ގެވެށި އަނިޔާގެ ތުހުމަތުގައި 34 އަހަރުގެ މީހަކު ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ރޭ 10:34 ހާއިރު ނޯތް ޕޮލިސް ޑިވިޝަނުގައި ހިމެނޭ ރަށެއްގައި އަންހެނަކާއި މެދު އޭނާގެ ފިރިމީހާ މާރާމާރީ ހިންގުމުގެ ސަބަބުން ސިއްހީ މަރުކަޒަށް ގެންދިޔަ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ، އަންހެން މީހާގެ ހާލު ސީރިއަސް ނޫން ކަމަށާއި، އޭނާއަށް ލިބިފައިވާ އަނިޔާތަކަށް ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަސެވެ.

މި މައްސަލާގައި ހިމެނޭ ފިރިހެން މީހާ އަކީ 34 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތުދީފައިވާއިރު، އޭނާ ވަނީ ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ރަށުގެ ބައެއް ރައްޔިތުން ވަނީ ރޭ އެރަށު ސިއްހީ މަރުކަޒު ކައިރިއަށް އެއްވެފައެވެ. ނަމަވެސް އެއްވި މީހުންނާއި ފުލުހުން ވާހަކަ ދެއްކުމަށްފަހު ފޮނުވާލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ. ގެވެށި އަނިޔާ ކުރުމުގެ މައްސަލަތަކަކީ ރާއްޖޭގައި ވަރަށް ގިނައިން ފެންމަތިވަމުންދާ މައްސަލައެކެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ މިފަދަ މައްސަލަތައް ރިޕޯޓް ކުރާ މިންވަރު ދަށް ކަން ވަނީ ފާހަގަ ކުރެވިފައެވެ.