އީރާނުގެ ވައިގެ ސަރަހައްދުން ދަތުރުކުރަމުން ދަނިކޮށް އެގައުމުގެ އަސްކަރިއްޔާއިން މިސައިލް ހަމަލާތަކެއް ދީ ވައްޓާލާފައިވާ ޔުކުރޭންގެ ޕަސެންޖާ އެއާލައިންގެ ފްލައިޓް ޕީއެސް 752އިން ދަތުރުކުރި މީހުންގެ އާއިލާތަކުން އީރާނުގެ ސަރުކާރާ ދެކޮޅަށް ކެނެޑާގެ ކޯޓެއްގައި ދައުވާ އުފުލައިފިއެވެ.

އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭސްތަކަށް އަމާޒުކޮށް އިރާނުން މިސައިލް ހަމަލާތަކެއް ދިންތާ ކުޑަ ވަގުތުކޮޅެއް ފަހުން، އީރާނުގެ ވެރިރަށް ތެހްރާންއިން ފުރައިގެން ޔުކުރޭން ކިއޭފްއަށް ދަތުރުކުރަމުންދިޔަ ކޮމާޝަލް އެއާލައިންއަށް މިސައިލް ހަމަލާތަކެއް ދެވިފައިވަނީ ނޭނގުމެއްގައި ތެރެއިން އެރި އޮޅުމަކާ ހެދި ކަމަށްބުނެ، އީރާނުންވަނީ ކުށަށް އިއުތިރާފުވެފައެވެ.

އީރާނު އަސްކަރިއްޔާއިން ވައްޓާލި ޔޫކްރައިން އިންޓަނޭޝަނަލް އެއާލައިންސްގެ ފްލައިޓް ޕީއެސް752ގެ ބައިތަކެއް އެ ބޯޓު ވެއްޓުނު ސަރަހައްދަށް ފެތުރިފަ/ފޮޓޯ: ރޮއިޓާޒް

ބޯޓުން ދަތުރުކުރި މީހުންގެ އާއިލާތަކުން ބުނަމުންދަނީ، މިހާރު އެމީހުންނަށް ކުޑަނަމަވެސް ހަމަޖެހުމެއް ލިބެން އޮތީ، އިންސާފު ލިބިގެން ކަމަށެވެ. އެގޮތުން އަލަށް ކައިވެނިކޮށް ކެނެޑާއަށް ދަތުރުކުރަމުންދިޔަ ދެމިފިރިއެއްގެ އާއިލާއިންވަނީ ދައުވާ އުފުލާފައެވެ. ފަސެންޖަރުންގެ އާއިލާތަކުން ދައުވާ އުފުލާފައިވަނީ 1.1. ބިލިއަން ޑޮލަރުގެ ބަދަލެއް ހޯދުމަށެވެ.

ބޭރު ގައުމަކާ ދެކޮޅަށް ކޯޓުގައި ދައުވާ ކުރުމުގެ ފުރުސަތެއް ކެނެޑާގެ އާންމު ގާނޫނުން ލިއްބައި ނުދިން ކަމުގައިވީ ނަމަވެސް، ޓެރަރިޒަމްއާއި ގުޅުންހުރި މައްސަލަތަކުގައި މިކަން އިސްތިސްނާވާ ގޮތަށް 2012 ވަނަ އަހަރުގެ ތެރޭގައި ވަނީ ކަނޑާއަޅާފައެވެ.

ބޯޓުގެ ކަޅުފޮށިތަކަށް ހަދާނެ ގޮތެއްވެސް އީރާނަށް އަދި ނިންމިފައި ނުވާއިރު، ކެނެޑާއިން ބާރު އަޅަމުންދަނީ މި މަސައްކަތް ފަރަންސޭސިވިލާތުގައި ކުރިއަށް ގެންދިއުމަށެވެ.