައި މިހާރުވެސް ވެރިކަން ކުރަނީ އާމް އާދްމީ ޕާޓީގެ ފަރާތުން އަރުވިންދު ކެޖްރިވާލްއެވެ.

ވޯޓުލުމުގެ ހައްގު ލިބިފައިވާ 14.7 މިލިއަނެއްހާ މީހުން ދިއްލީގައި ތިބިއިރު، އިއްޔެގެ އިންތިހާބުގައި މީގެ 57 ޕަސެންޓް މީހުން ވޯޓުދިން ކަމަށް މައުލޫމާތު ލިބެއެވެ. އިންތިހާބުގެ ވަގުތީ ނަތީޖާތައް ރަސްމީ ސިފައެއްގައި ލިބެން ފަށާނީ އަންގާރަ ދުވަހު ކަމަށް ޚަބަރު ލިބެއެވެ.

އިންޑިއާގެ އާންމު އިންތިހާބުގައި ވޯޓުދިން ޒުވާނަކު އޭނާ ވޯޓުލީކަން ދައްކާލަނީ/ފޮޓޯ: ޓައިމް މެގަޒިން

އިންތިހާބުގައި ބައިވެރިވި މީހުންގެ މެދުގައި ކުރިއަށް ގެންދިޔަ އެގްޒިޓް ޕޯލުގެ ނަތީޖާތަކަށް ބަލާއިރު، ދިއްލީގެ ގާނޫނު ހަދާ މަޖިލީހުގެ 70 ގޮނޑީގެ ތެރެއިން 50 ގޮނޑި ކާމިޔާބު ކުރާނީ އާމް އާދްމީ ޕާޓީއިން ކަމަށް ބެލެވެއެވެ. 2015 ވަނަ އަހަރުގެ އިންތިހާބުގައި އެ ޕާޓީއިންވަނީ 67 ގޮނޑި ކާމިޔާބުކޮށް ރެކޯޑް ހަދާފައެވެ.

ބީޖޭޕީއަށް ދިއްލީގެ ވެރިކަން ނުލިބޭތާ 22 އަހަރުވެއްޖެއެވެ. މިފަހަރުގެ އިންތިހާބުގައިވެސް ބީޖޭޕީއަށް ލިބޭނެ ކަމަށް ބެލެވެނީ އެންމެ 15 ގޮނޑިއެވެ. 15 އަހަރު ވަންދެން ދިއްލީގައި ވެރިކަން ކުރީ އިންޑިއާގެ މައި އިދިކޮޅު ކޮންގްރެސް ޕާޓީއިންނެވެ. ކޮންގްރެސްއަށް ދިއްލީގެ އަގުލަބިއްޔަތު ގެއްލުނީ 2013 ވަނަ އަހަރު އާމް އާދްމީ ޕާޓީއިން ކުރި ހޯދުމުންނެވެ.

އިންޑިއާގެ ގާނޫނު އަސާސީ ހަމަޖެހިފައި އޮންނަ ގޮތުން ވަކިވަކި ސަރަހައްދުތަކަށް ހާއްސަ، ގާނޫނު ހަދާ މަޖިލީސްތައް ހުރެއެވެ.