އެމެރިކާގެ ރައީސްކަމުގެ މަގާމުން ޑޮނާލްޑް ޓްރަމްޕް އަޒުލުކުރުމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ކުރިއަށް ގެންދިޔަ ތަހުގީގުތަކުގައި، ޓްރަމްޕާ ދެކޮޅަށް ހެކި ބަސް ދެއްވި އިސް 2 އޮފިޝަލަކު މަގާމުން ދުރުކޮށްފިއެވެ.

އެމެރިކާއިން ވިލާތުގެ އިއްތިހާދު (އީޔޫ)އަށް ކަނޑައަޅާފައި ހުންނަ ސަފީރުކަމުގެ މަގާމުގައި ހުންނެވި ގޯޑަން ސަންޑްލޭންޑްއާއި ޔޫކްރައިންއާއި ބެހޭ އެމެރިކާ އަސްކަރިއްޔާގެ އިސް އޮފިސަރެއް ކަމަށްވާ ލެފްޓިނެންޓް ކާނަލް އެލެކްޒެންޑާ ވިންޑްމަން މަގާމުން ދުރުކުރެއްވީ، ސީދާ ޓްރަމްޕް ކަމަށް ޚަބަރު ލިބެއެވެ.

ގޯޑަން ވިދާޅުވީ، ވަގުތުން ވަގުތަށް މަގާމުގެ މައްސޫލިއްޔަތު ދޫކޮށްލެއްވުމަށް ޓްރަމްޕް އެދިވަޑައިގެންފައިވާކަމަށެވެ. އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން ފެނިގެންދިޔައީ، ވައިޓް ހައުސް އިން ލެފްޓިނެންޓް ކާނަލް ވިންޑްމަން ބޭރުކޮށްލެއްވުނު މަންޒަރެވެ.

ރައީސް ކަމުގެ މަގާމުގެ ޓްރަމްޕް އަޒުލުކުރުމަށް އިދިކޮޅު ޑިމޮކްރަޓުން ކޮންޓްރޯލް ކުރާ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެއިން ނިންމާ، ވެރިކަންކުރާ ރިޕަބްލިކަންސް ކޮންޓްރޯލް ކުރާ ސެނެޓަށް ހުށަހެޅުމުން، ސެނެޓުންވަނީ ޓްރަމްޕް އަޒުލުކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ކަނޑައަޅާ، އެމެރިކާގެ ވެރިކަމުގެ ދައުރު ފުރިހަމަ ކުރެއްވުމުގެ ފުރުސަތު ޓްރަމްޕަށް ކަށަވަރުކޮށްދެއްވާފައެވެ.