އެއީ އިތުރު ތައާރަފަކަށް ބޭނުން ނުވާ ޓޮމް އެންޑް ޖެރީ ކާޓޫނެވެ. މަންޒަރުތައް ނިމިގެންދާނެ ގޮތް ދުރާލާ އެނގުނު ކަމުގައި ވީ ނަމަވެސް، އެ ބަލަން ކަޅި ޖަހަނުލާ ތިބި މީހުންގެ އަދަދުވެސް މަދެއް ނޫނެވެ. ޓޮމް އެންޑް ޖެރީގެ ޕްލޮޓްއަކީ ބެލުންތެރިން ހިތުދަސް ޕްލޮޓްތަކަކަށް ވީ ނަމަވެސް، އެ ކާޓޫނާ ގުޅިފައިވާ އެތައް ވާހަކައެއް އެބައޮތެވެ. އެކަޑަމީ އެވޯޑްތަކާ، ފޮނި ހަނގުރާމައިގެ 'ދަގަނޑު ފަރުދާ'ގެ ވާހަކަވެސް އޮތީއެވެ. އާންމުންނަށް ތިލަ ނުވެއެވެ. މި ފެށުނު ހަފުތާއަކީ މިތާރީހީ ކާޓޫނަށް 80 އަހަރު ފުރޭ ހަފުތާކަމުން، މި ވާހަކަތަކައް ދައްކަން މިއަށްވުރެ މުނާސަބު ވަގުތެއް ވަކި ކޮބާ ހެއްޔެވެ؟

ޓޮމް އެންޑް ޖެރީ ކާޓޫން އުފެދިގެން އައީ އާދަޔާ ހިލާފު އުފެއްދުންތެރިކަމަށް އިންތިހާއަށް ބަޔަކު ފެންބޮވައިގެންފައި ވަނިކޮށެވެ. ވާދަވެރި ސްޓޫޑިއޯތަކުން ތައާރަފުކުރަމުންދިޔަ "ޕޯކީ ޕިގް" އާއި "މިކީ މައުސް" ފަދަ ކާޓޫންތަކާއެކު، އެމްޖީއެމްގެ އެނިމޭޝަން ޑިޕާޓްމަންޓްގައި މަސައްކަތްކުރަމުންދިޔަ ބިލް ހެނާއާއި ޖޯ ބާބޭރާގެ މާޔޫސްކަން ދިޔައީ ބޮޑުވަމުންނެވެ.

މަސައްކަތް ދެކު ފޫހިވާ ގޮތްވެފައި ތިބި މި 2 އެނިމޭޓަރުންނަށް އޭރު އުމުރުން އެންމެ 30 އަހަރުވެސް ނުފުރެއެވެ. މި ފޫހި ކަމުގެ ތެރެއިން އަމިއްލަ ހިޔާލުގެ މައްޗަށް ބިނާކޮށް އެއްޗެއް 'ކައްކާލެވޭތޯ' 2 މީހުންވެސް މަސައްކަތް ފެށިއެވެ. އެއީ މީގެ ކުރިން އެތައް ފަހަރަކު ފެނިފައި އޮތް ކޮންސެޕްޓްއެއް ކަމަށް ވީ ނަމަވެސް، ބުޅަލަކާ މީދަލެއްގެ އަރައިރުންވުމުގެ މައްޗަށް ބިނާކޮށް އާދަޔާ ހިލާފު، އެހެން ނަމަވެސް އާދައިގެ އުފެއްދުމުގެ ހިޔާލު ބާބޭރާއަށް ވަރަށް ކަމުގޮއްސިއެވެ.

ފުރަތަމަ ރިލީޒްވީ 1940 ވަނަ އަހަރުގެ ކާޓޫން "ޕުސް ގެޓްސް ދަ ބޫޓް" އެވެ. ފުރަތަމަ މަސައްކަތާއެކުވެސް ސްޓޫޑިއޯއަށް ލިބުނީ އޮސްކާއެކެވެ. ކިތަންމެ ބުރަ މަސައްކަތެއް ކުރި ކަމުގައި ވީ ނަމަވެސް، އެނިމޭޓަރުންގެ ވާހަކަ އޮތީ އޮބިފައެވެ. ހިތްމަރުވެފައި ތިބި އެނިމޭޓަރުންގެ ހިތު ވިންދު އަވަސްވީ، 'ބުޅަލާ މީދަލުގެ އާދަޔާ ހިލާފު ކާޓޫން"ގެ އިތުރު ބައެއް ފެންނާނީ ކޮން ދުވަހަކުންތޯ، ދާއިރާގެ ނުފޫޒުގަދަ ޝަހްސަކު ސުވާލު ކުރި ހިސާބުންނެވެ.

އޭރު އެއީ "ޖެސްޕާ އެންޑް ޖިންކްސް" ކަމަށް ވީ ނަމަވެސް، އެއީ މިއަދުވެސް ގިނަ ބައެއްގެ ސަމާލުކަން ދަމައިގަންނަ "ޓޮމް އެންޑް ޖެރީ"ގެ ހަގީގީ ފެށުމެވެ.

ފްލޮޕަކަށްވި

ބާބޭރާ ކިޔައިދިން ގޮތުގައި ޓޮމް އާއި ޖެރީއަކީ ވާހަކަ ނުދައްކާ ކަރެކްޓަރުތަކެއް ކަމަށް ހެދުމާ ބެހޭ ގޮތުން މާ ބޮޑު މަޝްވަރާތަކެއް ނުކުރެއެވެ. ނަމަވެސް އެ މީހުން ބޮޑުވަމުން އައީ ޗާލީ ޗޮޕްލިންގެ ޒަމާނުގައި ކަމުން، ވާހަކަ ނުދައްކާ ކެރެކްޓަރުގެ ނުފޫޒު އެނގުނު ކަމަށް އޭނާ ބުނެއެވެ. މުޅި ކާޓޫނުގައި އެއް އަޑަކަށް އިވެނީ ސްކޮޓް ބްރޭޑްލީ ކޮމްޕޯޒްކޮށްފައިވާ މިއުޒިކްތަކެވެ. ޓޮމްއަށް އެންމެ ވަރުގަދަ ލަނޑު ލިބޭ ވަގުތު އިންސާނެއްގެ އަޑުން އެސޮރު ހަޅޭއްލަވައި ގަންނަ އަޑަކީ، ހެނާގެ އަޑެވެ.

ޖެހިގެން އައި 20 ވަރަކަށް އަހަރު، ހެނާއާއި ބާބޭރާގެ މަސައްކަތަކަށްވީ މިކަމެވެ. މިމުއްދަތުގެ ތެރޭގައި 100އަށްވުރެ ގިނަ ޝޮޓް ތައާރަފުކުރިއެވެ. ބައެއް ޝޮޓްތައް ފުރިހަމަ ކުރުމަށް އެތައް ހަފުތާއެއް ހޭދަކުރިއެރު، އެ މަންޒަރުތައް ޕްރޮޑިއުސް ކުރުމަށް، ކޮންމެ ޝޮޓަކަށް 50000 އެއްހާ ޑޮލަރުވެސް ޚަރަދުކުރިއެވެ.

އިރާގުގެ ރެފިއުޖީ ކޭމްޕެއްގެ ފާރުގައި 2014 ވަނަ އަހަރު

މުޅި ދުނިޔެހެން އިއްތިފާގުވާ ގޮތުގައި، އަތުކުރެހުމުން ފައްކާކޮށްފައިވާ "ޓޮމް އެންޑް ޖެރީ" ކާޓުނަކީ، އެނިމޭޝަންގެ ދުނިޔޭގައިވެސް އެފަދަ ދެވަނައެއް ނެތް ކާޓޫނެކެވެ. މިއާއެކު އިތުރު 6 އެކަޑަމީ އެވޯޑެއް މި ކާޓޫނު ހާސިލުކުރިއެވެ. އަދި ހޮލީވުޑްގެ 6 ފީޗާ ފިލްމަކުންވެސް ޖާގަ ހޯދިއެވެ.

ކާޓޫނުތަކުގެ ތާރީހު ދިރާސާކުރާ ޖެރީ ބެކް ބުނާ ގޮތުގައި، މީގެ އެތައް އަހަރެއް ކުރިން ބަލާފައި އޮތް އެޕިސޯޑެއް މިއަދު ބެލި ކަމުގައި ވީ ނަމަވެސް، އެއީ ކޮން ދުވަސްވަރެއްގެ މަސައްކަތެއްކަން ބުނަން ދަތިވާނެ ކަމަށެވެ. މި ކާޓުނުގެ އެނިމޭޝަންތަކަކީ "އަބަދަށް ފެހި" އެނިމޭޝަންތަކެއް ކަމަށް ބެކް ބުނެއެވެ.

އެންމެ އިހުގެ

ޕްރޮޑިއުސަރު ފްރެޑް ކުއިމްބީ، 1950ގެ އަހަރުތަކުގެ މެދެއްހާ ހިސާބުގައި މަގާމުން މުސްކުޅިކުރުމާ ގުޅިގެން އެމްޖީއެމްގެ ކާޓޫނުތަކާ ބެހޭ ޑިޕާޓްމަންޓާ ހަވާލުވީ ހެނާއާ ބާބޭރާއެވެ. ނަމަވެސް ކުންފުންޏަށް ކުރިމަތިލާންޖެހުނު ޚަރަދު ކުޑަކުރުމުގެ އޮއެވަރުގެ ސަބަބުން، މުޅި އަލަށް ޝޮޓްތަކެއް އުފެއްދުމުގެ ބަދަލުގައި، ކުރީގެ މަންޒަރުތަކެއް ހިމަނައިގެން ކާޓޫނު ފުރިހަމަ ކުރުމަށް އެނިމޭޓަރުންނަށް މަޖުބޫރުވިއެވެ.

މިވަރުންވެސް އަދި ގޮންޖެހުންތައް ނިމުނީކީ ނޫނެވެ. އެމްޖީއެމްގެ އެނިމޭޝަން ޑިޕާޓްމަންޓްވެސް އެންމެ ފަހުން ބަންދުކުރުމަށް ކުންފުންޏަށް މަޖުބޫރުވީއެވެ. 1957 ވަނަ އަހަރު އެނިމޭޝަން ޑިޕާޓްމަންޓް ބަންދުކުރުމުން، ހެނާއާއި ބާބޭރާ އަމިއްލަ ކުންފުންޏެއް އުފެއްދީއެވެ.

އޭގެ އަހަރުތަކެއް ފަހުން، "ޓޮމް އެންޑް ޖެރީ" އަނބުރާ ގެނައުމަށް އެމްޖީއެމްއިން ނިންމިއެވެ. ނަމަވެސް، ކާޓޫނުގެ ހަގީގީ މޭސްތިރިން ނުހިމަނާ އެކަން ކުރުމަށް ނިންމާ، ޕްރާގްގެ ސްޓޫޑިއޯއަކަށް އައުޓްސޯސްކުރިއެވެ. ޚަރަދު ކުޑަކުރުމަށް ކަމަށް ބުނެއެވެ. ކުޑަ ބަޖެޓެއްގެ ތަކުލީފުގެ އިތުރުން، މަސައްކަތުގެ އޮރިޖިނިލް އެނިމޭޓަރުން ނެތުމުން ޕްރާގްގެ ސްޓޫޑިއޯއަށްވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިއެވެ.

ޒަމާންވީ އަތުކުރެހުންތަކުގެ ބަދަލުގައި ޒަމާނީ ޓެކްނޮލޮޖީ އާއިއެކު ފްލޭޝް ބޭނުންކޮށްގެން 2014 ވަނަ އަހަރު އުފައްދާފައިވާ

އޭނާގެ ސްޓޫޑުއޯއިން އޭރު ދިޔައީ "ޕޮޕާއީ" ފަދަ ކާޓޫނުތަކަށްވެސް އެޕިސޯޑް ތައްޔާރުކޮށްދެމުންނެވެ. ޗެކް ނަންތައް ފެނުމުން ކޮމިއުނިޒަމްގެ ބިރުވެރިކަން އެމެރިކާގެ ރައްޔިތުންނަށް ކުރިމަތިވެދާނެތީ، ކާޓޫނުގެ ކްރެޑިޓްރޯލުގެ ނަންތައްވެސް އެމެރިކާ ވަންތަކުރަން ސްޓޫޑުއޯއަށް މަޖުބޫރުވިއެވެ. ދުވަސްވަރަކީ އެމެރިކާއާއި ސޯވިއެޓް ޔޫނިއަން (މިހާރުގެ ރަޝިޔާ)އާއި ދެމެދު ފިނި ހަނގުރާމައެއް ކުރަމުންދިޔަ ދުވަސްވަރު ކަމުން ލެވިފައި އޮތް "ދަގަނޑު ފަރުދާ"ގެ ސަބަބުން ކާޓޫނު އެނިމޭޓް ކުރަމުންދިޔަ މީހުން އޭގެ ކުރިން ޓޮމް އެންޑް ޖެރީގެ އެންމެ އެޕިސޯޑެއްވެސް ބަލާފައެއް ނުވެއެވެ. އެހެންކަމުން، މަސައްކަތައިގެން ކުރިއަށް ދިއުމުގައި އިތުރު މައްސަލަތަކެއް ކުރިމަތިވަމުންދިޔައެވެ.

ނަތީޖާއަކަށްވީ "ޓޮމް އެންޑް ޖެރީ"ގެ ހަގީގީ ފޭނުން ރުޅިގަދަވުމެވެ. ފްރާގްގެ ސްޓޫޑިއޯގައި ތައްޔާރުކުރި 13 އެޕިސޯޑަކީ މުޅި ކާޓުނުގެވެސް އެންމެ ކަމުނުދާ އެޕިސޯޑްތަކުގެ ގޮތުގައި ލޭބަލްވެގެން ދިއުމެވެ. އާ އެނިމޭޓަރަށް މަރުގެ އިންޒާރުވެސް ދިން ކަމަށްވެއެވެ.

އާ ވާޝަންއާއި މެދު ހިތްހަމަނުޖެހިގެން ސީދާ މަސައްކަތަށް ނިކުތް އެއް ފޭންއަކީ މާކް ކޯސްލާއެވެ. އެތައް މަސައްކަތަކުން، އެމްޖީއެމްގެ ޕްރޮޑަކްޝަންތައް ހެނާއާއި ބާބޭރާގެ ވާޝާންތަކުގެ އަސްލު ނަގާނުލާ އެޕިސޯޑްތައް އަންނަންފެށިއެވެ. ނަމަވެސް، އޭރު ޓޮމް އާއި ޖެރީގެ ކެރެކްޓަރަކީ ހެނާއާއި ބާބްރާ އެންމެ ފުރަތަމަ ތައާރަފުކުރި ކެރެކްޓަރުތަކަށްވުރެ ރުންކުރު، 'ނުލަފާ' ކެރެކްޓަރުތަކަށް އޮތީ ވެފައެވެ. ނަތީޖާއަކަށްވީ، 1970ގެ އަހަރުތަކުގައި ހެނާއާއި ބާބޭރާގެ މަސައްކަތުންވެސް "ޓޮމް އެންޑް ޖެރީ"ގެ ޅަފަތުގެ ދުވަސްވަރު ލިބުނު ވަރުގެ ތަރުހީބެއް ނުލިބުމެވެ.

ކަންމިހެން އޮތްނަމަވެސް، "ޓޮމް އެންޑް ޖެރީ"އަކީ މިއަދުވެސް ދުނިޔޭގައި އެންމެ މަގުބޫލު ހެއްވާ މަޖާ ކާޓޫނެވެ. ކުޑަކުދިންނަށް ހާއްސަ ޓީވީ ޗެނަލުތަކުން އަދިވެސް މި ޝޯ ދައްކައެވެ. ޖަޕާނާ ޕާކިސްތާނު ފަދަ ގައުމުތަކުގައި އަދިވެސް "ޓޮމް އެންޑް ޖެރީ"ގެ ޝޯތައް ގަވައިދުން ދައްކައެވެ. މީގެ އިތުރުން "ޓޮމް އެންޑް ޖެރީ" މޯބައިލް އެޕްލިކޭޝަން ބޭނުންކުރާ އެތައް މިލިއަން ބަޔަކު، ޗައިނާގައި އެކަނިވެސް އެބަތިއްބެވެ. އިނގިރޭސިވިލާތަށް ބަލާއިރު ބޮޑެތި މީހުންގެ މެދުގައި އެންމެ މަގުބޫލު ޓީވީ ޝޯއަކީވެސް ޓޮމް އެންޑް ޖެރީއެވެ. ހަމަމިއާއެކު ސިޔާސީ މައިދާނުގައިވެސް "ޓޮމް އެންޑް ޖެރީ"ގެ ނަން ފަނޑުވެ ނުދެއެވެ. އެގޮތުން މެދުއިރުމަތީގައި ހަމަނުޖެހުން ހިނގަނީ އެ ކާޓޫނުގެ ސަބަބުން ކަމަށް 2016 ވަނަ އަހަރު މިސްރުން ބުނިއިރު، އީރާނުންވަނީ އެގައުމާ އެމެރިކާ ގުޅުން، ޓޮމް އެންޑް ޖެރީގެ ގުޅުމާ ދެ ފަހަރެއްގެ މަތިން އަޅާ ކިއާފައެވެ.

"ޓޮމް އެންޑް ޖެރީ"އަށް 80 އަހަރު ފުރޭއިރު، މި ކާޓޫނުގެ ފެށުން ކަމުގައިވި ބިލް ހެނާއާއި ޖޯ ބާބޭރާ މި ދުނިޔޭގައި ނެތެވެ. ހެނާ މަރުވީ 2001 ވަނަ އަހަރުއެވެ. ބާބޭރާ މަރުވީ 2006 ވަނަ އަހަރުއެވެ. "ޓޮމް އެންޑް ޖެރީ"ގެ ރައިޓްސް މިހާރު އޮތީ ވޮނާ ބްރަދާޒްގެ އަތުގައި ކަމަށްވާއިރު، މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި "ޓޮމް އެންޑް ޖެރީ" ލައިވް އެކްޝަން ރީމޭކެއް ފެނިގެންދާނެ ކަމަށް އެ ޕްރޮޑަކްޝަން ހައުސްއިންވަނީ ހާމަކޮށްފައެވެ.