ޖެންޑާ މިނިސްޓަރުކަމުގެ މަގާމުން ޝިދާތާ ޝަރީފް އިސްތިއުފާ ދެއްވި ނަމަވެސް އަދާލަތާއެކު ދެމިހުންނެވުމަކީ އެ ޕާޓީއަށް ލިބޭ ހިތްވަރެއް ކަމަށް އަދާލާތުން ބުނެފިއެވެ.

އަދާލަތު ޕާޓީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ޖެންޑާ މިނިސްޓަރުކަމުގެ މަގާމުން ޝިދާތާ ޝަރީފް އިސްތިއުފާ ދެއްވުން ބަލައިގަންނަނީ ވަރަށް ހިތްވަރުގަދަ އަމަލެއްގެ ގޮތުގައި ކަމަށެވެެ. ހާއްސަކޮށް އިސްތިއުފާ ދެއްވި ސަބަބު ކަމުގައިވާ ޖެންޑާ މިނިސްޓްރީގެ އިތުބާރު ދެމެހެއްޓުމަށް ފުރުސަތު ދެއްވި ދެއްވުމަކީ އަދާލަތުން އުފަލާއެކު ބަލައިގަންނަ ކަމެއް ކަމަށް ބުނެއެވެ.

އަންހެނުންނާއި ކުޑަކުދިން އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާ ގުޅޭ މައްސަލަތަކުގެ ވާހަކަ ގިނަ ބަޔަކު ދައްކާ އެފަދަ ކަންކަން ހައްލު ކުރުމަށް ރައްޔިތުން ހޭލުންތެރިވުމުގެ އިތުރުން އެފަދަ މައްސަލަތައް ހައްލު ކުރުމަށް ކުރައްވާފައިވާ ބުރަ މަސައްކަތާއި އަޅުއްވާފައިވާ ފިޔަވަޅުތަކަކީ ވަރަށް ކާމިޔަބު ފިޔަވަޅުތަކެއް ކަމަށް އަދާލަތު ޕާޓީން ބުނެއެވެ. އަދި ޝިދާތާ މަސައްކަތް ކުރެއްވުމުގައި ގެންގުޅުއްވި އިހްލާސްތެރިކަމާއި ހަރުދަނާކަން ބަލައިގަންނަކަމަށް އަދާލާތުން ބުނެއެވެ.

ޝިދާތާ ޝަރީފަކީ 2010 ވަނަ އަހަރުން ފެށީގެން އަދާލަތު ޕާޓީއާއެކު ރައްޔިތުންނަށްޓަކައި އެތައް ގުރުބާނީއެއް ވެވަޑައިގެންނެވި ބޭފުޅެއް ކަމަށް އަދާލަތުން ފާހަގަ ކުރެއެވެ. އެކިއެކި ފޯރަމްތަކުގައާއި މަގުމަތީގައި އިސްލާހަށް ހިންގުނު ގިނަ ހަރަކާތްތަކެއްގައި ހިތްވަރާއެކު ބައިވެރިވެވަޑައިގެންފައި ވާ ބޭފުޅެއް ކަމަށް އެޕާޓީން ފާހަގަކޮށްފައި ވެއެވެ.

މީގެ އިތުރުން ޝިދާތާ ވަޒީރުކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިންނާއި ވަޒީރުކަމުގައި ހުންނެވި އިރު ވެސް ރައްޔިތުންގެ ހާލު ގާތުން ބައްލަވައި އެފަރާތްތަކަށް އެކިއެކި އެހީތެރިކަން ފޯރުކޮށްދެއްވުމުގައި އަމަލީ ގޮތުން ބަވެރިވެޑައިގެންފައި ވާކަން އަދާލަތުން ފާހަގަކޮށްފައި ވެއެވެ.

އާންމުންގެ ގިނަ ބަޔަކާއި މަޖިލީހުގެ މެންބަރުންގެ ފާޑުކިއުން އަމާޒުވެފައި ވަނިކޮށް ޖެންޑާ މިނިސްޓަރުގެ މަގާމުން ޝިދާތާ އިސްތިއުފާ ދެއްވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އަދި އެ މަގާމަށް ކުރީގެ ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވަނީ ހަމަޖައްސަވާފައެވެ.