މިދިޔަ ބުރާސްފަތި ދުވަހުރޭ އިރާކޮޅު ސޯޝަލް މީޑިއާގައި އާންމުވެ، އެތައް ބައެއްގެ ސަމާލުކަން ދަމައިގަތީ، ކ. މާފުށީގައި އަންހެން ފަތުރުވެރިއަކު ހައްޔަރު ކުރުމަށް ފުލުހުން މަސައްކަތް ކުރަމުން ދިޔަ ވީޑިއޯއެކެވެ. ކަމުގެ އެއްވެސް ހަގީގަތެއް ނޭނގި، ބިކިނީގައި މާފުށީ ރަށުތެރެއަށް ނުކުމެގެން އުޅުނު ފަތުރުވެރިޔާގެ ވީޑިއޯއަށް ބަލާލި ކޮންމެ މީހަކަށް ވެސް ސިފަވެގެން ދާނީ ތިން ހަތަރު ފިރިހެން ފުލުހުން، އަންހެން ފަތުވެރިޔަކު ގަޔަށް އަތްލާ މަންޒަރެވެ.

އަސްލު ކަން ހިނގައި ދިޔަގޮތް އިނގޭނީ ކަން ހިނގި ވަގުތު އެތަނުގައި ތިބި މީހުންނަށްތާއެވެ. މި ވާހަކައިގެ ވެސް ދެވަނަ ފަރާތް ފެނިގެން ދިޔައީ އަނެއްކާވެސް މީހަކު ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއަކުންނެވެ.

ކޮންމެއަކަސް، ފުރަތަމަ ވީޑިއޯ އާންމުވުމާ ގުޅިގެން އެތައް ބައެއްގެ ފާޑުކިއުން އަމާޒުވާން ފެށީ ފުލުހުންނަށެވެ. ގަވާއިދުގައި އޮންނަ ގޮތުގެ މަތިން އަންހެނަކު ހައްޔަރު ކުރާނެ އަންހެން ފުލުހަކު މާފުށީގައި ނެތީތޯ ގިނަ ބަޔަކު ދިޔައީ ސުވާލު އުފައްދަމުންނެވެ. ފުރަތަމަ އާންމުވި ވީޑިއޯއާއެކު މި ހާދިސާއަށް ސަމާލުކަން ދިނީކީ ހަމައެކަނި ދިވެހި މީޑިއާތަކުންނެއް ނޫނެވެ. ބޭރު ދުނިޔޭގެ އެތައް މީޑިއާގެ ސަމާލުކަން ވެސް މިކަމަށް ހުއްޓުނެވެ. ބައިނަލްއަގްވާމީ މީޑިއާގައި ވެސް ދިވެހި ފުލުހުންނަށް ދިޔައީ ފާޑުކިއުން އަމާޒުވަމުންނެވެ.

އާންމުވި ވީޑިއޯތައް

ފުރަތަމަ އާންމުވި ވީޑިއޯގައި ފެންނަނީ، ބިކިނީގައި ހުރި އަންހެން ފަތުރުވެރިޔަކު ހައްޔަރު ކުރުމަށް ތިން ފުލުހުން އޭނާގެ ގައިގައި ހިފަހައްޓައިގެން ތިބި މަންޒަރެވެ. ފަތުރުވެރިޔާ ހައްޔަރު ކުރުމަށް، އޭނާގެ އަތުގައި ބިޑި އެޅުވުމަށާއި އޭނާ ނިވާ ކުރުމަށް ފޮތި ގަނޑެއް އޭނާގެ ގައިގައި އޮޅުމަށް މަސައްކަތް ކުރާ މަންޒަރެވެ. ތިން ފިރިހެން ފުލުހަކު އަންހެން ފަތުރުވެރިޔަކާ މެދު އެފަދައިން އަމަލު ކުރުމުން ފެންނަ މީހުންނަށް ފެންނާނީ ހުތުރުކޮށްތާއެވެ.

އަންހެން ފަތުރުވެރިޔާ ހައްޔަރު ކުރުމަށް ފުލުހުން މަސައްކަތް ކުރަމުން ދިޔައިރު، އޭނާ ދިޔައީ ހަޅޭއްވެސް ލަވަމުންނެވެ. އޭނާއަށް އެ ކުރަނީ ޖިންސީ ފުރައްސާރަ ކަމަށް ބުނެ ހަޅޭއްލަވަމުން ދިޔައިރު، އޭނާ ކައިރީގައި ހުރި އޭނާގެ ފިރިމީހާ ކަމަށް ބެލެވޭ މީހާވެސް ހުރީ އަނގައިން ޗުއްޕް ވެސް ބުނެނުލާ، ފުލުހުންނަށް އެމީހުންގެ ޒިންމާ އަދާ ކުރުމަށް ދޫކޮށްލައިގެންނެވެ.

ބިކިނީގައި އުޅުނު ފަތުރުވެރިޔަކު މާފުށިން ހައްޔަރުކުރުން

މި ހާދިސާއާ ގުޅިގެން އެތައް ބައެއްގެ ފާޑުކިއުން ފުލުހުންނަށް އަމާޒުވެފައި ވަނިކޮށް މިކަމުގެ އިތުރު ވީޑިއޯއެއް އާންމުވިއެވެ. އެ ވީޑިއޯގައި ފެންނަނީ ފަތުރުވެރިޔާ ފުލުހުންނަށް ފުރައްސާރަ ކުރާ މަންޒަރެވެ. ރީތިބަހުން ފުލުހުން މުއާމަލާތް ކުރަން މަސައްކަތް ކުރަމުން ދާއިރު، އެ ފަތުރުވެރިޔާ ދިޔައީ ފުލުހުންނަށް އިންޒާރުދެމުންނެވެ.

ނިވާކަން ކުޑަ ހެދުމުގައި މާފުށީ ރަށުތެރެއަށް ދިއުމަށް އޭނާ ނުހުއްޓުވޭނެ ކަމަށާއި، އޭނާއާ ކައިރި ނުވެވޭނެ ކަމަށް ބުނަމުންދާ މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ. އެ ވަގުތުވެސް، އޭނާ ކައިރީގައި ހުރި އޭނާގެ ފިރިމީހާ ކަމަށް ބެލެވޭ ފަތުރުވެރިޔާ ދިޔައީ، އަންހެން މީހާގެ އައުރަ ނިވާ ކުރުމަށް ފޮތި ގަނޑެއް ދިނުމަށް މަސައްކަތް ކުރަމުންނެވެ. އެ ވީޑިއޯގައި، އަންހެން މީހާ ފުލުހެއްގެ ބޮލުގައި އަޅާފައިވާ އައިނު ނަގާ މަންޒަރު ވެސް ފެނެއެވެ.

ބިކިނީގައި އުޅުނު ފަތުރުވެރިޔަކު މާފުށިން ހައްޔަރުކުރުން

ފުލުހުން މައާފަށް އެދެން ޖެހޭބާ؟

ފަތުރުވެރިކަމަކީ ރާއްޖޭގެ އިގްތިސޯދުގެ މައި ލޭނާރެވެ. ނަމަވެސް، އާންމުން ދިރިއުޅޭ ރަށްތަކުގައި ފަތުރުވެރިން އުޅެން ޖެހޭ ވަކިގޮތްތަކެއް އޮވެއެވެ. ރާއްޖެއަކީ އިސްލާމީ ގައުމަކަށް ވީހިނދު، ފަތުރުވެރިން ނިވާކަން ކުޑަ ހެދުމުގައި ނުވަތަ ބިކިނީގައި އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ދިއުމަކީ މަނާ ކަމެކެވެ. މިގޮތަށް މިކަން ކުރާ ނަމަ، އެކަން ހުއްޓުވުމަކީ ގާނޫނު ތަންފީޒު ކުރަން ތިބޭ ބައެއްގެ ޒިންމާއެކެވެ. ފުލުހުންގެ ޒިންމާއެކެވެ.

ފުލުހުންގެ ވާޖިބު، ނުވަތަ ޒިންމާ އަދާކުރުމަށް މީހަކު ހުރަސް އަޅާނަމަ، އެމީހަކާ މެދު ފިޔަވަޅު އެޅުމުގެ ބާރު ފުލުހުންނަށް ލިބިގެން ވެއެވެ. ބާރުގެ ބޭނުން ކުރުމުގެ އިހްތިޔާރު ލިބިގެންވެއެވެ. އެމީހަކު ހައްޔަރުވެސް ކުރެވޭނެއެވެ. ޖޫރިމަނާ ވެސް ކުރެވޭނެއެވެ. ފުލުހެއްގެ ގަޔަށް އަތްލައިފި ނަމަ ދައުވާވެސް ކުރެވޭނެއެވެ.

ބުރާސްފަތި ދުވަހުގެ ހަވީރު ވެސް ވީ އެކަހަލަ ކަމެކެވެ. ނިވާކަން ކުޑަ ހެދުމުގައި މަސްތުގެ ހާލަތުގައި އުޅުނު ފަތުރުވެރިއަކަށް ފުލުހުން ވިސްނައިދޭން މަސައްކަތް ކުރީ، އާންމުން ދިރިއުޅޭ ހިސާބުތަކުގައި ފަތުރުވެރިން "ބިކިނީ" ގައި އުޅުމަކީ މަނާކަމެއް ކަމަށެވެ. އަދި ބިޑިއަޅުވައިގެން ފުލުހުންގެ ބެލުމުގެ ދަށަށް އެ ފަތުރުވެރިޔާ ގެންދިޔައީ، ނުކިޔަމަންތެރިކަން ދެއްކުމުންނެވެ.

އަންހެން ފަތުރުވެރިއެއްގެ ގައިގައި އަތްލުމުގެ ހުއްދަ ފިރިހެން ފުލުހަކަށް ނޯވެއެވެ. ނަމަވެސް، އެ ދުވަހު ފިރިހެން ފުލުހުން އެ ފަތުރުވެރިޔާ ހައްޔަރުކުރީ މާފުށީގައި އަންހެން ފުލުހަކު ނެތުމުން ކަމަށް ފުލުހުން ބުނެއެވެ. އަންހެން ފުލުހަކު ނެތުމުން، ފުލުހުންގެ ޒިންމާ އަދާނުކޮށް، އެ ފަތުރުވެރިޔާ ބޭނުންވާ ގޮތަށް މާފުށީ ރައްޔިތުންގެ ތެރޭގައި އުޅުމަށް ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތްބާއެވެ. ކުޑަކުދިންނާއި، އުމުރުން ދޮށީ މީހުންނަށް ފެންނާނެހެން އެ ފަތުރުވެރިޔާ ބިކިނީގައި ރަށުތެރޭގައި ހިނގާލަން ދޫކޮށްލަން ވީބާއެވެ.

މި ހާދިސާގައި މިއަށްވުރެ ރަނގަޅަށް އަމަލު ކުރެވޭނެ ކަމަށް ބުނެ ފުލުހުން ވަނީ އާންމުންނާއި، ފަތުރުވެރިޔާ އަދި އޭނާގެ އާއިލާގެ ކިބައިން ވެސް މައާފަށް އެދިފައެވެ. އެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް މިހާރު ފަށާފައިވާ ކަމަށާއި ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމުގެ ފުރިހަމަ ޔަގީންކަން ފުލުހުން ދިނެވެ.

ފަތުރުވެރިކަމަކީ ރާއްޖޭގެ އިގްތިސޯދުގެ މައި ލޭނާރު ކަމަށް ވިޔަސް އިސްލާމީ ގައުމެއްގައި، ފަތުރުވެރިން ބޭނުންހާ ގޮތަކަށް، އެއްވެސް އިހްތިރާމެއް ނެތި އުޅެން ދޫކޮށްލައިގެން ފުލުހުން ތިބެންވީބާއެވެ. މި ހާދިސާގައި ޒިންމާ އަދާކުރަން މަސައްކަތް ކުރި ފުލުހުންނާމެދު ފިޔަވަޅު އެޅުމަކީ އެންމެ ރަނގަޅު ގޮތްބާއެވެ. މިކަމުގައި އެންމެ ފުރަތަމަ ވެސް ފުލުހުން މައާފަށް އެދެން ޖެހޭތޯ ވެސް މިއީ އުފެދޭ ސުވާލެކެވެ. ފުލުހުން، އެމީހުންގެ ޒިންމާ އަދާ ކުރުމަށް މައާފަށް އެދެން ޖެހޭތޯއެވެ.